ކޯޓުން އަމުރެއް ނެރުމުން ވެސް ކޮވިޑް ޓެސްޓަށް ސާމްޕަލް ނުދިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެމީހަކީ ކޮވިޑް-19 ޖެހިފައިވާ ކަމަށް އަމިއްލައަށް ރަށުތެރޭގައި ވާހަކަ ދައްކާ ކޮވިޑްގެ އަލާމާތްތައް އެބަހުރި ކަމަށް ބުނެ އެޗްޕީއޭއަށް ވެސް އެ މައުލޫމާތު ހިއްސާ ކޮށްފައިވާ މީހެއް ކަމަށެވެ.
އެމީހާގެ ސާމްޕަލަ ނެގުމަށް އެ ރަށުގެ ހެލްތް ސެންޓަރުގެ ޓީމެއް ދިއުމުން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ސާމްޕަލް ދިނުމުގެ އަމުރެއް ކޯޓުން ނެރުމުން ވެސް އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.
އުމުރުން 46 އަހަރުގެ އެމީހާ މިހާރު ހައްޔަރު ކޮށްފައިވާއިރު އޭނާ ހުރީ ކ. ދިއްފުށީގަ އެވެ.
ކޯޓުން އަމުރު ނެރުމުން ވެސް ސާމްޕަލް ދޭން ދެކޮޅު ހެދި މީހަކު ހައްޔަރު ކޮށްފައި ވާއިރު ބައެއް މީހުންގެ މައްޗަށް ސާމްޕަލް ދިނުމަށް ކޯޓުން ވަނީ މީގެ ކުރިން ވެސް އަމުރު ނެރެފަ އެވެ. އަދި ކަރަންޓީން ފެސިލިޓީއަށްދާން ދެކޮޅު ހެދި މީހެއްގެ މައްޗަށް ވެސް ވަނީ އަމުރެއ ނެރުނެވެ. ނަމަވެސް މިއީ މިފަދަ މައްސަލައެެއްގައި މީހަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.