ބޮލީވުޑް

ހޮލީވުޑަށް ތައާރަފުވާން ތިބި ބޮލީވުޑް ތަރިން

ބޮލީވުޑްގެ ވަރަށް ގިނަ އެކްޓަރުންނަށް ހިންދީ ސިނަމާގެ ދަތުރު ނިންމާލަން ބޭނުން ވަނީ އިންޓަނޭޝަނަލް ސިނަމާއިންނެވެ. އިންޑިއާގެ ތަރިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްޅާ، ވީރް ދާސް، އިރްފާން ޚާން، އަލީ ފަޒަލް އަދި އަނޫޕަމް ކޭރް ފަދަ ތަރިން ވަނީ މި ހުވަފެން ހަގީގަތަކަށް ވެސް ހަދާފަ އެވެ. އަދި މިހާރު ވެސް ވަރަށް ގިނަ ތަރިން ދަނީ އިންޓަނޭޝަނަލް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ. އަނެއް ބަޔަކު ގެންދަނީ އެ ފަދަ ފިލްމުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރު ތެރޭގައި އިންޓަނޭޝަނަލް ސިނަމާއަށް ތައާރަފުވާނެ އަދި ތައާރަފުވާން ތައްޔާރުވަމުންދާ ހަ އެކްޓަރުން މިހާރުވެސް އެބަތިއްބެވެ.

އޭގެ ތެރެއިން އެކަކީ ޕަންކަޖް ޓްރިޕާތީ އެވެ. "މިރްޒާޕޫރް" ގައި މޮޅު ރޯލެއް ކުޅެފައިވާ އެކްޓަރު ޕަންކަޖް އިންޓަނޭޝަނަލް ސިނަމާއަށް ތައާރަފް ވާނީ "އެކްސްޓްރެކްޝަން" އިންނެވެ. ބޮލީވުޑް ފިލްމުތަކުގެ ތެރެއިން މިހާރު އޭނާ ކުޅެމުންދާ ފިލްމުތަކުގެ ތެރޭގައި ކަބީރް ޚާން ޑައިރެކްޓްކުރާ "83" އާއި ގުންޖަން ސަކްސޭނާ ބައޮޕިކް "ދަ ކާގިލް ގާލް" އަދި "މިމީ" ހިމެނެ އެވެ.

ދެ ވަނަ ތަރިއަކީ ރިތިކް ރޯޝަން އެވެ. ރިތިކްގެ ފުރަތަމަ ހޮލީވުޑް ފިލްމު އަދި އިއުލާން ނުކުރިޔަސް އެމެރިކާގެ އެޖެންސީއަކާ ގުޅިގެން އިންޓަނޭޝަނަލް ފިލްމުތައް ހޯދުމުގެ މަސައްކަތް ރިތިކް ވަނީ ފަށާފަ އެވެ. މިހާރުވެސް ރިތިކް ދަނީ އިންޓަނޭޝަނަލް ފިލްމުތަކުގެ ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔަމުންނެވެ. އަދި މިއަހަރު ތެރޭ އޭނާ މިފަދަ ފިލްމެއްގައި ސޮއި ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ސުނިލް ޝެޓީ ވެސް މިހާރު ވަނީ ހޮލީވުޑަށް ތައާރަފުވުމުގެ މަގުމަތީގަ އެވެ. އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ކޯލް ސެންޓާ" ގެ ޝޫޓިންގް ވެސް ވަނީ ފަށާފަ އެވެ. އެމެރިކާ-ޗައިނާ ޑައިރެކްޓަރު ޖެފްރީ ޗިން މި ފިލްމު ބިނާ ކޮށްފައި ވަނީ ހަގީގީ ހާދިސާތަކެއްގެ މައްޗަށެވެ. މި ފިލްމުގެ ޝޫޓިން އިންޑިއާގެ ހައިދަރުއާބާދުގައި ކުރިޔަށްދާތާ ހަ މަސް ދުވަސް ވެއްޖެ އެވެ.

ޑިމްޕަލް ކަޕާޑިއާ ވެސް ވަނީ ހޮލީވުޑް ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ. އޭނާ ކުޅެން ސޮއިކުރީ ކްރިސްޓޮފާ ނޯލާންގެ "ޓެނެޓް" އެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ޖޯން ޑޭވިޑް ވޮޝިންޓަން، ރޮބަޓް ޕެޓިންސަން، އެލިޒަބަތު ޑެބިކީ، މައިކަލް ކެއިން އަދި ކެނެތު ބްރަނާގް ހިމެނެ އެވެ. މި ފިލްމުގެ ޝޫޓިން މުމްބައިގައި ކުރިޔަށް ގެންގޮސްފައި ވެއެވެ.

ހިންދީ ފިލްމު "ބާވޭޝް ޖޯޝީ" އިން ބޮލީވުޑަށް ތައާރަފްވި ޕްރިޔަންޝޫ ޕައިންޔޫލީ އަށް ވެސް ބޮލީވުޑް ބައެއް ފިލްމުތަކުގެ އިތުރުން އިންޓަނޭޝަނަލް ފިލްމެއް ވެސް ކުޅެން ލިބިފައި ވެއެވެ. އޭނާ ކުޅެނީ ކްރިސް ހެމްސްވާތު ބަތަލުގެ ބައި ކުޅޭ "އެކްސްޓްރެކްޝަން" އެވެ. "ބާވޭޝް ޖޯޝީ"ގައި ޕްރިޔަންޝޫ ކުޅުނު މައުސޫމް ފިރިހެންކުއްޖެއްގެ ރޯލާ ޚިލާފަށް "އެކްސްޓްރެކްޝަން"ގައި އޭނާ ކުޅެނީ ޑްރަގް ޑީލަރެއްގެ ރޯލެވެ.

"އެކްސްޓްރެކްޝަން"ގައި ބައިވެރިވާ ބޮލީވުޑްގެ އަނެއް އެކްޓަރަކީ ރަންދީޕް ހޫޑާ އެވެ. ރަންދީޕް އަށް މި ފިލްމުގައި ވަރަށް މުހިއްމު އަދި ވަރުގަދަ ރޯލެއް ކުޅެން ވަނީ ލިބިފަ އެވެ.