ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު މި ދެތިން ދުވަހު މަދުވީނަމަވެސް ކުރިއަށް އޮތްތާ އެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިދިޔަ ތިން ދުވަހު ޕޮޒިޓިވް ކޭސްތައް މަދުވީނަމަވެސް އެއީ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށައް ދިއުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.
މިހާތަނަށް ފެނުނު އެންމެ ބޮޑެތި ކްލަސްޓާތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިޔަ ތަންތަނުގެ ކްލަސްޓާ ހިމެނިފައިވާ ކަމަށާ އަދިވެސް ބަލަންޖެހޭ ގިނަ ތަންތަން ހުރުމުން އެފަދަ ތަންތަނުން ފެންނަ ޕޮޒިޓިވް އަދަދުތަކާއެކު ރާއްޖޭގެ ނަންބަރު މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަަލް ވިދާޅުވިއެވެ.
"..އަދި އަޅުގަނޑުމެން 'ރިލެކްސް' ވާކަށް އަޅުގަނޑު ނުބުނާނަން. މިިދިޔަ ތިން ދުވަހު މަދުން ފެނިފައިވީނަމަވެސް ވަރަށް ބޮޑަށް އެކަށީގެންވާ ކުއްލިއަކަށް ހުރެލާފަ ބޮޑު ކްލަސްޓާއެއް ފެނިފައި ނަންބަރުތައް ހައިވުން."
އަދި އަޅުގަނޑުމެން 'ރިލެކްސް' ވާކަށް އަޅުގަނޑު ނުބުނާނަން. މިިދިޔަ ތިން ދުވަހު މަދުން ފެނިފައިވީނަމަވެސް ވަރަށް ބޮޑަށް އެކަށީގެންވާ ކުއްލިއަކަށް ހުރެލާފަ ބޮޑު ކްލަސްޓާއެއް ފެނިފައި ނަންބަރުތައް ހައިވުންޑރ. އިބްރާހިމް އަފްޒަލް
ބިދޭސީން އުޅެމުންދިޔަ ތަނަކުން 95 މީހުން ވަނީ އެދުވަހާ ޕޮޒިޓިވްވެފައެވެ.
އަފްޒަލް ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން އުޅެމުންދާ 23 ތަނެއް ފާހަގަކުރެވިފައިވާއިރު މިހާތަނަށް ބެލިފައިވަނީ އެންމެ ހަތް ސައިޓެއް ކަމަށެވެ. އެހެންވީމަ އިތުރަށް ބަލާ ސައިޓްތަކުން އަދަދުތައް އިތުރުވުމުގެ ފުުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 527 އަރާފައެވެ. އެއީ 181 ދިވެހިންނާއި 346 ބިދޭސީންނެވެ.
މިއަދު މި ބައްޔަށް ޕޮޒިޓިވްވީ ހަ މީހުންނެވެ. އިއްޔެ ޕޮޒިޓިވްވީ 28 މީހުންނެވެ. ހުކުރު ދުވަހުވެސް ވަނީ 23 މީހަކު ޕޮޒިޓިވްވެފައެވެ. މި އަދަދުތަކަކީ ކުރީ ދުވަސްތަކާއި ބަލާއިރު ނިސްބަތުން މަދު އަދަދުތަކެކެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އަފްޒަލް ވިދާޅުވީ ރާއްޖެއިން ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ކުޑަކޮށް ނޫނީ އަލާމަތްތައް ފެންނަން ނުހުންނަ މީހުންނެވެ. އަދި އެއްގޮތަކަށްވެސް ބަލީގެ އަލާމަތް ނެތް މީހުންވެސް ގިނަ ކަމަށް ވިދާޅުވިއެވެ.
އެހެން ކަމުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމުގެ ފުުރުސަތު ނޯންނަ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ޕޮޒިޓިވްވެފައިވާ ކަމަށް ފެންނަ އަދަދުތަކަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައި ހުރެ އެކަން ނޭންގި އޮތުމަކީވެސް ވެދާނެ ކަމެއް ކަމަށް އަފްޒަލް ވިދާޅުވިއެވެ.
އަދި ބަލި ޖެހުމަށްފަހު ނޭންގި ހުރެ ރަނގަޅުވުމުގެ ފުރުސަތުވެސް އޮވެދާނެ ކަމަށް ވިދާޅުވިއެވެ
"..އެެހެންވީމަ އެކަށީގެންވޭ އަޅުގަނޑުމެންނަށް ނޭންގޭ ފޯކަސްތަކެއް ހުރުން. އެހެންވީމަ މިހާރު ފެންނަ އަދަދަށްވުރެ ގިނަ ބަޔަކަށް ބަލި ޖެހިފައި ހުރުމުންވެސް. އަދި އެއްވެސް އަލާމާތެއް ނުފެނި ރަނގަޅުވާ މީހުންވެސް ތިބެދާނެ. އެހެންވީމަ ބަލިޖެހި ރަނގަޅުވެފައި ތިބި ބަޔަކު ރާއްޖޭގައި ތިބުމުގެ ފުުރުސަތުވެސް އޮވެދާނެ." ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.