ކޮވިޑް-19 އާއެކު ކުޅުންތެރިންނާއި، ކޯޗުން އަދި އެކެޑެމީތައް ހާލުގައި ޖެހިފައިވާ ވާހަކަ އެ ފަރާތްތަކުން ބުނަމުން ގެންދެ އެވެ. ގައުމީ ޓީމު ތަކުގެ ކުޅުންތެރިންނަށް ލިބެން ޖެހޭ އިނާޔަތް ހުއްޓި، ބައެއް ކުޅުންތެރިންނަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތި ވެފައި ވެސް ވެއެވެ. ކުޅިވަރުގެ އެކެޑެމީތަކުން އިސްވެ އެފާރާތްތަކުގެ ކަންބޮޑުވުންތައް ސްޕޯޓްސް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅާފައި ވެއެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިނާޔަތް ލިބިފައި ނުވުމުން، ސީނިއާ ކުޅުންތެރިންގެ ފަރާތުން އެކަމަށް ކުރެވޭނެ ކަމެއް އޮތްތޯ ވެސް އެ ކުޅުންތެރިން ބެލި އެވެ.
ކުޅުންތެރިންނާއި ކޯޗުންނަށް އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ބޯޅަ އޮތީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފްގެ ކޮޅުގަ އެވެ. -- ދެން މިނިސްޓަރު ތޯ އެވެ!
މިނިސްޓަރުގެ ދީލަތި އެހީ ލިބުނީ ދިވެހި ކުޅިވަރަކަށް ނޫނެވެ. އޭނާ އެހީތެރިކަން ފޯރުކޮށް ދެއްވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން އުފައްދާފައިވާ، "މޯދީ ކެއާ ފަންޑަ" ށެވެ. އެކަމަށް މެދުވެރިވީ އިންޑިއާގެ ޒުވާން ގޮލްފް ޗެމްޕިއަނެކެވެ.
ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު ފަހުރުވެރި ކަމާއެކު ޓްވީޓެއް މެދުވެރިކޮށް ވިދާޅުވި ގޮތުގައި ދުނިޔޭގެ ޖޫނިއާ ގޮލްފް ޗެމްޕިއަނެއް ކަމަށްވާ އިންޑިއާގެ އަރުޖުން ބާތީ އިސް ނަގައިގެން މޯދީ ކެއާ ފަންޑަށް އެހީ ހޯދަން ހިންގާ ޕްރޮގްރާމްގައި، ބައިވެރިވެ ވަޑައިގެން އެހީ ވެދެއްވާފައި ވާނެ އެވެ.
އެ ޓްވީޓްގައި އެހީގެ ފައިސާގެ ޓްރާންސެކްޝަންގެ ސްލިޕް ހިމަނުއްވާފައިވި ނަމަވެސް އެކައުންޓަށް ޓްރާންސްފާ ކުރެއްވި އަދަދުގެ މަތީގައި ވަނީ ރަތް ކުލަ ހާއްކަވައިގެން ވަނީ އެޑިޓް ކުރައްވާފަ އެވެ. ޓްރާންސްފާ ކުރެއްވި އަދު އޮޅުވައިލެއްވި ނަމަވެސް އެ އެހީ ވެދެއްވީ ބޭރު ގައުމުގެއްގެ ބޮޑު ވަޒީރަކު އުފައްދަވާފައިވާ ފަންޑަކަށްވެފައި އެހީވެ ދެެއްވީ ދިވެހިރާއްޖޭގެ މިނިސްޓަރަކަށް ވުމުން ދުނިޔޭގެ ލަދަށް ވެސް އެ ފަންޑަށް މިނިސްޓަރު މައުލޫފު ލައްވާނީ ކުޑަ އަދަދެއްގެ ފައިސާކޮޅެކޭއެއް ހީއެއް ނުވެއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ ހާލަތު އަދި އޮތީ ވަރަށް ދެރައިގަ އެވެ. ސްޕޯޓް މިނިސްޓްރީގެ އިހްތިސޯސްގައި ހިމެނޭ ދާއިރާތަކަށް، ކޮވިޑް-19 އާ ގުޅިގެން ލިބިފައިވާ ގެއްލުން ކުޑައެއް ނޫނެވެ. އެފަދަ ހާލަތެއްގައި ވަނިކޮށް، އިންޑިއާގެ އެތުލީޓަކު އިސް ނަގައިގެން ހިންގާ ކެމްޕޭނެއްގައި ރާއްޖޭގެ ކުޅިވަރުގެ ވަޒީރު ބައިވެރިވެ ވަޑައިގެން ފައިސާގެ އެހީ ދެއްވުމުން ރާއްޖޭގެ ކުޅިވަރުގެ އާއިލާއަށް އެކަން ބަލައިގަންނަން ފަސޭހައެއް ނުވި އެވެ. އަދި އެކަން ވެގެން ދިޔައީ ހިތުގައި ޖެހުނު ކަމަކަށެވެ
މިނިސްޓަރުގެ ޓްވީޓާ ގުޅިގެން، ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗް، ޝާޒްލީ މުހައްމަދު (ޝާޒް) ބުނި ގޮތުގައި މިވަގުތު މިނިސްޓަރުގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާން ޖެހޭނީ ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުންނަށް ދިމާވެފައިވާ ދަތިތަކަކީ ކޮބައިތޯ ބަލައި އެކަމަށް ގޮތެއް ހޯދައި ދެވޭތޯ އުޅުއްވުމެވެ.
