ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕް ކުރިޔަށް ނުގެން ދެވުނު ނަމަވެސް، ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވެފައިވާކަމަށް މާޒިޔާގެ މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ އެވެ.
އޭއެފްސީ ކަޕަށް ހާއްސަކޮށް މާޒިޔާއިން ވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ހަތަރު ޖާގައަށް ވެސް ކުޅުންތެރިން ގެނެސްފަ އެވެ. ލޯކަލް ސީޒަނަށް ހާއްސަކޮށް އެ ޓީމުން ގެނައި ބިދޭސީ ދެ ކުޅުންތެރިންނެވެ. އެއީ އަފްޣާނިސްތާންގެ ގޯލްކީޕަރު އޮވިއަސް އަޒީޒީ އާއި 2018 ވަނަ އަހަރު ވެސް އެ ޓީމަށް ކުޅުނު ވިންސެންޓިއަންގެ ފޯވަޑް ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ.
އެ ދެ ކުޅުންތެރިންގެ އިތުރުން އޭއެފްސީ ކަޕަށް ހާއްސަކޮށް އެ ޓީމުން ވަނީ އަފްޣާނިސްތާންގެ ޑިފެންޑަރު ޝަރީފް މުހައްމަދާއި ސާބިއާގެ ޑިފެންޑަރެއް ކަމަށްވާ ޕީޓާ ޕްލަނިޗް ގެނެސްފަ އެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އޭއެފްސީ ކަޕް މެދުކަނޑާލީ، ގުރޫޕް ސްޓޭޖުގައި މާޒިޔާއިން ފުރަތަމަ މެޗު ކުޅުނު ފަހުންނެވެ. 2018 ވަނަ އަހަރު ރާއްޖޭގެ ލީގްގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން މާޒިޔާއަށް އޭއެފްސީގެ ޖާގަ ލިބުނީ ކޮލިފައިން ސްޓޭޖުން ފެށިގެންނެވެ. ޕްރިލިމިނަރީ ބުރުގައި ބަންގުލަދޭޝްގެ ޑާކާ އަބަހާނީ ބަލިކޮށް ޕްލޭއޮފް ބުރުގައި އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބަލިކޮށް ގުރޫޕް ސްޓޭޖުން ޖާގަ ހޯދި އެވެ.
އެފްއޭއެމުން ރޭ ގެނެސްދިން ފުޓްބޯޅަ ޓޯކްޝޯގައި ވާހަކަ ދައްކަމުން ވަހީދު ވިދާޅުވީ ބިދޭސީ ކުޅުންތެރިންނާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށެވެ. އަލުން އޭއެފްސީ ކަޕް ފަށާއިރު އެކަމަށް ހައްލުތަކެއް ހޯދުމަށް އެފްއޭއެމް އާއި އޭއެފްސީއާއެކު ވާހަކަ ދައްކާނެ ކަމަށެވެ.
"އެއަށް އަޅުގަނޑުމެން ގޮތެއް ނިންމަން ޖެހޭނީ އެފްއޭ އާ ވެސް ވާހަކަ ދެކެވިގެން، އޭއެފްސީއިން ވެސް އެއްވެސް ކަހަލަ ސިޓީއެއް މިކަމާ ބެހޭގޮތުން އާދޭތޯ ބަލައި އަދި ފައިނޭންޝިއަލީ އަންނަން ޖެހޭ ބައިވަރު ކަންތައްތަކެއް އައިސްގެން ކަންނޭންގެ ދެން އަޅުގަނޑުމެންނަަށް ކުރިއަށް ގެންދަން އެނގޭނީ." ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީމުގައި ތިބި ހުރިހާ ދިވެހި ކުޅުންތެރިން އަންނަ ސީޒަންގައި ވެސް ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޓީމުގެ ގޯލްކީޕަރު އަޒިޒީ އަންނަ ސީޒަންގައި ވެސް ގެންނަން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ދިނެވެ. އެފްއޭއެމުން ވަނީ އަންނަ ސީޒަންގައި ބިދޭސީ ކީޕަރުންނަށް ނުކުޅެވޭނެ ގޮތަށް 2017 ވަނަ އަހަރު އުސޫލެއް ކަނޑައަޅާފަ އެވެ.
ވަހީދު ވިދާޅުވީ، ކުލަބުތަކުން ބޭނުންނަމަ އެކަމަށް ލުއިތަކެއް ދިނުމަށް އެފްއޭއެމުން ވިސްނުންތަކެއް ގެންގުޅޭކަން އެނގިފައިވާ ކަމަށެވެ. އެގޮތަށް ނިންމައިފިނަމަ އެއީ ކުލަބުތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.