ބެއިޖިންގް (އޯގަސްޓް 19) -- ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ ވެކްސިން އަންނަ ޑިސެމްބަރު މަހު ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން ބުނީ އެ ކުންފުނިން އުފެއްދި ވެކްސިން މިހާރު އޮތީ ޓެސްޓު ކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަމަށެވެ.
އެގޮތުން، އެ ވެކްސިން މިއަހަރު ފަހުކޮޅު މާކެޓަށް ނެރޭއިރު، ދެ ޑޯޒްގެ އަގު 1،000 ޔުއާން (ގާތްގަނޑަކަށް 144 އެމެރިކާ ޑޮލަރު) އަށް ލިބޭނެ ކަމަށް އެ ކުންފުނީގެ ރައީސް ލިއު ޖިންޝެން ވިދާޅުވެފައި ވެއެވެ.
ޖިންޝެން ވިދާޅުވީ އެ ވެކްސިންގެ ދެ ޑޯޒް އޭނާ ވެސް ބޭނުން ކުރައްވާފައި ކަމަށާއި، އޭގެ އެއްވެސް ސައިޑް އިފެކްޓެއް އަދި ފެނިފައި ނުވާ ކަމަށެވެ.
އެގޮތުން، އަހަރަކު ވެކްސިނުގެ 220 މިލިއަން ޑޯޒް އުފައްދަން އެ ކުންފުނިން މަސައްކަތް ކުރާއިރު، ޗައިނާގެ 1.4 ބިލިއަން މީހުންގެ އާބާދީއާއެކު ބައިނަލްއަގުވާމީ މާކެޓަށް އެ ވެކްސިން އަންނަން އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ،
ޗައިނާ އިން އުފައްދާފައި ވަނީ "އިންއެކްޓިވޭޓެޑް" ވެކްސިނެއް ކަމުން، "ލައިވް" ވެކްސިންތަކާ ހިލާފަށް އެ ވެކްސިންގެ ގިނަ ޑޯޒްތަކެއް ބޭނުންކުރަން ޖެހުމަކީ ގާތް ކަމެކެވެ.
ޑަބްލިޔުއެޗްއޯ އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާވައިރަހާ ދެކޮޅަށް އުފައްދާ 29 ވެކްސިނެއް މިހާރު ހިއުމަން ޓްރަޔަލްތަކުގެ އެކި މަރުހަލާތަކުގައި ވެއެވެ.
އެގޮތުން، ރަޝިއާއިން ކޮވިޑް ބައްޔަށް އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް މިހާރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.
ނަމަވެސް، ޓެސްޓު ކުރުމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަ ނުކުރާތީ، އެ ވެކްސިނުގެ ކާމިޔާބީއާމެދު ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.