"މިވަގުތު ހުރިހާ ދިމާއެއް ވެސް މިއޮތީ ވަރަށް ދަތި ހާލުގައި، ރަނގަޅަށް ބަލައިލުމުން ނޫނިއްޔާ ނޭނގޭނެ ހަގީގަތުގައި ކިހާ ވަރެއްގެ ދަތި ކަންތައްތަކެއް ކަމެއް ހުރީ ވެސް، ކޮންމެ ގޮތެއް ވިޔަސް ކުޅިވަރުގެ މީހުންނަށް އެހީއެއް ވާން ހުންނާނީ ސްޕޯޓްސް މިނިސްޓްރީ އާއި މިނިސްޓަރު... އެހެން މުއައްސަސާތަކުން ވެސް އެބައުޅޭ އެ މުއްސަސާތަކުގެ ދާއިރާގެ ކަންކަމުގައި، އެކަމަކު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ކުޅިވަރުތަކުގެ ކުޅުންތެރިންނާއި ކޯޗުންނާއި އެހެން އޮފިޝަލުންގެ ކަންކަމުގައި މަސައްކަތް ކުރާތަން ނުފެނެއޭ ބުންޏަސް ރަނގަޅުވާނެ."
އޭނާ ބުނި ގޮތުގައި ކުޅުންތެރިންނާއި ކޯޗުންނަށް އަދި ކުޅިވަރުގެ އެހެން ވެސް ކަންކަމަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަމަށް މަސައްކަތް ކުރުމުގައި އެސޯސިއޭޝަންތަކާއެކު މަސައްކަތް ކުރަން އިސް ނަންގަވަން ޖެހިވަޑައިގަންނަވާނީ މިނިސްޓަރެވެ. ނަމަވެސް މިނިސްޓަރާއި މިނިސްޓްރީން ވެސް އެކަމަށް މަސައްކަތް ކުރާތަން ނުފެނެ އެވެ.
"އަދި ބަލަންޖެހޭނެ ކަމެއް ކުޅިވަރުގެ މީހުންނަށް މި ވަގުތުގައި ކުޅިވަރުގެ ހައްގުގައި ކޮށްދެވޭނީ ކޮންކަމެއްތޯ ވެސް، އެކަންކަންވެސް ކުރެވޭނެ ޒިންމާދާރު މީހުން މީގެ ތެރޭގައި ތިބޭނެ، އެހުރިހާ ކަމެއްގައި އިސްނެގުން އޮންނާނީ މިނިސްޓްރީއަށް، މިނިސްޓްރީ އިން އެކަންކަން ތަރުތީބު ކޮށް ރޭވީމަ އެކަން ކުރިއަށް ގެންދޭވޭނީ، އެ މަސައްކަތް ކުރަން މިހާރުވެސް މާބޮޑަށް ލަސް ވެއްޖެ."
ރާއްޖެއަށް ފުޓްބޯޅައިން ބޭރު ދުނިޔޭގައި ކާމިޔާބު ހޯދައިދިން ކެޕްޓަނަކު ބުނި ގޮތުގައި އެއީ ކޮންމެހެން ކުރަންޖެހި ވަޑައިގެންނެވި ކަމެއް ނަމަ މި ވަގުތަށް ދިވެހި ކުޅިވަރުގެ އާއިލާ ދެރަކޮށް ލަދުގަންނަވާ ނުލައި ސިއްރުކޮށްލެވި ނަމަވެ މާ ރަނގަޅުވީހެވެ.
"މިކަހަލަ ވަގުތެއްގައި އެފަދަ ކަމެއް ކުރައްވާ ޓްވީޓް ކުރެއްވީމަ އަޅުގަނޑުގަނޑު ވެސް ގަތް ލަދުން ކިރިޔާ އަވަދި ނުވީ!" އެ ކެޕްޓަން ބުންޏެވެ.
ރާއްޖޭގެ އެކެޑެމީތަކަށް މިހާލަތުގައި އޮތް ގޮންޖެހުމާއި ދަތިތަކުގެ ތެރެއިން އަރައިގަތުމަށް މަގެއް ފެނޭތޯ އެކެޑެމީތަކުން މިނިސްޓްރީއާ ހަމައަށް ދިޔައީ ވެސް މިނިސްޓްރީއާ ވާހަކަ ދެކެވި، އެކަން ލިޔުމަކުން ހުށަހަޅަން މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވުމުންނެވެ. ސިޓީ ހުށަހެޅިތާ ދެ ހަފުތާ ވެގެން ދިޔަ އިރުވެސް، އެއްވެސް ޖަވާބެއް ނުލިބެ އެވެ. ނަމަވެސް އިންޑިއާގެ އެތުލީޓަކު ހިންގަމުންދާ ކެމްޕޭނަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މިނިސްޓަރުގެ ޖީބުން އެހީތެރިކަން ފޯރުކޮށް ދެވުނީ، އުމުރުން 14 އަހަރުގެ އެތުލީޓާއި މިނިސްޓަރުގެ އޮތް ގާތް އެކުވެރިކަމެއް ތެރެއިންނެވެ.
އަރުޖުން ބާތީއަށް، މަހްލޫފް މުހާތަބު ކުރެއްވީ "ބުރަދާ" އޭ ނިސްބަތް ކުރައްވަ އެވެ. މަހްލޫފް ވެދެއްވި އެހީއަށް، ބާތީވެސް ޝުކުރު އަދާ ކުރީ "މައި ބުރަދާ" އަދި "ގުޑް ފްރެންޑް" އޭ ބުނަމުންނެވެ.
ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަންގެ އެހެން ކޯޗަކު ބުނި ގޮތުގައި ރާއްޖޭގެ ކުޅިވަރަށް އެހީތެރިވުމުގައި މިވަގުތު ސަރުކާރުގެ ބަޖެޓެއް ނެތަސް ކުޅިވަރުގެ އާއިލާގެ ކަންބޮޑުވުމަށް ހައްލުތަކެއް ހޯދައިދޭން މަސައްކަތް ކުރާކަން ވެސް މިނިސްޓަރު ހާމަކޮށް ދޭން ޖެހި ވަޑައިގަންނަވާނެ އެވެ.
"ފަހަރެއްގައި ވެދާނެ މިހާލަތުގެ ގޮތުން ކުޅިވަރަށް ހޭދަ ކުރާނެ ބަޖެޓް ބޭނުން ކުރުމުގައި ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ކުރާ ގޮތަށް އެކަން އޮތީ ކަމަށް ވެސް، އެއީ ކާރިސާގެ ވަގުތުގައި އަމަލު ކޮށްފާނެ ގޮތެއް، ނަމަވެސް ކުޅިވަރު އިސް ފަރާތްތައް ގޮވައިގެން ރައީސްގެ އަރިހަށް ވަޑައިގެން ކަންބޮޑުވުން ހިއްސާ ކުރުމުގައި މިނިސްޓަރަށް ދައުރު އަދާ ކުރެވޭނެ،" އެ ކޯޗް ބުންޏެވެ. "އޭރުން ކުޅިވަރުގެ މީހުންނަށް ވެސް އެބަ އަންގައި ދެވޭ މިނިސްޓަރު ވެސް ކުޅިވަރު މީހުންނަށްޓަކައި މަސައްކަތްތަކެއް ކުރާކަން، މިހާރު މިއުޅެނީ ކުޅިވަރަށްޓަކައި މިނިސްޓަރުގެ އެއްވެސް ދައުރެއް ނުފެނިގެން."
އެކެޑެމީތަކުގެ ހާލަތު އޮތީ އުނދަގޫ ފައްތަރެއްގަ އެވެ. ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ހައްލެއް ނުހޯދިއްޖެނަމަ، ބައެއް ކޯޗުން ތިބީ އެ މަސައްކަތް ހުއްޓާލައި އެހެން ގޮތެއް ހޯދަން ތައްޔާރު ވެގެންނެވެ. ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވެސް ކުރިމަތީގައި އެބައޮތެވެ. އެ ގޭމްސްއަށް އެތުލީޓުން ބިނާ ކުރަން ތިބީ އެކެޑެމީތަކެވެ.
"ދެ ހަފުތާ މިވީ އަޅުގަނޑުމެން [އެކެޑެމީ ތަކުގެ] ފަރާތުން މިނިސްޓަރީއަށް ސިޓީއެއް ފޮނުވިތާ، އެ ސިޓީ ފޮނުވީ ވެސް މިނިސްޓްރީއިން ލިޔުމަކުން ހުށަހަޅާށޭ ދެންނެވީމަ،" ކޮރޯނާ ވައިރަސްއާ ގުޅިގެން ހާލުގައި ޖެހިފައިވާ އެކެޑެމީތަކުގެ ފަރާތުން މިނިސްޓްރީއަށް ފޮނުވި ސިޓީއަށް އިޝާރާތްކޮށް މާލޭގެ އެކެޑެމީ އެއްގެ ސީނިއާ ކޯޗަކު ވާހަކަ ދެއްކި އެވެ.
"އެ ސިޓީއަށް އަދި އެންމެ ކުޑަ މިނުން ޖަވާބެއް ނުދެއްވާ، އަޅުގަނޑުމެން ހަދަން ޖެހޭ ގޮތެއް މިނިސްޓްރީގެ ފަރާތަކުން ނާންގާ، އަދި މިނިސްޓްރީން ގޮތެއް ހޯދައިދޭން މަސައްކަތް ކުރާ ކަމެއް ނުކުރާ ކަމެއްވެސް ބުނެދީފައެއް ނެތް،
ޓްވީޓާ ގުޅިގެން މަހުލޫފްގެ ޖަވާބު
މޯދީގެ ކެއާ ފަންޑަށް އެހީތެރިވިކަން ހާމަކޮށް، މަހްލޫފް ކުރެއްވި ޓްވިޓާ ގުޅިގެން އަވަސްއިން ސުވާލު ކުރުމުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރު ކޮށްދެއްވާފައިވާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. އަދި މޯދީގެ ކެއާ ފަންޑަށް އެހީތެރި ވުމަށް ފަހު އެކަން ޓްވިޓާއަށް ގެންދިޔައީ އެއީ އިންޑިއާގެ އެތުލީޓަކު ހިންގާ ކެމްޕޭންއަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮވިޑް-19 އާ ގުޅިގެން އަޅުގަނޑު ހުންނާނެ ރާއްޖޭގައި ވެސް ދަތިކޮށް އުޅޭ މީހުންނަށް އެހީތެރި ވެދީފަ، އެއިން ކޮންމެ ކަމެއް ސޯޝަލް މީޑިއާގައި ހަމަ ކުރުމަކީ ރަނގަޅު ކަމެއް ނޫން، އެހެން ނަމަވެސް ދުނިޔޭގެ ޖޫނިއާ ގޮލްފް ޗެމްޕިއަނެއް ހިންގާ ކެމްޕޭނެއް ވީމަ އެކަމުގައި ބައިވެރިވިކަން ހާމަ ކުރުމުގެ ގޮތުން އެ ވާހަކަ ހިއްސާ ކުރީ." އާންމުކޮށް ހުރިހާ ވާހަކައެއް ޓްވިޓާގައި ހިއްސާ ކުރައްވާ ވަޒީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައ ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން އާމުދަނީއެއް ލިބޭނެ އިތުރު މަގެއް ނެތް ކުޅުންތެރިންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތަކެއް ކުރިއަށް ދެ އެވެ. އެފަދަ ކުޅުންތެރިންނަށް އެހީތެރި ކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ އެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިހާލަތު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނަށް އަންޑަސްޓޭންޑް ވާނެ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން ވެސް އިތުރު އާމުދަނީ އެއް ނުލިބޭ މީހުނަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އެބަ ދަން... ދެން އެކެޑެމީތަކުގެ ކޯޗުންވެސް އިކޮނަމިކް މިނިސްޓްރީން ހުޅުވާލާފައިވާ ފުރުސަތުގައި ރަޖިސްޓްރީ ވުމަށް އަޅުގަނޑު އެދެން."