ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު ހަ މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުން ނިންމާލުމުގެ ކުރިން ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ޕްރެސް ކުރިއަށް ދަނިކޮށް އިތުރު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ބިދޭސީން ނިސްބަތްވަނީ ބަންގްލަދޭޝް އަދި އިންޑިއާ އަށެވެ. އެއީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ ދެ މީހެކެވެ.

މި މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 648 އަށް އަރާފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާގެ ދުވަސްތަކަށްވުރެ މި ހަފުތާގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދު މަދެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު އެކަނި ވެސް 191 މީހުން ޕޮޒިޓިވްވި އެވެ.

ސިއްހީ މާހިރުން ވަނީ ކުރިއަށް އޮތް ދެ ހަފުތާގައި މާލެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާ ކޮށްފަ އެވެ.