ހަބަރު

މާޕް އިން ވެބިނާ ސެޝަންތަކެއް ބާއްވަނީ

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ވެބިނާ ސީރީޒްތަކަކާއި އޮންލައިން ވޯކްޝޮޕްތަކެއް ހިންގުމަށް ނިންމައިފި އެވެ.

މި ސެޝަންތަކުގެ އެންމެބޮޑު ބޭނުމަކީ ކޮރޯނާ ވައިރަސްގެ މި ހާލަތުގައި ގޭގައި ބަންދުވެފައިތިބި ފަރާތްތައް، ހާއްސަކޮށް އެޗްއާރު ކޮމިއުނިޓީ، ފައިދާހުރި މިފަދަ ކަމެއްގައި އެންގޭޖްކޮށް ތިބެވޭނެ ފުރުސަތު ހޯދައިދިނުމަށް ކަމަށް މާޕް އިން ވަނީ ބުނެފައެވެ.

މިގޮތަށް ބޭއްވިގެންދާ ފުރަތަމަ ސެޝަން މެއި މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދާނީ މަޝްހޫރު ގްލޯބަލް ކީނޯޓް ސްޕީކާ އޮން ގްރެޓިޓިއުޑް، ހެޕިނަސް އެންޑް ޕްރޮޑަކްޓިވިޓީ އަދި ރައިޓާ ޝާނަޗީނޯ އެވެ. ޝާނަޗީނޯ މިހާތަނަށް ވަނީ ތަފާތު 12 ފޮތް ޕަބްލިޝް ކޮށްފައެވެ.

ދެވަނަ ވެބިނާ މެއި 27 ވަނަ ދުވަހު ބޭއްވިގެންދާނީ "އިމޯޝަނަލް އިންޓެލިލިޖެންސް – އެން އެސެންޝިއަލް ސްކިލް ޓު ލީޑް ތްރޫ ކޮވިޑް" މި ނަމުގައެވެ. މިސެޝަން ކުރިއަށް ގެންދާނީ މީހުން ބިނާކުރުމުގެ ދާއިރާއިން މަޝްހޫރު ކޯޗެއް ކަމުގައިވާ ސާރާ ބަލިންގާ އެވެ.

މާޕްއިން ގެންދަނީ ޖޫންމަހު ތެރޭގައި އޮންލައިން އެޗްއާރު ސަމިޓެއްވެސް ބޭއްވުމަށް ތައްްޔާރުވަމުންނެވެ. މި ސަމިޓްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ މަޝްހޫރު ބޭފުޅުން މުހިއްމު މައުލޫތަކަށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިޔަށް ރޭވިފައިވާ ހަރަކާތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރު ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ މި ހާލަތުގައި، އެޗްއާރު ޕްރޮފެޝަނަލުން ވާންޖެހޭނީ މުޖްތަމައުއަށް ހިތްވަރު ދޭ ބަޔަކަށް ކަމަށެވެ. އެގޮތުން ކުރިޔަށް ރޭވިފައިވާ ސެޝަންތަކުން އެފަދަ މައުލޫމާތުތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"..މާޕްގެ އަމާޒަކީ މިގޮތަށް އޮންލައިންކޮށް ބޭއްވިގެންދާ ސެޝަންތަކުން މާޕްގެ މެމްބަރުންނަށާއި މުޅި ކޮމިއުނިޓީއަށް އުގެނުމުގެ ތަފާތު ފުރުސަތުތައް ހޯދައިދިނުން." އަފީފް ވިދާޅުވިއެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ.