ބެއިޖިންގް (ޖޫން 17) - ކޮވިޑް-19 އިގެ އާ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިޔުމާ ގުޅިގެން، ޗައިނާގެ ވެރިރަށް ބެއިޖިންގައި ބައްޔާ ދެކޮޅަށް އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅައިފި އެވެ.
ފަހުން ފެނުނު ކޭސްތައް ގުޅިފައި ވަނީ އެ ސިޓީގައި ހުންނަ އެންމެ ބޮޑު ހޯލް ސޭލް މާކެޓާ އެވެ. އެގޮތުން، މިއަދު ފެނުނު 37 ކޭހާއެކު، ފާއިތުވި އެއް ހަފުތާގެ ތެރޭގައި އަލަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 137 އަށް އަރައިފަ އެވެ.
ބެއިޖިންގްގައި އަނެއްކާވެސް ބަލި ފެތުރިގެން ގޮސްފައި މިވަނީ، ކޮވިޑް-19 އިގެ ކޭހެއް ނުފެންނަތާ 57 ދުވަސް ފަހުންނެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ސަރުކާރުން މިހާރު ވަނީ އަނެއްކާވެސް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން، މާކެޓު އޮންނަ ސަރަހައްދު ހައި ރިސްކު ކަމަށް ކަނޑައަޅައި، އޭގެ އިތުރު 27 ސަރަހައްދެއް ވަނީ މީޑިއަމް ރިސްކުގެ ކެޓަގަރީ ދީފަ އެވެ.
އަދި އެ ދެ ކެޓަގަރީގައި ހިމެނޭ ސަރަހައްދުތަކުގެ މީހުން، ސިޓީން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ލޯ ރިސްކު ސަރަހައްދުތަކުން ސިޓީން ބޭރަށް ދިޔުމަށް ކޮވިޑް-19 އިގެ ނެގެޓިވް ނަތީޖާއެއް ބޭނުންވާގޮތަށް ވަނީ ލާޒިމު ކޮށްފަ އެވެ.
އެއާއެކު، އެ ސިޓީއަށް ދަތުރުކުރާ ގިނަ ފްލައިޓުތަކެއް ކެންސަލް ކޮށްފައިވާއިރު، ރޭލު ދަތުރުތައް ވެސް އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ވަނީ މަދުކޮށްފަ އެވެ.
އަދި ސްކޫލްތަކާއި، ކޮލެޖުތަކާއި ،ޕޫލްތަކުގެ އިތުރުން ޖިމްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ބެއިޖިންގެ އެލާޓު ލެވެލް މިހާރު ދޭކަށް މަތިކޮށްފައިވާއިރު، ވިޔަފާރިތަކާއި ފެކްޓަރީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އަދީ އޮތީ ދީފަ އެވެ.
ބެއިޖިންގް އިން އާ ކޭސްތަކެއް ފެނިފައި މިވަނީ، ޗައިނާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވި، ގިނަ ސިޓީތަކުގައި އެޅި ހަރުކަށި ލޮކްޑައުންތައް އުވާލާފައި ވަނިކޮށެވެ.
އެ ބަލީގައި ޗައިނާގައި މިހާތަނަށް 4،600 އެއްހާ މީހުން މަރުވެފައި ވާއިރު، 83،000 އަށް ވުރެ ގިނަ މީހުނަށް ބަލި ޖެހިފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކަ އެވެ.