ހަބަރު

ސައިކްލޯންގެ އަސަރު ރާއްޖެއަށް، މޫސުން އިތުރަށް ގޯސްވާނެ: މެޓް

May 16, 2020

ރާއްޖެއަށް މިހާރު ކުރަމުން ދަނީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާނެއްގެ ނުސީދާ އަސަރު ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ވައި ބާރު ވާނެ ކަމަށާއި 15 މޭލާއި 55 މޭލު ބާރު މިނެއްގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ހަތަރު ދުވަހަށް ބަލާއިރު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް އޭނާ ވިދަޅުވި އެވެ.

"މިހާރު އަވިދީފަ އޮތް ނަމަވެސް މަތީގައި ވިލާތަކެއް އުފެދެމުން އެބަދޭ. މިއަދަށް ވުރެ މާދަމާ މޫސުން ގޯސްވަނެ މިރޭ ދަންވަރު ހިސާބުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ސައިކްލޯން ކުރިޔަށް އޮތްތަނުގައި އިތުރަށް ބާރުގަދ ވާނެ ކަމަށާއި ރާއްޖެއަށް ކުރަނީ އޭގެ ނުސީދާ އަސަރެއް ކަމަށެވެ.

ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ވަނީ އެކި ރަށްރަށަށް ބޯކޮށް ވިއްސާރަވެހި ގެއްލުންވެފަ އެވެ. އެގޮތުން އައްޑޫ ސިޓީގެ 161 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާއިރު، މާލޭގެ ރަސްފަންނާއި ސުނާމީ ބިނާ މައިޒާނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.