ދީން

ނެތީ ކޮން ނިއުމަތެއް، އޮތީ ޝުކުރުވެރިވުން!

މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިއުމަތްތައް އަދަދު ނުކުރެވެ އެވެ. މި ކާއިނާތުގައިވާ އިރާ ހަނދާ ތަރިތަކާއި، އަދި އަހަރުމެންގެ މި ދުނިޔޭގައިވާ، ކަނޑާ އޭގައިވާ މަސްމަހާ މެއްސާއި، ޖަންގަލިތަކާއި ގަސްގަހާ ގެއްސާއި، ޖަނަވަރާތަކާއި މިހުރިހާ ތަކެއްޗެއް ހިދުމަތްތެރި ކުރައްވައި، އިންސާނުންނަށް ހުރި ނިއުމަތުގެ ގޮތުގައި ލައްވާފައިވުމީ މާތް ﷲ ގެ ދީލަތިވަންތަކަމާއި އަޅުތަކުންނަށް އެ އިލާހުގެ ތަނަވަސްވެގެންވާ ރަހުމަތުގެ ހެއްކެކެވެ. މި ހުރިހާ ނިއުމަތްތަކެއް ދެއްވާފައިވުމާއެކު ވެސް އެކަލާނގެ އަޅުތަކުންގެ ތެރެއިން ޝުކުރުވެރި ވަނީ މަދު ބައެއް ކަމުގައި ކީރިތި ގުރްއާނުގައިވަނީ އަންގަވާފަ އެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް މާސިންގާ އިންޑިޔާ ކަނޑުގެ މެދުގައިވާ ކުދިކުދި ރަށްތަކެކެވެ. އެއާއެކު ވެސް ބޮޑެތި ގުދުރަތީ ކާރިސާތުކުން ރާއްޖެ ސަލާމަތް ކޮށްދެއްވައި ރައްކާތެރި ކޮށްދެއްވާފައިވުމީ މާތް ﷲ ގެ ރަހުމަތެވެ. ރާއްޖޭގައި އުފައްދާ ތަކެއްޗާއި، މީސްތަކުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ވެސް ބޭރު ގައުމުތަކުން އެތެރެ ކުރަންޖެހިފައިވީ ނަމަވެސް، ކާންބޯން ނުލިބި މަގުމަތިވެފައިވާ މީހަކު ނެތޭ ދެއްނެވިދާނެ އެވެ.

ދުނިޔޭގެ ފަގީރުންގެ ތެރެއިން، މީރު ފެންފޮދެއް ބޯލަން ނުލިބޭ، ނުވަތަ ބަނޑުފުރާނަ މުއްތި ކުރަން ނުލިބޭ އެތައް ބަޔަކު އެބަތިއްބެވެ. ދެކުނު އޭޝިޔާގެ ގައުމުތަކުގައި އެފަދަ ނިކަމެތި ހާލުގައި އުޅޭ އެތައް ބަޔަކު އެބަތިއްބެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ހުރި ދިވެއްސަކު ނެތޭ ދެންނެވުން ދޮގަކަށް ނުވާޏެވެ.

މާތް ﷲ ގެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެ ނިއުމަތްތައް އިތުރު ކޮށްދެއްވާ ކަމެކެވެ. އެއިލާހު ވަހީ ކުރައްވާފައި ވެއެވެ. "وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ" (إبراهيم 7) މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވި ހިނދު ހަނދުމަ ކުރާށެވެ! ހަމަކަށަވަރުން، ތިޔަބައި މީހުން ޝުކުރު ކޮށް ފިނަމަ، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް އިތުރު ކޮށްދެއްވާހުށީ މެވެ. އަދި ތިޔަބައި މީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަ ވެގެން ވާކަން ކަށަވަރެވެ."

ޝުކުރުވެރިވާންވީ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނަށް ހިދާޔަތް ދެއްކެވި ކަމުގެ ނިއުމަތަށެވެ. އަދި ސުންނީ އަގީދާގެ މަތީގައި އަޅުގަނޑުމެން ލެހެއްޓެވި ކަމަށްޓަކަ އެވެ. ދީނުގެ ތެރެއަށް އިތުރު ކުރެވިފައިވާ ހުރާފާތްތަކާއި، ޝިރުކިއްޔާތު ތަކުން ސަލާމަތް ކޮށްދެއްވިކަމަށްޓަކަ އެވެ.

ދުޅަ ހެޔޮ ސިއްހަތެއް ދެވުމަކީ ވެސް އެހައިމެ ބޮޑު ނިއުމަތެކެވެ. ކޮންމެ ދުވަހަކު އިރު އަރާހިނދު، އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ސަދަގާތެއް ކުރުންޖެހޭ ކަމުގައި އާއި، ކިޔާ ކޮންމެ ތަކްބީރު ތަހުމީދު ތަހުލީ އަކީ ސޮދަގާތެއް ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައި ވެއެވެ. އަދި އެހުރިހާ ކަމެއްގެ ބަދަލުގައި ލުހާ ނަމާދުގެ ދެ ރަކުއަތް ކުރުމުން ފުދޭ ކަމުގައި ބަޔާން ކުރެއްވާފައި ވެއެވެ.

އަންމަން އަމާންކަމުގެ ނިއުމަތަކީ ވެސް މާތް ﷲ ދެއްވާފައިވާ މަތިވެރި ނިއުމަތެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެމީހެއްގެ އަހުލުވެރިންގެ މެދުގައި އަމާންކަމުގައި ލައްވާފައިވާ، އަދި ސިއްހަތު ސަލާމަތުން ލެހެއްޓެވިގެންވާ، އަދި އެދުވަހުގެ ފުރާގު (ކައިބޮއި ހެދޭނެ މިންވަރު) އޭނާއަށް ލިބިގެންވާ މީހަކީ، މުޅި ދުނިޔޭގެ ހުރިހާ މޮޅެއް ލިބިގެންވާ މީހެއް ފަދަ އެވެ." -- ރިވާ އަލްއިމާމުއް ތިރުމިޒީ

މި ނޫންވެސް އެތައް ނިއުމަތެކެވެ. މާތްﷲ އިންސާނާއަށް ދެއްވި ނިއުމަތްތައް ގުނާ އަދަދު ނުކުރެވޭ ފަދައެވެ. ތިމާގެ ހަށިގަނޑުގައި ކިތަންމެ ކުޑަ ވޭނެއް އެޅި ނަމަވެސް އެކަން ވަނީ ކިހާބޮޑު ކަމަކަށް ހެއްޔެވެ. އެއިން ކޮންމެ ވޭނެއް ތިމާއާ ދުރުކޮށް ދެއްވާފައިވުމަކީ ވެސް ކޮންފަދަ ނިިއުމަތެއް ހެއްޔެވެ. ވީމާ، މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާންޖެހެ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މުސާ ފިކުރީ