ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މެއި 31 ގެ އުސް ގުދު، ތިރިކުރަން ހިނގާ!

May 8, 2020
7

ރޯދަ މަސް ނިމިގެން އަންނަ ފިތުރު އީދަކީ އަހަރެމެން އެންމެން ވެސް އެންމެ އާއިލީ ގުޅުންތައް ވަރުގަދަކޮށް އެކަކު އަނެއްކަކާ ސަލާމްކޮށް ތަހުނިޔާ ކިޔާ އުޅޭ ދުވަހެވެ. އެ ދުވަހަށް ނުހަނު ގިނަ ތައްޔާރީތައް ވެސްވެ އެވެ. އީދު ހެދުން ހޯދައި މީރުން ކެއުންތަކެވެ. މިއަދު ވެސް މިވަނީ އެ ދުވަހަށް ތައްޔާރުވާން ޖެހިފަ އެވެ. އެކަމަކު މުޅިން އެހެން ގޮތަކަށެވެ.

މި އަހަރުގެ ފިތުރު އީދު އަހަރެމެންނާ ބައްދަލު ކުރާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ހަފުތާއެއް ފަހުން އަހަރެމެން ދެން ބައްދަލުކުރާނީ ވަރަށް ބޮޑު ދުވަހެކެވެ. އެ ދުވަހަށް ތައްޔާރުވުން ވަރަށް މުހިންމެވެ. އީދަށް ލިބޭ މި ހަފުތާ ތެރޭގައި އިހުގައި އީދު ބަންދުގައި ކުރާ އެއްވެސް ކަމެއް ނުކުރެވޭނެ އެވެ. އީދު ނަމާދެއް، އީދު ސަލާމް ކުރުމެއް ހެނދުނުގެ ބޯކިބާ ސައިތަކެއް ނޯންނާނެ އެވެ. އާއިލީ ބައްދަލުވުންތައް ވެސް ކެންސަލް ކުރަން ޖެހުނީ އެވެ.

މެއި 31 ދުވަހަކީ، ކޮވިޑް-19 އެންމެ ބޮޑު ޕީކް ރާއްޖެއަށް ރެކޯޑް ކުރެވޭނެ ކަމަށް ބެލެވޭ ދުވަހެވެ. އެ ދުވަހު އެކަނި 1،600 މީހުން އިންފެކްޓްވާނެ ކޮވިޑާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ހެއްދެވި ލަފާ ކުރުންތަކުން ވަނީ ދައްކާފަ އެވެ. އެ ދުވަހު، އެހާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތްއިރު ބަލީގެ ޓެސްޓް ކުރެވި ޕޮޒިޓިވްވާ މީހުންގެ ގޮތުގައި އެ އަދަދު ނުފެނުން އެކަށީގެންވެ އެވެ. އެއީ މިހާރު ޓެސްޓް ކުރަމުން ދަނީ ދުވާލަކު 300-400 މީހުންގެ ކަމަށްވާތީ އެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި އެހެންވެއްޖެނަމަ، ބަލި ޖެހިފައި ތިބިކަން ނޭނގި ކޮމިއުނިޓީ ތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮންނާނެ އެވެ. ލަފާ ކުރުންތައް ދައްކާ ގޮތުން މެއި 31 އެއްގައި 34 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް، 12 މީހަކަށް އައިސީޔޫގައި ފަރުުވާދޭން ޖެހިދާނެ އެވެ.

ގޭބިސީތަކަށް ވެސް މިހާރު ކޮވިޑް-19 ބަލި ވަންނަން ފަށާފައިވާކަން ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ނިސްބަތުން އަދި މަދެވެ. އެކަމަކު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. މިހާރު ބޮޑަށް ބަލި ފެތުރެމުންދަނީ ގިނަ މީހުން އެކީގައި ދިރިއުޅޭ ތަންތަނުގަ އެވެ. ގޭބިސީތަކަށް ބަލި ފެތުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ޑެލިވަރީތަކުންނާއި ވިޔަފާރި ފަދަ ކަންކަމުގައި ގެއިން ބޭރަށް ނުކުންނަ މީހުންގެ ފަރާތުންނެވެ. އެފަދަ ކޭސްތައް މިހާރު ވެސް ފެނިފައިވާ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

