ދުނިޔެ

މިސްރުގެ އާ ސަރުކާރު ހުވާކޮށްފި

Sep 20, 2015

ކައިރޯ (އޭޕީ) މިސްރުގެ ކެބިނެޓް އިސްތިއުފާ ދިންތާ ހަފްތާއެއް ފަހުން އެ ގައުމުގެ އާ ކެބިނެޓް ގެ ވަޒީރުން މަގާމުގެ ހުވާ ކުރައްވައިފިއެވެ. ވަޒީރު ކަމުގެ ހުވާ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ލައިދެއްވި ވަޒީރުންގެ ތެރޭގައި ހުސްނީ މުބާރަކްގެ ވެރިކަމުގައި ތިއްބެވި ތިން ވަޒީރަކު ހަމަ އޭރު ތިއްބެވި ވުޒާރާ ތަކަށް ހަމަ ޖައްސަވާފައި ވާކަން ފާހަގަ ކުރެވެއެވެ.

އާ ސަރުކާރުގެ ބޮޑު ވަޒީރަކީ ޝަރީފް އިސްމާއިލް އެވެ. އޭނާ އަކީ ކުރިން ޕެޓްރޯލިއަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އިސްތިއުފާދިން ކުރީގެ ސަރުކާރުގައި ތިއްބެވި މިނިސްޓަރުންގެ މައްޗަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވިފައި ވެއެވެ. އެތައް މިނިސްޓަރެއްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއްގެ ރިޝްވަތު ތުހުމަތު ތައް ކުރެވި މިހާރުވެސް ތަހުގީގު ދަނީ ކުރިއަށެވެ. ކުރިން އޮތް ކެބިނެޓަށް ފާޑުކިޔުން ތަކާއި ތުހުމަތު ތައް ކުރެވުނު އިރުވެސް ރައީސް ސީސީ އަކަށް މީޑިޔާގެ ހަމަލާތަކެއް އަމާޒެއް ނުވެއެވެ.

މިސްރުގެ ތިރީސް ތިން މެންބަރުން ހިމެނޭ އާ ވަޒީރުންގެ މަޖިލީހުގައި ތިން އަންހެން ވަޒީރުން ހިމެނެއެވެ. 16 އާ މެންބަރުން ތިބިއިރު މުހިންމު ބައެއް މިނިސްޓްރީތަކުގައި ތިބީ އިސްތިއުފާ ދިން ކެބިނެޓްގައި ވެސް ތިއްބެވި ބޭފުޅުންނެވެ. އޭގެ ތެރޭގައި ޖަސްޓިސް، ޑިފެންސް އަދި ފިނޭންސް މިނިސްޓްރީ ހިމެނެއެވެ.

ހުސްނީ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ނިމުމަކަށް ގެނައި ހިސާބުންފެށިގެން އަދިވެސް ފެންނަނީ މިސްރުގެ ސަރުކާރު އަވަސް އަވަހަށް ބަދަލުވަމުންދާ ތަނެވެ.