އަހުމަދު މަހްލޫފު

މާލޭގައި ހުރި ފުޓްސަލް ދަނޑުތައް ސަރުކާރަށް ނަގަނީ

Jun 8, 2022
5

މާލޭގައި ހަދާފައިވާ ފުޓްސަލް ދަނޑުތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

މުއިއްޒުގެ ސުވާލުގައި ވިދާޅުވީ ފުޓްބޯޅަ ކުޅެން ބޭނުންވާ މީހުންނަށް މާލެ އިން ދަނޑު ހޯދުމަކީ ވަރަށް ދަތިކަމަކަށް ވެފައިވާ ކަމަށާއި ފުޓްސަލް ދަނޑުތަކަށް އޮތް ޑިމާންޑް ބޮޑު ކަމުން އެތަންތަން ކުއްޔަށް ނަގަން ވެސް ބޮޑު އަދަދެއް ހޭދަކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރާނެ ޕްލޭނެއް އޮތް ނަމަ އެކަން ސާފުކޮށްދިނުމަށް މެންބަރު އެދިވަޑައިގެންނެވި އެވެ.

މާލޭގެ ހުރިހާ އަވަށެއްގައި ފުޓްސަލް ދަނޑުތައް ހަދާފައިވާއިރު އެ ދަނޑުތައް ހަދާފައިވަނީ މާލޭގައި ހިންގާ ކުލަބް ޖަމިއްޔާތަކުންނެވެ. ސަރުކާރަށް ދަނޑުތަކުގެ ބިމުގެ ބާރުވެރިކަން އޮތް ނަމަވެސް އެ ދަނޑުތައް ހަދައި ތަރައްގީކޮށްފައިވަނީ ކުލަބް ޖަމިއްޔާތަކުން ފައިސާ ހޯދައިގެން ކްލަބްތަކުން އަމިއްލަ އަށެވެ. އެހެންކަމުން ދަނޑުތައް ކުއްޔަށް ދީގެން ލިބޭ އާމްދަނީ ޖަމާވަނީ އެ ދަނޑެއް ތަރައްގީކުރި ކްލަބް ޖަމިއްޔާ އަކަށެވެ.

މުއިއްޒުގެ ސުވާލަށް ޖަވާބު ދެއްވަމުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މާލޭގައި ފުޓްސަލް ކުޅެން ބޭނުންވާ މީހުންނަށް ވަރަށް ބޮޑެތި ދަތިތައް ހުރި ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. ފުޓްބޯޅަ ކުޅެން ބޭނުންވާ މީހުންނަށް ހުރި ފުރުސަތުތަކާއި ވަސީލަތްތައް މަދު ކަމަށާއި އެހެންކަމުން ދަނޑުތައް ހޯދަން ޖެހެނީ ބޮޑު ކުލި ދައްކައިގެން ކަމަށް އެނގިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.

މައްސަލަ ހައްލުކުރުމުގެ ގޮތުން ފުޓްސަލް ދަނޑުތައް ސަރުކާރަށް ނެގުމަށް ކަމާ ގުޅޭ ފަރާތްތަކާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ބެލެވޭ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. މައްސަލަ ހައްލުވުމުން މުސްތަގުބަލްގައި ފުޓްސަލް ދަނޑުތައް ކުއްޔަށް ނެގޭނީ އޮންލައިންކޮށް ބުކިން ހައްދައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުވެސް ކުޅެން ދަނީ ހަމަ 6،400 ވަރު ދައްކާފައި ހަފްތާއަކު ދެ ރޭ. އެހާ އަގުބޮޑޭ. ބައެއް ތަންތަނުން އެބަ ނަގާ 9،000 ރުފިޔާ އެނގޭތޯ. އެހެންވީމާ އެއަށްވުރެ މާއަގުހެޔޮކޮށް މިކަން ކުރެވޭނެ ކޮންމެވެސް ގޮތެއް އެބަ ހޯދަންޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިބަލަނީ މިއަހަރު ތެރޭގައި އެކަމަށް ހައްލެއް ލިބޭނެ ކަމަށް،" މަހްލޫފް ވިދާޅުވި އެވެ.

މާލޭގައި އަވަށްތަކުގައި ހަދާފައިވާ ފުޓްސަލް ދަނޑުތަކުގެ އިތުރުން މާލޭގައި ދެން ހުރި ބޮޑެތި ދަނޑުތައް ބަލަހައްޓަނީ ޔޫތު މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެންނެވެ. އެފަދަ ދަނޑުތައް އާންމުކޮށް ބޭނުންކުރަނީ އެފްއޭއެމްގެ ލީގުތަކުގައި ކުޅޭ ކްލަބް ޖަމިއްޔާތަކުންނެވެ.