މެންޗެސްޓާ ސިޓީ

ޔޫރަޕްގެ ޖާގަ ނުލިބޭނަމަ ޑިބްރައިނާ ސިޓީން ގޮސްފާނެ

ޔޫރަޕްގެ ކުލަބު މުބާރާތުގައި ކުރިއަށް އޮތް ދެ ސީޒަންގައި ވާދަ ނުކުރެވޭ ގޮތަށް، މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅަށް ލުއި ނުލިބޭ ނަމަ ޓީމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ސިޓީގެ މިޑްފީލްޑާ ކެވިން ޑި ބްރައިނާ ދީފި އެވެ.

ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފު ވެފައި ވާތީ، ޔޫއެފާއިން ވަނީ ސިޓީއާ ދެކޮޅަށް ފިޔަވަޅު އަޅާފަ އެވެ. އެ ފިޔަވަޅަކީ ކުރިއަށް އޮތް ދެ ސީޒަނަށް ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އަދަބު ދިނުމެވެ.

އަމިއްލަ ގައުމު ބެލްޖިއަމްގެ "ހެޓްލާސްޓީ ނިއުންސް" އަށް ދިން އިންޓަވިއުގައި ޑި ބުރައިނާ ބުނީ، ޔޫއެފްއާގެ އުސޫލުތަކާއި ހިލާފު ވެފައި ނުވާނެ ކަމުގެ ޔަގީންކަން ކުލަބުން ދޭ ކަމަށެވެ. އަދި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވުމުން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ވެސް ކުލަބު ދޭ ކަމަށެވެ.

އޭނާ ބުނީ ކުލަބުން ބުނަނީ ތެދު ކަމަށް ވާނަމަ އޭނާ އެކަން ގަބޫލު ކުރާ ކަމަށެވެ. އަދި ކުލަބަށް އިތުބާރު ވެސް އެބައޮތް ކަމަށާއި ނަމަވެސް ކަންކަން ބިނާ ވަނީ އިސްތިއުނާފް ނިމިގެން ދާނެ ގޮތަކަށް ކަމަށް، ބެލްޖިއަމްގެ މިޑްފީލްޑަރު ބުންޏެވެ.

"ފައިނަލް ނިންމުން ނިމިގެން ދިޔައީމަ އަހަރެން ވެސް އެކަމަށް ބަލާނަން،" އިންޓަވިއުގައި ޑިބްރައިނާ ބުންޏެވެ. "ދެ އަހަރު ވަންދެން ޗެމްޕިއަންސް ލީގް ނުކުޅެވުމަކީ ވަރަށް ދިގު މުއްދަތެއް، އެއް އަހަރު ނަމަ އަހަންނަށް ވެސް އެކަމުގައި ހިފަހައްޓާ ލެވިދާނެ."