ހަބަރު

ވިއްސާރަައިގައި ހުވަދޫގެ ބައެއް ރަށްތަކަށް ގެއްލުންވެއްޖެ

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުވަދޫގެ ބައެއް ރަށްތަކަށް ގެއްލުންވެއްޖެ އެވެ.

މޫސުމީ ވިއްސާރައިގައި، ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށަށް ދަނީ އުދަ އަރަމުންނެވެ. އެގޮތުން، ގއ. ކޮލަމާފުށްޓާއި ކޮނޑޭ އަދި ގދ. ތިނަދޫ އަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެެވެ.

އަވަސް އަށް މައުލޫމާތު ދެމުން ކޮލަމާފުށީ ކައުންސިލް ރައީސް އިބްރާހިމް އަލީމް ވިދާޅުވީ ގިނަ ގެތަކަށް އުދައިގެ އަސަރު ކޮށްފައިވާއިރު ހަ ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އެއް ގެއެއްގެ ސިޓިން ރޫމް ފާރު ވަރަށް ބޮޑަށް ރެނދުލައި އަރިއަޅާފައިވާއިރު ގިނަ ގޭގޭގެ ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރަށްވެސް ގެއްލުންވެފައިވާ ކަމަށެވެ.

ކޮލަމާފުށި ކައުންސިލުން ބުނީ ރަށުގެ އާންމު ރައްޔިތުންނާއި ފުލުހުންނާއި ގުޅިގެން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައިވާ ކަމަށެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ދަތުރުނުކުރެވޭތީ އެމްއެންޑީއެފްގެ އެހީތެރިކަން އަދި ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން އަތުގަ މިވަގުތު މި ހުރީ އެންމެ ޕަމްޕެއް. މިހާރުވެސް ހުއްޓާނުލާ ބޯކޮށް ވާރޭ ވެހޭތީއާއި ރަށުގެ ހުރިހާ ދިމާލަކުންވެސް އުދަ އަރަމުންދާތީ ދިޔަ ހިއްކުމަށް ވަރަށް ބޮޑަށް ދަތިވޭ. އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދެފިން. އެކަމަކު ކިހިނެތްތޯ އެބޭފުޅުން ދަތުރުކުރާނީ. ވަރަށް ކަނޑުވެސް ގަދަ. އިތުރު ގެތަކަށް ލޮނުގަނޑު ނުވަންނާނެހެން ވެލި ބަސްތާ ޖެހުުމުހެ މަސައްކަތްތަކާއި ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން މި ދަނީ." އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު ޖަންކްޝަންތަށް ފުރި ރަށުތެރެއަށް ނަޖިސް ބޭރުވާން ފަށައިފައިވާތީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އިތުރު ބަލިމަޑުކަމެއް ކުރިމަތިވެދާނެތީ ކަންބޮޑުވާ ކަމަށެވެ.

ކޮލަމާފުށީގެ އިތުރުން، އެ އަތޮޅު ކޮނޑޭ އަށްވެސް ވައިގަދަވެ ގެއްލުން ލިބިފައިވެއެވެ. ބައެއް މަގުތަކުގައި ހުރި ގަސްތައް ވެއްޓުމުން އެ ތަކެތި އެތަންތަނުން ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ތިނަދޫ އިން އަވަސް އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށަށް ކުރި ވިއްސާރައިގައި ގިނަ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގޭގޭގެ ޓިނުތައް އެއްލާލާ ބޮޑެތި ގެއްލުން ވެފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލުން ދަނީ މަގުތަކަށް ވެއްޓިިފައި ހުރި ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުން ކަމަަށެވެ.

ޑިސާސްޓާ މެނޭޖްމަންޓުން ބުނީ މިވަގުތު ރާއްޖޭގެ އެކި ހިސާބުތަކަށް ލިބެމުންދާ ގެއްލުމުގެ މައުލޫމާތު އެސެންޓަރުން ހޯދަމުންދާ ކަމަށާއި އުދައިގެ ސަބަބުންނާއި ވިއްސާރައިގެ ސަބަބުން ގެއްލުންވީ ކިތަށް ރަށަށް ކަމަށް ފަހުން ހާމަކުރާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދަނީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާނެއްގެ ނުސީދާ އަސަރު ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.