ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގެ މާސްކު ޝިޕްމަންޓެއް އީޔޫން ހުއްޓުވައިފި

May 15, 2020

ބްރަސަލްސް (މެއި 15) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ދެ ގައުމަކަށް ޗައިނާ އިން ގެންދިޔަ މާސްކުތަކެއްގެ ފެންވަރު ދަށް ކަމަށް ތުހުމަތު ކުރުމުން، މެންބަރު އެހެން ގައުމުތަކަށް ފޯރުކޮށް ދޭން އޯޑަރުކުރި 10 މިލިއަން މާސްކުގެ ޝިޕަމަންޓެއް ޔޫރަޕިއަން ކޮމިޝަނުން ހުއްޓުވައިފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް އެ ކޮމިޝަނުން ވަނީ އީޔޫގެ ގައުމުތަކުގެ ސިއްހީ ހިދުމަތްތެރިންނަށް މާސްކު ފޯރުކޮށް ދޭން ފަށައިފަ އެވެ.

އެގޮތުން، ފުރަތަމަ ޝިޕްމަންޓުގައި ގެނައި 1.5 މިލިއަން މާސްކު ވަނީ އީޔޫގެ 17 ގައުމަކަށް ފޯރު ކޮށްދީފަ އެވެ. ނަމަވެސް، ޕޮލަންޑަށް ލިބުނު 600،000 މާސްކުތަކުގެ ފެންވަރު ދަށްކަމަށް ބުނެ އެ ގައުމުން ވަނީ ޝަކުވާ ކޮށްފަ އެވެ. ޕޮލަންޑުގެ އިތުރުން ނެދަލަންޑްސުން ވެސް ވަނީ މާސްކުތަކާބެހޭ ގޮތުން އެފަދަ ޝަކުވާތަކެއް ކޮށްފަ އެވެ.

އެއާއެކު، މާސްކުތަކުގެ ފެންވަރު ކަށަވަރު ކުރެވެންދެން، ކުރިއަށްހުރި ޝިޕްމަންޓުތައް މަޑުޖައްސާލަން ނިންމާފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.

އަދި ފެންވަރުގައި މައްސަލަތަކެއް އުޅޭނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން، ޗައިނާއިން ފޯރުކޮށްދިން ކޮވިޑް-19 އިގެ ޓެސްޓު ކިޓުތަކެއްގައި ވެސް މައްސަލަތަކެއް އުޅޭކަމަށް ބުނެ، އެ ކިޓުތައް ބޭނުން ނުކުރަން ބައެއް ގައުމުތަކުން ވަނީ ނިންމައިފަ އެވެ.