ކުޅިވަރު

ސިޓީގެ ޑޭވިޑް ސިލްވާ ލާޒިއޯއަށް

މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަ ކުރުމަށް ފަހު ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފައިވާ ޑޭވިޑް ސިލްވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމުގައި ލާޒިއޯއަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ސިޓީގެ ސްޓޭޑިއަމްގައި ސިލްވާ ކުޅުނު އެންމެ ފަހު މެޗު ޕްރިމިއާ ލީގްގައި އޭނާ ވަނީ ކުޅެފަ އެވެ. މިވަގުތު އޭނާ ހުރީ ޗެމްޕިއަންސް ލީގްގައި ވާދަ ކުރުމަށް ސިޓީގެ ސްކޮޑާއެކު ޕޯޗްގަލްގަ އެވެ.

ލާޒިއޯއިން ވަނީ ސިލްވާ 34، ހިތްހަމަޖެހޭވަރުގެ މުއްދަތެއް ހިމެނޭ އެއްބަސްވުމެއް ހުށަހަޅާފަ އެވެ. ސްޕެއިންގެ އެޓޭކިން މިޑްފީލްޑާ ގަބޫލު ކުރާ ގޮތުގައި ޓޮޕް ލެވަލްގައި އޭނާ އަދި ފަސް އަހަރު ކުޅެވޭނެ އެވެ. އިޓާލިއަން ލީގްގެ ހަތަރު ވަނައިގައި ނިންމާލުމުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ލާޒިއޯ ވަނީ ކޮލިފައި ވެފަ އެވެ.

ޓީމުގެ ތަރި ޗީރޯ އިމްމޯބިލޭގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް އެ ޓީމުން ވަނީ ފަށާފަ އެވެ. އިޓަލީގެ މިޑީއާ ރިޕޯޓްތައް ބުނާ ގޮތުގައި އިމްމޯބިލޭއާއެކު 2025 ވަނަ އަހަރަށް އެއްބަސްވުން ހެދުމަށް ލާޒިއޯއިން ދަނީ ވާހަކަ ދައްކަމުންނެވެ. އަދި ފެނަބާޗޭއަށް ކުލެމުންގެންދާ ވެޑާޓް މަރީކީ ލާޒިއޯއަށް ގެނައުމަށް އެ ކުލަބުން ދަނީ ފެނަބާޗޭއާ ވާހަކަ ދައްކަމުންނެވެ. ކޮސޯވޯގެ ސްޓައިކަރު މަރީކީގެ ޓްރާންސްފާއަށް ލާޒިއޯއިން ހުށަހަޅާފައިވާ 16 މިލިއަން ޔޫރޯ އާމެދު ފެނަބާޗޭއިން ހިތްހަމަ ޖެހެ އެވެ.

ކުޅުންތެރިންގެ އިތުރުން ޓީމުގެ ކޯޗް ސިމޯނޭ އިންޒާގީގެ ކޮންޓްރެކްޓް އާ ކުރުމަށް ވެސް ލާޒިއޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަހަރަކު ތިން މިލިއަން ޔޫރޯ އަށް އިންޒާގީގެ މުސާރަ އިތުރު ކުރުމަށް ލާޒިއޯއިން އޮތީ ތަްޔާރަށެވެ. އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ލާޒިއޯ އަށް ހޯދައިދީ އަދި މިއަހަރު ސެރީ އޭ ގެ ތައްޓަށް ވާދަ ކުރި ކޯޗްގެ މިހާރުގެ މުސާރައަކީ އަހަރަކު ދެ މިލިަން ޔޫރޯ އެވެ.