ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އިނާޔަތާ ބެހޭ ގޮތުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކުޅިވަރުގެ ކޮންމެ އެސޯސިއޭޝަނެއް ވަކިވަކިން ހިމެނޭ ގޮތަށް ކުޅުންތެރިންނާއެކު މަޝަވަރާ ކުރައްވަން ފައްޓަވައިފި އެވެ.
ގައުމީ ޓީމު ކުޅުންތެރިންނަށް ދެމުންގެން ދިޔަ މުސާރަ ނުވަތަ އިނާޔަތްތައް ވަނީ ހުއްޓިފަ އެވެ. ކޮވިޑް-19 އާ އެކު ވޭތުވެދިޔަ ދެ މަހު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭން ޖެހޭ އިނާޔަތް ލިބިފަ އެއް ނެތެވެ.
އިނާޔަތާ ބެހޭގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހު މަހްލޫފް ވިދާޅުވެފައި ވަނީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިނާޔަތް ދެނީ އެ ކުޅުންތެރިން ކުރާ ޕްރެކްޓިސްތަކުގެ މައްޗަށް ބިނާކޮށް އެސޯސިއޭޝަންތަކުން ފޮނުވާ ލިސްޓަށް ކަމަށާއި ޕްރެކްޓިސް ނުކުރާތީ އިނާޔަތް ނުދެނީ ކަމަށެވެ.
"މުޅިން އާ ކަމެއް ކުރިމަތި ވެގެން މިއުޅެނީ ދުވަހަކު ކުރިމަތި ނުވާ ކަމެއް، މިހާރު ޕްރެކްޓިސް ނުކުރާތީ އިނާޔަތް ނުލިބިގެން މިއުޅެނީ." މަހްލޫފް ވިދާޅުވެފައި ވެއެވެ.
ކުޅުންތެރިންގެ މުސާރަ އާ ބެހޭގޮތުން، މިނިސްޓަރު މަޝްވަރާއަށް ވަޑައިގެންނެވީ އޭރު ވިދާޅުވި އެ ވާހަކަ އާ ގުޅިގެން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިނާޔަތް ދިނުމާ ބެހޭގޮތުން މިނިސްޓަރު މިހާރު ކުރިއަށްގެންދަވާ މަޝްވަރާއަކީ އެކަމަށް ޓަކައި ކުރިއަށް ގެންދާ ދެވަނަ މަރުހަލާގެ މަޝްވަރާތަކެވެ. ފުރަތަމަ މަރުހަލާގައި މަޝްވަރާ ކުރެއްވީ އެސޯސިއޭޝަންތަކުގެ އެންމެ އިސްވެރިންނާއެކު އެވެ.
މިހާރު ކުރިއަށްދާ މަރުހަލާގައި މަޝްވަރާ ކުރައްވަމުން ގެންދަވަނީ، ކޮންމެ އެސޯސިއޭޝަނެއް ވަކިވަކިން އެ އެސޯސިއޭޝަނެއް ނިސްބަތްވާ ކުޅިވަރުތަކުގެ އަންހެން ފިރިހެން ކުޅުންތެރިން ވެސް ހިމެނޭ ގޮތަށެވެ. މިދިޔަ ހުކުރު ދުވަހު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާއެކު ކުރިއަށް ގެންދަވާ މަޝްވަރާތައް މިނިސްޓަރު ފެއްޓެވީ ޓީޓީ އެސޯސިއޭޝަނާއި ޓީޓީގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއެކު އެވެ.
އޮންލައިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދާ މަޝްވަރާތަކުގައި ރެއާ ހަމައަށް ވަނީ ޓީޓީގެ އިތުރުން ވޮލީ، ބާސްކެޓް، ހޭންޑްބޯލް އަދި ފުޓްބޯޅަ އާ އެކު މަޝްވަރާތައް ކުރިއަށް ގެންދާވާފަ އެވެ.
ކުޅުންތެރިންނާއެކު ވަކިވަކިން މަޝްވަރާ ފެށުމާ ބެހޭގޮތުން، މިމަހުގެ 15 ވަނަ ދުވަހު 'އަވަސް' އާ ވާހަކަ ދައްކަމުން މަހްލޫފް ވިދާޅުވެފައި ވަނީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ތެރެއިން އާމުދަނީއެއް ލިބޭނެ އިތުރު މަގެއް ނެތް ކުޅުންތެރިންނަކީ ކޮބައިތޯ ބެލުމުގެ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށެވެ.