މާތް ﷲ ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވެ އެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى﴾ (البقرة: ١٧٨)
މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ގަތުލު ކުރެވޭ މީހުންނާމެދު ގިސާސް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ".
އިސްލާމްދީނުގައި ޤަޠުއީކޮށް (ޤުރުއާނުގެ އާޔަތަކުން ނުވަތަ ޞައްޙަ ޙަދީޘަކުން ނުވަތަ އިޖުމާޢުން ޔަޤީން މިންވަރަށް) ބަޔާންވެފައިވާ އެއްވެސް ޙުކުމްފުޅަކަށް، (އެއީ ދީނުގައި އެ ޙުކުމްފުޅެއް އޮތްގޮތްކަން ޝައްކެއްނެތް މިންވަރަށް އެ މީހަކަށް އެނގުމަށްފަހު) އިންކާރު ކުރުމަކީ އެ މީހަކު މިއްލަތުން ބޭރުވެ ކާފަރުވާނެ ކަމެކެވެ.
މިއީ މިކަމާމެދު އެއްވެސް އިލްމުވެރިއަކު ދެބަސްވެވަޑައިނުގަންނަވާނެ އިޖުމާއުލް ޤަޠުއީ ކަމެކެވެ.
ގިސާސް ހައްދު ނުވަތަ މަރަށް މަރުހިފުމުގެ ހައްދަށް ބަލާއިރު، އެއީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސަރީހަ ހަދީޘްފުޅުން ފެންނަން އޮތް ޤަޠުއީ ހުކުމެކެވެ. އެއާމެދު އިންކާރު ކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަ ވެގެންވާނޭ ކަމެއް ނޫނެވެ. އަދި ކިއެއްތޯ އެވެ. އެއީ ކުރިން ދެންނެވުނު ފަދައިން އެ މީހަކު މިއްލަތުން ބޭރުވެ ކުފުރުގެ ދާއިރާއަށް ހިނގައިދާނެ ކަމެކެވެ.
ހުރުމަތްތެރިވެގެންވާ ފުރާނައެއް ދުއްވައިލާ މީހަކީ، ހަމައެކަނި އެންމެ ފުރާނައެއް ދުއްވާލި މީހެއް ނޫނެވެ. އެއީ އެތަކެއް ފުރާނައެއް ދުއްވައިލި މީހެކެވެ.
ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވަނީ މީހެއްގެ ފުރާނަ ނެތިކޮށްފި މީހަކީ ހުރިހާ އިންސާނުންގެ ފުރާނަ ނެތިކޮށްފި މީހެއް ކަމުގައެވެ. އަދި މީހެއްގެ ފުރާނަ ސަލާމަތްކޮށްފި މީހަކީ ހުރިހާ އިންސާނުން ދިރުވައިފި މީހެއް ކަމުގައެވެ. މިއީ ދީނުގައި އެކަން ކަނޑައަޅުއްވާފައިވާ ގޮތެވެ.
ނިކަން ވިސްނަވާށެވެ. އެ ގާތިލުކަލޭގެ އެ މަރައިލީ މީހެއްގެ ދަރިއެކެވެ. މީހެއްގެ ފިރިއެކެވެ. ނުވަތަ އަނތްބެކެވެ. މީހެއްގެ ބޭބެއެކެވެ. ނުވަތަ ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. މީހެއްގެ ގާތް އެކުވެރިއެކެވެ. ތިމާގެ މީހެކެވެ.
ދިރިތިއްބާ އޭނާ އެ މަރާލަނީ މި އެންމެނެވެ. ދެން އޭނާ އަށް ކޮން ރަހްމެއް، ކޮން ހަމްދަރުދީއެއްތޯ އެވެ؟ ރަހްމާއި ހަމްދަރުދީވުން އޮތީ މި ދެންނެވި މީހުންނަށް ނޫންތޯ އެވެ. އުމުރަށް ދެން އެކަމުގައި ހިތާމަކުރާނީ އެ މީހުން ނޫންތޯ އެވެ.
އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ގިސާސްގެ ހުކުމުގައި ބައިވަރު ހިކުމަތްތައް ހިމެނެ އެވެ. އިސްލާމީ މުޖުތަމައެއްގައި، ރަނގަޅަށް ގިސާސްގެ ހުކުމް ތަންފީޒުކުރެވޭ ތަނެއްގައި، ފުރާނަ އަށް ހުރުމަތް ލިބިގެން ވާނެ އެވެ. އަމާންއޮމާންކަން ލިބިގެން ވާނެ އެވެ. ގިސާސް ހިފުމުގައި ދިރުމެއް ވެއެވެ. މިއީ ކީރިތި ގުރުއާނުގައިވާ އިލާހީ އިއުލާނެކެވެ. ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ މަތިވެރި އިލާހުގެ އެންގެވުމެކެވެ.
ލިޔުނީ: އައްޝައިޚް ޝަފީއު އަބްދުﷲ