އަހުމަދު މަހްލޫފު

ވައުދުވީ ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކޮށްފިން: މަހްލޫފް

Jun 8, 2022
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅިވަރުގެ ދާއިރާ އިން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ވައުދުވެވަޑައިގެންނެވި ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ މި ދައުރު ނިމޭއިރު ރައީސްގެ ވައުދުތައް ފުއްދޭނެތޯ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި މަސައްކަތްތައް ރައީސް ވައުދުވެވަޑައިގެންނެވި ވަރަށް ވުރެ މާރަނގަޅަށް ވެސް ކުރެވިއްޖެ ކަމަށާއި ކުރެވުނު މަސައްކަތްތައް ރަށްރަށުން މިއަދު ފެންނަމުންދާ ކަމަށެވެ. ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަށް ހީނުކުރާ ވަރުގެ ބަދަލުތަކެއް އައިސްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ހަގީގަތަށް ބުނާ ކަމަށްވާނަމަ ރައީސް ވައުދުވެވަޑައިގެންނެވި ކަންކަމަށް ވުރެ ވެސް މާރަނގަޅަށް ކުރެވިއްޖެ އެނގޭތޯ. ހީނުކުރާ ވަރުގެ ބަދަލެއް އަޅުގަނޑުމެންނަށް މުޅި މިދާއިރާ އަށް ގެނެވިއްޖެ. އެކަމަކުވެސް އަދވެސް އަޅުގަނޑުމެންގެ ގައުމުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ވީހާވެސް ބޮޑަށް މިބަދަލު ގެނެސްދެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" މަހްލޫފް ވިދާޅުވި އެވެ.

ކުޅިވަރު ދާއިރާގެ ވައުދުތައް

* ރާއްޖޭގައި މޫދު ކުޅިވަރު ފުޅާކުރުމުގެ ގޮތުން އެކި އުމުރުފުރައިގެ ކުދިންނަށް ކުޅިވަރު ކުޅޭނެ ތަކެއްޗާއި އެކަން ދަސްކޮށްދިނުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން. * ރާއްޖޭގައި އެކި ވައްތަރުގެ މޫދު ކުޅިވަރުގެ އިވެންޓްތައް ބާއްވާ އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުން. * ކޮންމެ ރަށަކަށް ނިސްބަތްވާ ޓީމެއް އެކުލެވޭ ގައުމީ ފުޓުބޯޅަ ލީގެއް އުފެއްދުން. * ހޯމް އެންޑް އަވޭ އުސޫލުން ލީގު މެޗުތަކުގެ މައްޗަށް އެކުލެވޭ ގައުމީ ތާވަލެއް ތައާރަފްކުރުން. * ރަށުން ފެށިގެން މުޅި ރާއްޖޭގައި ފުޓުބޯޅައިގެ އާފޯރިއެއް އުފައްދައި، ދަނޑުތައް ފުރާލުން. އަދި މިކަމަށް ބޭނުންވާ ވަސީލަތްތަކާއި އިންތިޒާމްތައް ހުރިހާ ދަނޑެއްގައި ގާއިމްކޮށްދިނުން. * ކުޅިވަރުގެ ޒަރިއްޔާއިން، އިޖުތިމާއީ މައްސަލަތައް ކަމުގައިވާ ގޭންގު، ކަޓަރު އެޅުން، ވަޅިޖެހުން، ރާބުއިން، ހަކުރުބުއިން ފަދަ އިޖުތިމާއީ މައްސަލަތައް މަދުކުރުން. * ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށްދިނުން. * ކޮންމެ އަތޮޅެއްގައި ފުޓްބޯލް ސްޓޭޑިއަމަކާއި، އިންޑޯ ކުޅިވަރު ސްޓޭޑިއަމްއެއް ގާއިމުކޮށްދިނުން. * ރަށްތަކުގައި ހުރި ކުޅިވަރު ދަނޑުތައް ދެ އިރަށް ކުޅިވަރު ކުޅެވޭ ފެންވަރަށް ތަރައްގީކުރުން. * އީ-ސްޕޯރޓްސް އާއި އަދި ތަފާތު ކުޅިވަރުތަކުގައި ޙަރަކާތްތެރިވާން ބޭނުންވާނެ ފަރާތްތަކަށާއި އެހެނިހެން ކުޅިވަރުތައް ތަރައްޤީކޮށް ރާއްޖޭގެ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން. * ރާއްޖޭގެ ޒަމާންވީ ކުޅިވަރުތައް ކަމަށްވާ، ބޮއްކުރާ ރޭސް، ފަލި ރޭސް ފަދަ ކުޅިވަރުތައް ރަސްމީ ސިފައެއްގައި ރަށު ފެންވަރުގައި އަލުން ހިންގަން ފެށުން. * ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު ބޮޑުކުރުން. * ފުރުސަތުގެ ހަނިކަން ނައްތާލެވި ހަމަހަމަކަމާއިއެކު ހުރިހާ ޖިންސެއްގެ، ހުރިހާ ފުރައެއްގެ އެންމެނަށް ބައިވެރިވެ އުޅެވޭ ދާއިރާއެއްކަން ޔަގީންކުރުން.

މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެންނާއި އިންޑިއާގެ އެހީއާ އެކު ވަރަށް ގިނަ ރަށްތަކެއްގައި ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑުތަކެއް ދަނީ ތަރައްގީކުރަމުންނެވެ. އަދި ބައެއް ރަށްތަކުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސްތަކެއް އަޅައިދޭނެ ބަޔަކު ވެސް މިހާރު ދަނީ ހޯދަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހްލޫފް ވަނީ ފީފާގެ އެހީގައި އެފްއޭއެމް އިން ރާއްޖޭގެ ބައެއް ރަށްތަކުގައި ހެދުމަށް ނިންމާފައިވާ ފުޓްބޯޅަ ދަނޑުތައް ހެދޭނެ ކަމުގެ ޔަގީންކަން މިހާރު އޭނާ އަށް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.