ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ޗައިނާގެ އިގުތިސޯދަށް ކުރިއެރުމެއް

Jul 16, 2020

ބެއިޖިންގް (ޖުލައި 16) - ކޮވިޑް-19 އާ ގުޅިގެން ރެކޯޑް ދަށްވުމަކަށްފަހު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާގެ އިގުތިސޯދަށް 3.2 ޕަސަންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

މުޅި ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދުވެސް ކޮވިޑް-19 އިގެ ލޮކްޑައުންތަކާ ގުޅިގެން، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

ނަމަވެސް، އިއްޔެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޗައިނާގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ވަނީ މިދިއަ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އަނެއްކާވެސް ކުރި އަރަން ފަށައިފަ އެވެ.

ޗައިނާގެ އުފެއްދުންތަކަށް ވަރަށް ބޮޑަށް ބަރޯސާވާ، އެހެން ގައުމުތަކުން ވެސް ދަނީ ޗައިނާގެ އިގުތިސޯދީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ދެވަނަ ކުއާޓަރުގައި ޗައިނާގެ އިގުތިސޯދަށް އައި ކުރިއެރުމަކީ ކުރިން އިގުތިސޯދީ މާހިރުންގެ ލަފާކުރުންތަކަށްވުރެ ވެސް މަތީ އަދަދެކެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށީ ފިޔަވަޅުތަކާއެކު ގިނަ ފެކްޓަރީތަކާއި ވިޔަފާރިތައް ބަންދުކުރަންޖެހުމުގެ ސަބަބުން، މިއަހަރުގެ ފުރަތަމަ ތިން މަހު ޗައިނާގެ އިގުތިސޯދު ވަނީ 6.8 ޕަސަންޓް ދަށްވެފަ އެވެ.

ނަމަވެސް، އެ ބަލި ފެތުރުން މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު، އިގުތިސޯދު އަލުން ހިންގުމަށް، ޗައިނާ ސަރުކާރުން ވަނީ ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދީފަ އެވެ.