ޒުހުދުވެރި އަޅުވެރިއެއްގެ އަރިހަށް ދަތުރުވެރިޔަކު ޒިޔާރަތް ކުރި އެވެ. އަޅުވެރިޔާ އިންނެވި މަކާނުގައި އެއްވެސް ފަރުނީޗަރެއް ނުވަތަ ހިފައި ގެންގުޅޭ ގެވެހި ކަންވާރު ފަދަ އެއްވެސް އެއްޗެއް ނެތެވެ.
ދަތުރުވެރިޔާ ހައިރާން ވެފައި ހުރެ ސުވާލު ކުރިއެވެ.
"ތިބާގެ ގޭގައި ފަރުނީޗަރު ފަދަ އެއްޗެއް ނެތީ ކީއްވެގެން ހެއްޔެވެ؟"
އަޅުވެރިޔާ ވިދާޅުވިއެވެ. "ތިޔަ އަޚާގެ ފަރުނީޗަރާއި ހިފައި ގެންގުޅޭ ތަކެތި ކޮބައި ހެއްޔެވެ؟"
ދަތުރުވެރިޔާ ޖަވާބު އެރުވި އެވެ. "އަހަރެންނަކީ ދަތުރުވެރިޔަކީމެވެ."
އަޅުވެރިޔާ ވިދާޅުވިއެވެ. "އަހަރެންނަކީ ވެސް ދަތުރުވެރިޔަކީމެވެ."
އޮޅުމެއް ނެތެވެ. އަޅުގަނޑުމެންނަކީ ދަތުރުވެރީންނެވެ. ދުނިޔަވީ ހަޔާތާ މެދު އަޅުގަނޑުމެންނަށް އެންމެ ޔަގީންކަމާ އެކު އެނގޭ އެއް ކަމަކީ މިއެވެ.
އާދެ، މިއީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ކުރާ ދަތުރެއް ކަމެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅާ ހަމައަށް ކުރާ ދަތުރެއް ކަމެވެ. މި ދަތުރުގައި އެންމެ ޔަގީންކަން ބޮޑު ކަމަކީ މަރެވެ. ދުނިޔަވީ ހަޔާތަށް އަލްވަދާއު ކިޔާން ޖެހޭ ދުވަސް އަންނާނޭ ކަމުގެ ހަގީގަތެވެ.
ދުނިޔެ ތައުމީރު ކުރުމަށް އިސްލާމް ދީން އަމުރު ކުރައްވަ އެވެ. ތާއަބަދު އުޅޭން އޮތް ތަނަކީ މި ދުނިޔެ ނަމަ، އަމަލު ކުރާނޭ ބީދައިން ދުނިޔޭގެ ހަޔާތުގައި ތަމައްދުނާއި ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް އިރުޝާދު ދެއްވަ އެވެ. އެހެންކަމުން، އަޅުގަނޑުމެން މުސްލިމުންނަކީ ފިކުރާއި އިލްމާއި ހަޟާރަތްތެރިކަމާއި ސައެންސާއި މަސައްކަތްތެރިކަމާއި ފަންނުތަކުގައި ކުރި އަރައިގެން ދާން ޖެހޭ ބައެކެވެ.
ފާއިތު ވެދިޔަ ޒަމާންތަކުގައި މުސްލިމުން ދެއްކި މިސާލަކީ ވެސް މި ކަންކަމުގައި މުޅި ދުނިޔޭގެ އެންމެ ޝަރަފުވެރި އުއްމަތް ކަމުގައި ވުމުގެ މިސާލެވެ.
އެހެނަސް، އަޅުގަނޑުމެން އެންމެ ބޮޑު ހަގީގަތް ހަނދާން ނައްތައިލައިގެން ނުވާނެ އެވެ. އާދެ މިއީ އިމްތިހާނެއް ކަމުގައިވާ ދަތުރެއް ކަމާއި، މި ދަތުރުގެ އާހީރީ މަންޒިލަކީ އިލާހީ ހުޟޫރުކަމެވެ. ދުނިޔެއަށް މާބޮޑަށް ލޯބި ނުކުރާންވީ ސަބަބަކީ މިއެވެ. ދުނިޔޭގެ އުފާތަކާއި މާއްދީ ތަކެއްޗާއި މުދަލާއި މާލާ ހެދި ހައްދުފަހަނައަޅައިގެންދާ ގޮތަށް އުޅެންނުޖެހެނީ އާހިރަތަށްޓަކަށް އެވެ.
ތިމާގެ އަޚާގެ ދަލާއި ލެއި ފޭރިގަނެގެން، ރޫހާނިއްޔަތުގެ ލޯ މަރައިލައިގެން، ދުނިޔޭގެ މުދަލާއި ފައިސާ އަކީ އޭގެ ޒާތުގައި މަގުސަދެއް އަދި މަންޒިލެއް ކަމަށް ދެކެގެން، މާއްދިއްޔަތަކީ ދީނެއް ކަމަށް ހަދައިގެން، ޖެހުނު ގޮތަކުން މުދަލާއި ފައިސާ އެއްކޮށް ބައްކޮށްގެން، ބޭނުންވާ ތަކެއްޗާ އެކު ތިމާއަށް އޭގެ އެއްވެސް ހާޖަތެއް ނެތް އެތައް މުދާތަކެއްވެސް ގަނެ ފުނި ޖަހައިގެން އިނުމުގެ ފައިދާއެއް އެބައޮތްތޯ އެވެ؟ އޭގެ ސަބަބުން ތިމާގެ ހަގީގީ ހަޔާތް ބަރުބާދުވުން ނޫން އެހެން އެއްވެސް ކަމެއް ވޭތޯ އެވެ.