ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުނުން ނުކުމެވޭނެ ތަނެއް އަދި ނުފެނޭ!

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ މިވަނީ ލޮކްޑައުން ކޮށްފައެވެ. ގެއިން ބޭރަށް ނުކުމެ އުޅުމާއި، މާލެއިން ފުރައިގެން ދިއުމާއި މާލެ އެރުން ވެސް އެއީ ހާއްސަ ހުއްދައެއް ލިބިގެން ކުރެވޭ ކަމަކެވެ. މާލެ ލޮކްޑައުންއަށް ގެންދިޔައީ މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެނެވެ. މާލެ ފުރަތަމަ ލޮކްޑައުންކުރީ 24 ގަޑިއިރަށެވެ. އޭގެ ފަހުން އިތުރު ދެ މީހަކު ޕޮޒިޓިވްވެ ހާލަތު ބަދަލުވުމުން އެ މުއްދަތު އިތުރު 24 ގަޑިއިރަށް ދަންމާލި އެވެ. ނަމަވެސް ކުރިމަތިވާ ނުރައްކާ ކުޑަ ނޫންކަން އެ 24 ގަޑިއިރުގެ ތެރޭގައި ޔަގީން ކުރެވުނީ މާލެއިން ފުލުފުލުގައި ކޮވިޑަށް މީހުން ޕޮޒިޓިވްވާން ފެށުމުންނެވެ. އެހެންވެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރީ އެެވެ.

އޭޕްރީލް 17 ވަނަ ދުވަހު އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު ހަމަވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން އިތުރު 14 ދުވަހަށް ލޮކްޑައުންގެ މުއްދަތު މިއޮތީ ދަންމާފަ އެވެ. މި ދަމައިލުން ނިމޭނީ މިމަހުގެ 14 ވަނަ ދުވަހަށެވެ.

ކޮވިޑްގެ މައުލޫމާތު ހާމަކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލްވުމުންތަކުގައި ކުރިއަށް އޮތް ދެ ހަފުތާއަކީ އަދި މި މަހުގެ ފަހު ދުވަސްތަކަކީ ކޮވިޑްގައި އެންމެ ނާޒުކު ދުވަސްތަކަށް ވެދާނެ ކަމަށް ސިއްހީ މާހިރުން ވަނީ އަންދާޒާ ކޮށްފަ އެވެ. އެހެން ކަމުން ކަންކަން ބަދަލުވަމުން ދާ ގޮތުން 28 ދުވަސް ފަހުން ވެސް މާލެ ހުޅުވާ ނުލެވޭނެ ކަމަށް މިހާރު މި ވަނީ ބެލެވިފަ އެވެ.

މިހާރު އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވުމުގެ ކުރިން މި މަހުގެ ނިޔަލަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް މެއި މަހުގެ ނިޔަލަށް ދެމި އޮންނާނެ އެވެ. އެ މުއްދަތުވެސް އިތުރުކޮށްފައި އެވަނީ ދެވަނަ ފަހަރަށެވެ.

ޓެގް ޓީމުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 22 ދުވަހަކީ ސަމާލު ނުވެއްޖެނަމަ ވަރަށް އުނދަގޫ ދުވަސްތަކެެކެވެ. އެކަމާ ގުޅޭ ބައެއް މައުލޫމާތުތައް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މި މަހުގެ ފަހު 15 ވަރަކަށް ދުވަހު ކޮވިޑްގައި ރާއްޖޭގައި ހާލަތު އޮންނާނެ ކަމަށް ލަފާކުރެވޭ ނަންބަރުތަކެއް ޑރ. ޝީނާ މޫސާ ވަނީ ދެއްވާފަ އެވެ.

ނަމްބަރުތައް ދައްކާ ގޮތުން ކޮވިޑް-19 ގެ ހާލަތު މިހާރު ރާއްޖޭގައި އޮތް ގޮތުން އަދި 77،000 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ބެލެވެ އެވެ. ބަލީގެ ހާލަތު އެންމެ ބޮޑުވާ ދުވަހު 1،500 މީހުން ޕޮޒިޓިވްވުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ރާއްޖޭގެ ހާލަތު ހުރި ގޮތުން އޭގެ ތެރެއިން ދެނެގަނެ ވޭނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ މީހުންނެވެ. ދެނެގަނެވޭނެ ކަމަށް ސިއްހީ މާހިރުން ދެއްވ އަންދާޒާއަކީ 400 މީހުންނެވެ. އެހެން ކަމުން ވައިރަހުގެ އަސަރު ހުރެ، ނޭނގި 1،100 މީހުން ތިބޭނެ އެވެ.

ޝީނާގެ ނަމްބަރުތަކުން އެ ދުވަހަކީ އެންމެ ގިނަ ބަޔަކު އެޑްމިޓް ކޮށްގެން ފަރުވާދޭން ވެސް ޖެހޭނެ ދުވަހެވެ. ބަލީގެ ހާލަތު ޕީކަށް ދާއިރު ހަމައެކަނި އައިސީޔޫގައި ވެސް 100 މީހުންނަށް ފަރުވާދޭން ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. މި ކަން ކަމަށް ބަލާއިރު ރާއްޖޭއަށް އުނދަގޫ ދުވަސްތައް އަދި ކުރިއަށް އޮތީ އެވެ.

