ބޮލީވުޑް

"މުންނާބާއީ 3" އަށް އަދިވެސް ދިގު އިންތިޒާރެއް

"މުންނާބާއީ" ސިލްސިލާގެ ފިލްމުތަކަކީ ވަރަށް ހެއްވާ މަޖާ ފިލްމު ތަކެކެވެ. ފިލްމުގެ ޑައިލޯގްތައް މޮޅުވެފައި ކޮމެޑީގެ ފުރިހަމަ ކަމުން ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން މި ފިލްމުތައް ހޯދާފައި ވެ އެވެ. ރާޖްކުމާރު ހިޜާނީ ޑައިރެކްޓްކޮށްފައިވާ "މުންނާބާއީ"ގެ ދެ ފިލްމެއް މިހަތަނަށް ރިލީޒްކޮށްފައިވާއިރު ދެ ފިލްމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. އަދި "މުންނާބާއީ"ގެ ފޭނުން މި ސިލްސިލާގެ ތިން ވަނަ ފިލްމަކަށް އިންތިޒާރުކުރާތާ މިހާޜު ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ފޭނުންނެކޭ އެއް ފަދައިން ފިލްމުގެ ތަރިން ވެސް މި ސިލްސިލާގެ ތިން ވަނަ ފިލްމަކަށް އިންތިޒާރު ކުރެ އެވެ. ފިލްމުގައި "ސާކިޓް"ގެ ކެރެކްޓާ ކުޅުނު އަރްޝަދް ވާރްސީ ބުނި ގޮތުގައި "މުންނާބާއީ" ސިލްސިލާގެ ތިން ވަނަ ފިލްމެއްގައި މަސައްކަތް ކުރަން އޭނާ ވެސް ބޭނުންވެ އެވެ. ނަމަވެސް އެ ފިލްމު ވުޖޫދަށް އަންނާނެ އިރެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އަރްޝަދު ބުނީ "މުންނާބާއީ" ގެ ތިން ވަނަ ފިލްމެއް އުފައްދަން އުޅޭ ވާހަކަ ނޫސްތަކުން ވަރަށް ގިނައިން ފެންނަ ކަމަށާއި ނަމަވެސް އެފަދަ ފިލްމެއްގެ މަސައްކަތް ފެށެން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އަދި ނުލިބޭ ކަމަށެވެ.

ޑައިރެކްޓަރު ހިރާނީ ވެސް ވަނީ "މުންނާބާއީ"ގެ ތިން ވަނަ ފިލްމެއް އުފައްދާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި ފިލްމުގެ ސްކްރިޕްޓް ލިޔަމުންދާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. ނަމަވެސް ސަންޖޭ ދަތުގެ ހަޔާތުގެ ވާހަކަ އޭނާ ކިޔައިދިން ހިސާބުން "މުންނާބާއީ 3"ގެ ސްކްރިޕްޓަށް ވުރެ "ސަންޖޫ"ގެ ސްކްރިޕްޓަށް ހިރާނީގެ ޝައުގުވެރިކަން ބޮޑުވެ އެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ފެށީ އެވެ.

އަދި "ސަންޖޫ" ނިމުމަށްފަހު ވެސް "މުންނާބާއީ 3" ލިޔުމުގެ މަސައްކަތް ހިރާނީ ފަށާފައެއް ނުވެ އެވެ.