ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގެ ވެކްސިން ނޮވެމްބަރުގައި ލިބޭނެކަމުގެ އުއްމީދު ބޮޑު

Sep 15, 2020

ބެއިޖިންގް (ސެޕްޓެމްބަރު 15) - ޗައިނާ އިން އުފައްދަން މަސައްކަތް ކުރަމުންދާ ކޮވިޑް-19 އިގެ ވެކްސިންތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އާއްމުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް އެ ގައުމުގެ ސެންޓާ ފޮ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) ގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ހަތަރު ވެކްސިނެއް މިހާރު ޓެސްޓު ކުރުމުގެ ފަހު މަރުހަލާގައި އޮތް އިރު، އޭގެ ތެރެއިން ތިން ވެކްސިނެއް މިދިއަ މަހު ފެށި ޕްރޮގްރާމެއްގެ ދަށުން ފްރަންޓް ލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރުވެސް ވަނީ ދޭން ފަށައިފަ އެވެ.

އެގޮތުން، ފޭސް ތިނެއްގެ މަސައްކަތް ވަރަށް ހަލުއިކޮށް އެއްވެސް މައްސަލައެއް ދިމާނުވެ ކުރިއަށްދާ ކަމަށާއި، އާއްމުންނާ ހަމައަށް އެ ވެކްސިން އަންނަ ނޮވެމްބަރު ނޫނީ ޑިސެމްބަރު މަހުގެ ތެރޭގައި ފޯރުކޮށްދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ޗައިނާގެ ސީޑީސީގެ މާހިރެއް ކަމުގައިވާ ގުޒެން ވޫ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ނަމަވެސް، އާއްމުންނާ ހަމައަށް އަންނާނީ އޭގެ ތެރެއިން ކޮން ވެކްސިނެއް ކަމެއް ޓެސްޓު މަރުހަލާގެ ތެރެއިން ވެކްސިންގެ ޑޯޒެއް މިދިއަ އޭޕްރީލް މަހު އަމިއްލަފުޅަށް ބޭނުންކުރައްވާފައިވާ ވޫ ވިދާޅެއްނުވެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ގާތްގަނޑަކަށް ސަތޭކަ އައްޑިހަ ވެކްސިނެއް ދަނީ އުފައްދަން މަސައްކަތް ކުރަމުންނެވެ. އެކަމަކު އެއްވެސް ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލް އަދި ފުރިހަމަ ނުވާކަމަށް ވެސް ބުނެފައި ވެއެވެ.