އާ ޕްރޮޖެކްޝަންސްގެ އަންދާޒާ

  • 77،305 މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް
  • 900 މީހުން މަރުވެދާނެ
  • ޕީކް ޑޭ ގައި 1،562 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާވޭ
  • އެ ދުވަހު ދެނެގަނެވޭނީ 390 ކޭސް ކަމަށް ލަފާވޭ
  • 13،568 މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ
  • ޕީކް ޑޭ ގައި 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ
  • މި މުއްދަތުގައި 101 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭނެ
  • ދުވާލަކު 300 މީހުން ޕޮޒިޓިވްވުމަކީ އެކަށީގެންވާ ކަމެއް
  • ޓެސްޓް ކުރެވޭނަމަ އެ އަދަދު ފެންނާނެ ކަމަށް ބެލެވޭ

ޝީނާ ވަނީ މިމަހުގެ ބާކީ އޮތް ދުވަސްތަކުގައި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ: "މި މަހުގެ ސާޗް ދަށްކޮށް ލެވިއްޖެއްޔާ ގޭބީސީތަކަށްދާ ރޭޓް ވެސް ވަރަށް ބޮޑުތަން ދަށްކޮށް ލެވޭނެ."

އޭނާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ކުރިން ލަފާކުރި އަދަދުތަކަށް ބަދަލުތަކެއް އައިސްފައިވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އާންމުން އިތުރަށް ސަމާލުވެއްޖެނަމަ މިހާރު އަންދާޒާކޮށްފައިވާ އަދަދުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އެެހެން ކަމުން މިއީ އަދި ލޮކްޑައުންގެ ނިންމަންވީ ހިސާބެއް ނޫނެވެ. ސިއްހީ ބޭފުޅުން ދެއްކެވި އަދަދުތަކުން ލިބުނު މެސެޖަކީ އެއީއެވެ.

ބައެއް މީހުނަށް މިހާރުވެސް ލޮކްޑައުންގެ މުއްދަތު މާ ދިގުވެއްޖެ އެވެ. ގޭގައި ތިބެތިބެ ފޫހި ވެއްޖެ އެވެ. އާންމު ދިރިއުޅުމަށް ނުކުންނަން ބޭނުން ވެއެވެ. އަނެއް ބަޔަކު ތިބީ އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓުމުން އެކަމުގެ ކަންބޮޑުވުމުގަ އެވެ. އެހެންވެ ކޮންމެހެންވެސް މިހާރު އޮތް ހާލަތު އަވަހަށް ނިމެން އެންމެން ވެސް ބޭނުން ވެއެވެ.

ނަމަވެސް މައްސަލައަކަށް ވެފައި ވަނީ ހާލަތު ބަދަލު ނުވުމެވެ. އޮތް ނުރައްކާ ކުޑަ ނުވެ އޮތުމެވެ. ނަމްބަރުތަކާއި އަންދާޒާތަކުން ފެންނަ ނުރައްކާ ބޮޑުވެފައި އޮތުމެވެ. އެކަން ބަދަލު ކުރެވެން އޮތީ ވެސް އަދި ނުރައްކާ ކުޑަކުރެވެން އޮތީ ލޮކްޑައުން އިތުރު ކޮށްގެނެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި ލޮކްޑައުން ތެރޭގައި "ޓްރޫ ޕީކެއް" ފެނުމުގެ ފުރުސަތު ކުޑަވާނެ އެވެ. މި ހާލަތުގައި ހަމައެކަނި ޕީކަށް ދާނީ ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަނަކުން އެއް ފަަހަރާ ގިނަ ބަޔަކު ޕޮޒިޓިވް ވެގެނެވެ. ނޫނީ މުއައްސަސާއެއްގެ އެންމެން ކަހަލަ ގޮތަކަށް ޕޮޒިޓިވުން ކަހަލަ ކަމެއް ދިމާވެގެނެވެ.

"ލޮކްޑައުން ތެރޭގައި 'ޓްރޫ ޕީކެއް' ފެނުމުގެ ފުރުސަތު ހަގީގަތުގައި ކުޑަވާނެ. ނަމަވެސް އަޅުގަނޑުމެން ގިނަ ކޭސްތަކޭ މި ކިޔަނީ މިހާރު ބަލަމުންދާ ކްލަސްޓާތަކުގެ ތެރެއިން ކުއްލިއަކަށް ބިދޭސީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެއް ތަނެއްގައި އުޅޭ ނުވަތަ ކައިރި ކައިރީގައި އެއް ހިސާބުގަނޑަކުން ބައިވަރި ކޭސްތައް ފެނި ނޫނީ ބައިވަރު މީހުން އުޅޭ މުއައްސަސާއަކުން މީހުން ފެނި އެކަހަލަ ސިނާރިއޯއެއްގެ ވާހަކަ" އަފްޒަލް ވިދާޅުވިއެވެ.

