ހަބަރު

ކަނޑުމަތީގެ ހާދިސާތައް އިތުރުވަނީ! މޫސުން އިތުރަށް ގޯސް ވާނެކަމަށް ލަފާކޮށްފި

Sep 20, 2015

ގަދަ ވަޔާއި އެކު ވިއްސާރަކޮށް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ. އަދި މޫސުން ގޯސްވުމާ އެކު ކަނޑު މަތީގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ވަނީ ރެ އާއި އިއްޔެ ހިނގައިފަ އެވެ.

އީދު ބަންދާ ދިމާކޮށް ކަނޑު މަގުން ކުރާ ދަތުރުތައް އިތުރުވެފައިވާ އިރު، މީޓިއޮރޮލޮޖިކަލް ސެންޓަރުން މިއަދު ބުނީ، އެކަމުގައި ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ވަސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާ އިރު އެވްރެޖްކޮށް ގަޑިއަކު 15 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

"ވައި ގަދަވެ ކަނޑުތައް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް އުތުރާއި މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދެން،" މެޓް އޮފީހުން އިލްތިމާސްކުރި އެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ އެކަނިވެސް ކަނޑުމަތީގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ކަމަށެވެ. އަދި ސަލާމަތީ މައްސަލަ ހުރެގެން ބައެއް އުޅަނދުތައް ވަނީ ނުފުރޭ ގޮތަށް ހިފަހައްޓައިފަ އެވެ.

އެގޮތުން ރޭ 11:00 އެހާކަންހާއިރު 181 މީހުން ގޮވައިގެން ތ. ގުރާދުއަށް ދަތުރު ކުރި "ސަވާރީ" ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރައިފަވެ އެވެ. އެބޯޓުގައި އަންހެނުނާއި ކުޑަކުދިން ވެސް ތިއްބެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވުނެވެ. އަދި ބޯޓު ފުންކުރުމުގެ މަސައްކަތް ކޯސްޓް ގާޑާއި ބޯޓުގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.

ރޭ ކާށިދޫ ކައިރިން 41 މީހުންނާއި އެކު ދަތުރުކުރި "އުޖާލާ" ނަމަކަށް ކިޔާ ބޯޓަކަށް ލޮނުގަނޑު ވަދެ، ދިޔަވާން ފެށުމުން އެ ބޯޓަށް ވެސް ސިފައިން އެހީތެރިވެފައިވެ އެވެ. އެ ބޯޓުގައި ތިބި އެންމެން ވެސް ސިފައިންގެ އުޅަނދުތަކުގައި ރައްކާތެރި ހިސާބުތަކަށް ވަނީ ގެންގޮސްފަ އެވެ. މީގެ އިތުރުން ކާށިދޫ ކަނޑުން ދަތުރު ކުރި ބޯޓެއްގެ އިންޖީނު ހުއްޓި ދިޔަވާން ފެށުމުން އެ ބޯޓަށް ވެސް ސިފައިން އެހީތެރިވި އެވެ. އަދި ރޭ މާމިގިލީ ފަޅުގައި އޮތް ލޯންޗެއް ވެސް ވަނީ ކަނޑު ގަދަވެ އަޑިއަށް ގޮސްފަ އެވެ.

ކަނޑު ގަދަވުުމުގެ ސަބަބުން މިދިޔަ ހަފްތާގެ ތެރޭގައި 81 މީހުންނާ އެކު ދަތުރު ކުރި މާމިގިލީ ބޯޓެއް ވަނީ އަޑިއަށް ގޮސް އެންމެން ކަނޑުވެފަ އެވެ. އަދި ކަނޑު ގަދަވެ، ބައެއް ލޯންޗާއިި ފެރީ ފަދަ ތަކެއްޗަށް ގެއްލުންވެ ސިފައިން އެހީތެރިވާން ޖެހުނެވެ.

މިދުވަސް ކޮޅާ ދިމާކޮށް ކަނޑުމަތީގައި ހިނގާނެ ހާދިސާތަށް މަދުކުރުމަށް ސިފައިން އޮޕަރޭޝަންތަކެއް ފަށާފައިވެ އެވެ. ސިފައިން ބެލި 20 އަށް ވުރެ ގިނަ ބޯޓުތަކުގައި މައްސަލަ ހުރެގެން އެ ކަންކަން ރަނގަޅު ނުކޮށް ނުފުރުމަށް ވަނީ އަންގައިފަ އެވެ.