ޓްރާންސްފާ މާކެޓް

ވެލެންސިއާގެ ފެރާން ޓޯރޭޒް ސިޓީއަށް

ވެލެންސިއާގެ ޒުވާން ވިންގާ، ފެރާން ޓޯރޭޒް، އަންނަ ސީޒަނަށް މެންޗެސްޓާ ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

ދެ ކުލަބުގެ ދެމެދު ކުރި މަޝްވަރާތަކަށް ފަހު އިއްޔެ ވެލެންސިއާއިން އެއްބަސްވެފައި ވަނީ 27 މިލިއަން ޔޫރޯއަށް ޓޯރޭޒް ސިޓީއަށް ވިއްކާލުމަށެވެ، އަދި އެކުލަބަށް އެޑްއޯންސްގެ ގޮތުގައި އިތުރު ބޯނަސްތައް ދިނުމަށް ވެސް ސިޓީން ވަނީ އެއްބަސް ވެފަ އެވެ.

ވެލެންސިއާއިން ކުރިން ބޭނުންވީ ޓޯރޭޒްގެ އަގަކަށް 45 މިލިއަން ޔޫރޯ އެވެ. އެހެން ނަމަވެސް އޭނާގެ ކޮންޓްރެކްޓް ހަމަވާން ބާކީ އެއްއަހަރު އޮތުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާއަށް އަންނަ އަހަރު ކުލަބު ބަދަލު ކުރުމުގެ ފުރުސަތު އޮތުމުން، ހިލޭ ޓްރާންސްފާއަކަށް ވިޔަ ނުދިނުމަށްޓަކައި ވެލެންސިއާ އިން ނިންމީ އަގު ދަށް ކުރުމަށް ފަހު ސިޓީއަށް އޭނާ ދޫކޮށްލުމަށެވެ.

ސިޓީ ދޫކޮށް، ބަޔާން މިޔުނިކަށް ބަދަލުވި ލިރޮއީ ސަނޭގެ ބަދަލުގައި ސިޓީގެ ކޯޗް ގާޑިއޯލާ ބޭނުންވާ ކުޅުންތެރިޔަކީ ޓޯރޭޒް އެވެ. މި ސީޒަންގައި އޭނާ ވަނީ ވެލެންސިއާ އާއެކު މޮޅު ކުޅުމެއް ދައްކާފަ އެވެ. ޗެމްޕިއަންސް ލީގްގައި ވެލެންސިއާ އަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔަކީ ޓޯރޭޒް އެވެ. އަދި ވެލެންސިއާގެ ޓީމާއެކު ލަލީގާގައި 50 ވުރެ ގިނަ މެޗު ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ޓޯރޭޒް،20 ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ސިޓީ އާއެކު އެއްބަސްވުން ހަދަން ނިންމާފަ އެވެ.