ދުނިޔެ

މުޅި ދުނިޔޭގައި އަހުމަދުގެ ވާހަކަ

Sep 17, 2015

ގަޑިއެއް އުފައްދައިގެން ހައްޔަރު ކުރި އަހްމަދަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ގެ ތައުރީފް ލިބި ބޮޑު މަޝްހޫރުކަމެއް ލިބިއްޖެ އެވެ.

ޓެކްސަސް ގެ ސްކޫލެއްގައި ކިޔަވަމުންދާ 14 އަހަރުގެ އަހްމަދު މުހައްމަދު ފަރުގާލު ފޮއްޓެއް ބޭނުންކޮއްގެން ޑިޖިޓަލް ގަޑިއެއް ހަދައި އޭތި ސްކޫލަށް ގެންދިޔައީ ޓީޗަރަށް ދައްކާލާށެވެ. އެކަމަކު އޭނާ ހީކުރި ގޮތާ ހިލާފަށް އިނގިރޭސި ޓީޗަރު މި މައްސަލަ ރިޕޯޓު ކުރީއެވެ.

އަދި ފުލުހުން އަހްމަދު ހައްޔަރުކޮއްގެން ގެންދިޔައީއެވެ. "އެމީހުން އަހަރެން ހައްޔަރު ކުރީ. ބުނީ ފޭކް ބޮމެއް ހެދުމުގެ ކުށުގައި ކަމަށް."

އަހްމަދުގެ ގަޑިއާއި އެކު، އޭނާ އަށް ވަނީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައެވެ. ބަރަކް އޮބާމާ ވިދާޅުވީ އަހްމަދުގެ ގަޑި ވަރަށް ސަޅި ކަމަށާއި، ވަޢިޓް ހައުސް އަށް އެ ގަޑި ހިފައިގެން އައުމަށް ދައުވަތު ދޭ ކަމަށެވެ. އަދި އެމެރިކާ ގެ ކުރިއެރުމަކީ މިފަދަ ފަރާތްތަށް ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ވެސް ވަނީ އޭނާގެ އޮފީހަށް އައުމަށް އަހްމަދަށް ދައުވަތު ދީފައެވެ. "މިކަހަލަ ސަޅި އެއްޗެއް އުފެއްދުމުގެ ހުނަރާއި ހިއްވަރު ހުރި ކުއްޖަކަށް ދޭން ޖެހޭނީ ތަރުހީބު. ކުރަން ޖެހޭނީ ހައްޔަރެއް ނޫން. މުސްތަގްބަލްގެ އޮތީ އަހްމަދު ކަހަލަ ކުދިންނަށް. ފޭސްބުކަށް އަންނަން ހުރިކަމަށް ވާނަމަ އެ ފުރުސަތު އެބަ އޮތް. އަހަރެން އަހްމަދާ ބައްދަލުކޮއްލަން ވަރަށް ބޭނުން. އީޖާދުތައް ކުރިއަށް ގެންދޭ" ޒަކަބާގް ބުނެފައިވެއެވެ.

އަންނަ މަހު އޮންނަ އެސްޓްރޮނޮމީ ނައިޓް އަށް ވެސް އަހަމަދަށް ވަނީ ދައުވަތު ލިބިފައެވެ. މިއީ އެސްޓްރޮނޯޓުންނާއި، ސައިންޓިސްޓުން ބައިވެރިވާ އިވެންޓެކެވެ. މީގެ އިތުރުން އެމެރިކާގެ ތައުލީމާ ބެހޭ ވަޒީރުގެ ތައުރީފް ވެސް އަހްމަދަށް ވަނީ ލިބިފައެވެ.

އަހްމަދުގެ މަޝްހޫރުކަން އިތުރުވެ އެތައް ބަޔަކު ދަނީ އޭނާއަށް ތާއީދާއި ތައުރީފް ޓްވިޓާ ގައި އޮއްސަމުންނެވެ.

އަހްމަދު މުހައްމަދަކީ މިއަހަރު ކުރީކޮޅު ސޫދާނުގެ ރައީސް ކަމަށް ކުރިމަތިލީ މުހައްމަދު އެލްހަސަން ގެ ދަރިފުޅެވެ. މުހައްމަދު އެލްހަސަން ބުނީ އޭނަގެ ދަރިފުޅަކީ ވަރަށް ތޫނު ފިލި ކުއްޖެއް ކަމަށާއި ގައުމަށް ބޭނުންވަނީ ދަރިފުޅު ކަހަލަ މީހުން ކަމަށެވެ. އަހްމަދު ބުނެފައިވަނީ އޮބާމާގެ ދައުވަތަށް އިޖާބަ ދޭނެ ކަމަށެވެ. އަދި އެހެން ސްކޫލަކަށް ބަދަލު ވާނެ ކަމަށެވެ.