ގޭބިސީތަކުގައި ވެސް ބަލި ފެތުރުމަށްފަހު، ޕީކް ދަށްވެގެން ދާނީ ޖުލައި މަހުގެ ތެރޭގައި ކަމަށް ވެސް ވަނީ ލަފާ ކުރައްވާފަ އެވެ. އެހެންކަމުން އަދިވެސް ބައްޔާއެކު އުޅުމަށް ތިން މަސް އެބަ އޮތެވެ. ޑރ. ޝީނާ ވިދާޅުވީ ޖުލައި މަހު ބަލި ކޮންޓްރޯލް ކުރެވި އާންމު ދިރިއުޅުމަށް ދެވޭނެ ކަމަށް ބެލެވުނު ނަމަވެސް، އެހާއިރު ވެސް ބަލި އެއްކޮށް ފިލައިގެން ނުދާނެ ކަމަށެވެ. ދެން އުޅެން ޖެހޭނީ ބައްޔަށް ރައްކާތެރިވެ، ސާފުތާހިރުކަމުގެ އާދަތަކާއެކު ކަމަށެވެ.

މީގައި އެންމެ މުހިންމީ ޑރ. ޝީނާ ކުރައްސަވާފައިވާ ޗާޓްތަކުގައިވާ ގުދުތަކާ ވީހާވެސް ނުބައްދަލުވާ ގޮތަށް ގުދުތައް ތިރި ކުރުމަށް މަސައްކަތް ކުރުމަށެވެ. ލަފާކުރާ ޕީކް ކުޑަކުރުމެވެ. އޭގެ އެންމެ ބޮޑު ޒިންމާއެއް އޮތީ އަހަރެމެންގެ އަތްމަތީގަ އެވެ. އީދު މިފަހަރު އީދަކަށް ނަހަދާށެވެ. ގޭގައި ތިބޭށެވެ. ވީހާވެސް ބޮޑަށް ގޭގައި މަޑުކުރާށެވެ. ޑރ. ޝީނާ ވެސް އެ އިރުޝާދު ދެއްވި އެވެ.

ޑރ. ޝީނާ ވިދާޅުވި ގޮތުގައި ޕީކް ކުޑަ ކުރުމަށް އާދަތަކަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެގޮތުން ބޭރަށް ނުކުތުން މަދު ކުރުމާއި ނުކުންނަނަމަ މާސްކު އެޅުމާއި ގައިދުރުކުރުން ބެހެއްޓަން ޖެހެ އެވެ. އޭގެ އިތުރުން ބޭރުގައި އުޅުމަށްފަހު ގެއަށް ގޮސް، އަތް ރަނގަޅަށް ދޮވެ، ސާފުތާހިރުވުމުގެ މުހިންމުކަން ޑރ. ފާހަގަ ކުރެއްވި އެވެ.

ރޯދަ މާހާއި އީދާއެކު، އެއް ގެއިން އަނެއް ގެއަށް ކެއުންތައް ބަދަލު ކުރުމަކީ ދިވެހިންގެ އާދައެކެވެ. އިހުގެ ޒަމާންވީ ތަށިބަރި ބަދަލުކުރުމެވެ. މުޅި ދުނިޔެ އެއްފުށުން އަނެއް ފުށަށް ޖެހި، ކޮވިޑް މި ވަނީ އެކަން ވެސް ހުއްޓުވަން މަޖުބޫރު ކުރުވާފަ އެވެ. ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި ތަށިބަރި އެއް ގެއިން އަނެއް ގެއަށް ފޮނުވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ތަށިބަރީގައި ވައިރަސް ފެތުރިގެން ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.

