ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އެލަވަންސެއްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.
މިއަދު އެންއީއޯސީގައި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ފުރަތަމަ ގިންތިކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތައް ކަމަށެވެ.
އަމީރު ވިދާޅުވި ގޮތިގައި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
ދެވަނަ ގިންތިކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެ އެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ، ނަމަވެސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އަމީރު ވަނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އިދާރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން ޑެޕިޔުޓީ މިނިސްޓަރެއްގެ މުސާރައާ އެއްހަމައެއްގެ މުސާރަ ލިބޭ ފަރާތްތަކަށް މި އެލަވަންސް ނުލިބޭނެ ކަމަށެވެ. އޭގެ އިތުރުން، މި ކަމާ ގުޅިގެން، މިހާރުވެސް ހާއްސަ އެލަވަންސެއް ދޭ އިދާރާއެއްގެ މުވައްޒަފުންނަށް މި އެލަވަންސް ސްކީމުގައި ނުހިމެނޭކަމަށް އަމީރު އިތުރަށް ވިދާޅުވި އެވެ.