ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 101 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 101 އަށް އަރާ ކަމަށެވެ. އެއީ އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން މިއަދުގެ ނިޔަލަށެވެ. މި މީހުންނަކީ ކުރިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާ ޑައިރެކްޓްކޮށްޓެކްޓްވި މީހުންނެވެ. ކްލަސްޓާއަކާ ގުޅިފައިނުވަނީ ދެ ކޭހެކެވެ.

މިއީ މިދިޔަ ހަފްތާގެ ފަހުން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ. ކޮވިޑަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައި މިވަނީ ލޮކްޑައުންއަށް ލުއިތަކެއް ދީފައިވަނިކޮށެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 79 މީހަކީ އެއް ކްލަސްޓާއަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ. އަދި މިއަދުގެ އަދަދު ގިނަވީނަމަވެސް އެއީ ލޮކްޑައުންއަށް ލުއި ދިނުމުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހަތް ދިވެހިންވެސް ހިމެނެއެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 1773 އަށް އަރާފައެވެ. މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 1313 މީހުންނަށެވެ. އޭގެ ތެރެއިން 13 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އައިސީޔޫގައި ފަރުވާ ދޭ މީހުންގެ ހާލުވެސް އެހާ ގޯސް ނޫން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. އަދި 453 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުނުތާ މިއަދަށް 85 ދުވަސްވެފައިވާއިރު ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިތަކެއް ވަނީ ދީފައެވެ.