ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 18 މީހަކު ރަނގަޅު ވެއްޖެ އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 127 އަށް އަރާފައެވެ.
މިރޭގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1313 އަށް އަރާފަ އެވެ. މިއަދު އެކަނިވެސް 39 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިވަގުތުވެސް އައިސޮލޭޝަންގައި 1127 މީހުން އެބަތިއްބެވެ. އަދި ކަރަންޓީންގައި 1650 މީހުން އެބަ ތިއްބެވެ.
މިހާތަނަށް ރާއްޖެއިން 18،111 ސާމްޕަލް ވަނީ ނަގާފައެވެ.
މި ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެސް ވެފައެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ. ތިން ދިވެހިންނަކީ ވެސް އުމުރުން ދުވަސްވީ މީހުނެވެ.
މީގެ އިތުރުން ކޮވިޑް ޖެހުމަށްފަހު ރަނގަޅުވީ ދުވަސްވީ އަންހެން ވަނީ މަރުވެފަ އެވެ. އެއީ ނ. މަނަދޫން ފުރަތަމަ ކޮވިޑް ޖެހުނު މީހާ އެވެ. އެމީހާ އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް އިއްޔެ އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ. ދުވަސްވީ އެ އަންހެން މީހާއަކީ އެހެން ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހަކެވެ.