ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަމާޒު ބޯޓު: ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް

އަމާޒު ބޯޓާ ގުޅިގެން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އަމާޒު ބޯޓާ ގުޅުވައިގެން ޕޮޒިޓިވްވީ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ފެނުނު ނުވަ ކޭސްގެ އިތުރުން އިއްޔެ ރޭ އިތުރު ދެ މީހަކު އަދި މިއަދު އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި މީހުންގެ ތެރެއިން 10 މީހުންނަކީ ށ. ނަރުދޫއިން ޕޮޒިޓިވްވީ މީހުންނެވެ. އެމީހުންނަކީ އަމާޒު ބޯޓުން ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓްގެ ކެޕްޓަންގެ އާއިލީ މީހުންނެވެ. މީގެ އިތުރުން ށ. މިލަންދޫން މީހަކު ކުރިން ވަނީ ޕޮޒިޓިވްވެފައެވެ.

އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 13 ރަށަކަށް ބޯޓް ދަތުރުކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

ކޮވިޑަށް ޕޮޒިޓިވްވީ "އަމާޒް" ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.