ގޭބީސީތަކުން ޕޮޒިޓިވްވާ އަދަދު އިތުރުވަނީ

ރޭގެ ޕްރެޒެންޓޭޝަންގައި ޝީނާ ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވާފަ އެވެ. އެއް ކަމަކީ މިފަހުން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގޭގައި ތިބޭ މީހުން ހިމެނުމެވެ. މާނައަކީ ބޭރަށް ނުކުމެ އުޅޭ ބައެއް މީހުންގެ ފަރާތުން ގޭގައި ތިބޭ މީހުންނަށް ބަލި ޖެހެމުން ދިއުމެވެ.

މިއީ ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހިފައިވާ ކަމެކެވެ. ގޭގައި ތިބެން އެންގީ ބަލި ކޮންޓްރޯލް ކުރާށެވެ. ނަމަވެސް ގޭގައި އެއްބަޔަކު ތިބެފައި ދެން ތިބި މީހުން ރައްކާތެރިކަމެއް ނެތި ބޭރުގައި އުޅުމަކީ ގޭތެރޭގައި ތިބި މީހުނަށް ވެސް އޮތް ނުރައްކަލެކެވެ.

ރާއްޖޭގެ ސިއްހީ ހާލަތަކީ ވެސް މިފަދަ ނުރައްކާތެރި ކަމަކަށް ކުރިމަތިލާއިިރު އޮތް ބޮޑު ނުރައްކަލެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އޮތްއިރު ދެނެގަނެވެނީ ވަރަށް މަދު އަދަދެއްގެ ނަތީޖާ އެކެވެ. އެހެންވެ ވަރައިސްގެ އަސަރު ހަށިގަނޑުގައި ހުރެ، ބަލި ޖެހިފައިވާކަން ނޭނގި މިހާރުވެސް އެތައް ބަޔަކު ތިބޭނެ އެވެ. ދެން އޮތީ ނުރައްކާތެރި ހާލަތަށް ގޮސްފިނަމަ އެންމެންނަށް ފަރުވާދޭނެ އައިސީޔޫ ބެޑާއި، ވެންޓިލޭޓަރު ނެތުމެވެ. މިއީ ވިސްނަން ޖެހިފައިވާ ކަންކަމެވެ.

"ލޮކްޑައުން ފިލިޔަސް ރާއްޖޭން ބަލި ނައްތާލެވުނީއެއް ނޫނޭ... ޖުލައި، އޮގަސްޓްގައި ވެސް މި ބަލި ސަވަޔަލެންސް ކުރެވެން ވާނެ. މި ބަލި ގޮސްފައި އައިސް އޮންނާނީ." ޝީނާ ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު

  • ބަލި ޖެހުނު މީހުންގެ އަދަދު 648
  • ރަނގަޅުވީ މީހުންގެ އަދަދު 20
  • މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 624
  • ކަރަންޓީން ކުރެވިފައިވާ މީހުންގެ އަދަދު 1774
  • އައިސޮލޭޝަންގައިވާ މީހުންގެ އަދަދު 533
  • މަރުވި މީހުންގެ އަދަދު 03

މިހާރު ދީފައިވާ ބައެއް ލުއިތަކަށް ވެސް ކުރިއަށް އޮތްތާ ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއް ކަމަކީ އެއް ގެއިން އަނެއް ގެއަށް ތަށިބަރި ގެންދިއުމާއި ތަކެތި ގެންދިއުމަށް ދެވޭ ހުއްދަތައް ހުއްޓާލުމެވެ. އަނެއް ކަމަކީ ވިޔަފާރި ކުރުމަށް މިހާރު އޮންނަ ފުރުސަތު އިތުރަށް ހަނިކުރުމެވެ. ޑެލިވަރީގެ ހިދުމަތްތައް ވެސް އެންމެ ނުރައްކާތެރި ކަމަށް ފެންނަ ދުވަސްތަކާއި ދިމާކޮށް ހުއްޓާލުމެވެ. އަދި ބޭރަށް ނިކުތުމުގެ ހުއްދަ ދީފައިވާ ބައެއް މީހުންގެ ފާސްތައް ހިފެހެއްޓުމެވެ. އެކަންކަންވެސް ކުރަންޖެހިދާނެ ކަމުގެ ނުސީދާ އިޝާރާތްތަކެއް ރޭ ވަނީ ލިބިފަ އެވެ.

ހުރިހާ ކަމަކުން ބުނެ ދެނީ އެއް ވާހަކައެކެވެ. އެއީ ކުރިއަށް އޮތް ދުވަސްތަކުގައި އޮތް ނުރައްކަލުގެ ބޮޑު ކަމެވެ. އެކަން ބަދަލު ކުރެވެން އޮތީ މިހާރަށްވުރެވެސް ބޮޑަށް ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައިގެނެވެ. ގޭގައި ތިބެގެނެވެ. ގައިދުރުކޮށްގެނެވެ. ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއްދީ ގިނަ ގިނައިން އަތް ދޮވެގެނެވެ.