މެއި 31 އެއްގައި 1،600 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާވާއިރު މުޅި ރާއްޖެއިން މި ބަލި ކޮންޓްރޯލް ކުރެވޭއިރު 77،000 މީހުންނަށް ބަލި ޖެހޭނެ ކަމަށް ޑރ. ޝީނާ ލަފާ ކުރައްވަ އެވެ. އަދި ބަލީގައި 900 އެއްހާ މީހުން މަރުވާނެ ކަމަށް ވެސް ވަނީ ލަފާ ކުރެވިފަ އެވެ. މި ލަފާ ކުރުންތައް މިހާރު މިވަނީ އެންމެ ފުރަތަމަ ޑރ. ޝީނާ ކުރެއްވި ލަފާ ކުރުންތަކާ އަޅާބަލާއިރު ދަށްވެފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ޑރ. ޝީނާ ލަފާ ކުރެއްވި ގޮތުގައި 2000 އެއްހާ މީހުން ކޮވިޑްގައި ރާއްޖެއިން މަރުވާނެ އެވެ.

ޑރ. ޝީނާ، އެންމެ އިހުގެ ލަފާ ކުރުންތައް ބަދަލުވެފައިވަނީ ފިޔަވަޅުތަކާއެކު އައި ހެޔޮ ބަދަލުގެ ސަބަބުންނެވެ. އެގޮތުން ލޮކްޑައުންއާ ގުޅިގެން ބަލި ފެތުރުން ވަނީ ލަފާ ކުރި މިންވަރަށްވުރެ މަޑުޖެހިފަ އެވެ. ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މިހާރު ޕޮޒިޓިވްވާ މީހުންނާ ކޮންޓެކްޓްވެފައި ތިބޭ މީހުންގެ އަދަދު ކުރިޔާ އަޅާބަލާއިރު ވަނީ މަދުވެފަ އެވެ. އެގޮތުން މިފަހުން ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންއިން ފާހަގަ ކުރެވިފައިވަނީ މަދު ބަޔެކެވެ. މިއީ ލޮކްޑައުންގެ ފައިދާކަން ޑރ. ފާހަގަ ކުރެއްވި އެވެ.

އެހެންނަމަވެސް މިހާރު ވެސް މަގުތައް މަތީގައި އުޅޭ މީހުންގެ އަދަދު ގިނަ އެވެ. ކުރިއަށް ބޮޑު ޕީކެއް އޮތްއިރު މަގުމަތީގައި އުޅޭ މީހުން މިހާރަށްވުރެ ވެސް މަދު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ވެސް ސަރުކާރުން ދަނީ ރާވަމުންނެވެ. އެގޮތުން ކޮވިޑާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި އެކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި، ބޭރަށް ވިޔަފާރި ކުރުމަށް ނުކުންނަ މީހުން ވެސް ގައިދުރުކުރުން ގެންގުޅޭ މިންވަރު ކަށަވަރު ކުރާނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. ހަމައެއާއެކު އަމިއްލަ، ފަރުދީ ޒިންމާ ވެސް މިކަމުގައި އިސްކަން ކުރުމަށް މަބުރޫކު އެދިވަޑައިގެންނެވި އެވެ.

"ދުވާލަކު ދެ ފަހަރަށް ފިހާރަތައް ނުގޮސްވާނެ ގޮތަށް ރާވާލައި، ބޭރަށް ދިޔުމަށްފަހު އަންނައުނު އަވަހަށް ދޮންނަން އިސްކަންދީ، ސައިބޯނި ލައިގެން އަތް ދޮވެގެން ނޫނީ އެހެން މީހުންނާ ބައްދަލުކޮށް ނަހަދާ، ގަނެގެން ގެއަށް ގެންނަ ތަކެތި ޑިސްއިންފެކްޓް ކުރޭ،" މިއީ މަބުރޫކު ދެއްވި ބައެއް އިރުޝާދުތަކެވެ. މި އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް މެއި 31 އަކަށް ތައްޔާރުވެ، ޕީކް އެވަރަށް އެރިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ މީހަކަށް ވެސް އޮތް ބޮޑު ޒިންމާއެކެވެ. އަހަރެމެން ގޭގައި ތިބިއްޖެނަމަ، އަދިވެސް ގުދު ތިރިކުރެވިދާނެ އެވެ.