ލައިފްސްޓައިލް

ކުކުޅު ބިސްތަކެއްގެ ގޮބޮޅި ގަދަ ފެހިކުލައިގައި ހުރުމުން ހައިރާންކަން

އިންޓަނެޓުން ވަރަށް އަޖައިބުވާ ކަހަލަ ވާހަކަތައް އަބަދުވެސް ފެނެ އެވެ. މިފަހަރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވަނީ އިންޑިޔާގެ މަލައްޕުރަންކިޔާ ސަރަހައްދެއްގެ އޮތުކުންގަލަ އަވަށުގެ މީހަކު ގެންގުޅުނު ކުކުޅެއް އެޅި ބިސްތަކެއްގެ ގޮބޮޅި ގަދަ ފެހިކުލައިގައި ހުރެގެންނެވެ. މިކަމާ ސައިންސްވެރިން ވެސް ވަނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ. މިފަދަ ގޮތަކަށް ބިހުގެ ގޮބޮޅިތަކުގެ ކުލަ ބަދަލުވެދާނެ އެއްވެސް ހާލަތެއް ސައިންޓިފިކް ގޮތުން އެމީހުންނަށް ނުވިސްނޭތީ އެވެ.

އޭ.ކޭ ޝިހާބުއްދީން ކިޔާ މީހަކު ސޯޝަލް މީޑިއާގައި ޝެއާ ކުރި މި ފޮޓޯތަކުން ފެންނަނީ އާދަޔާޚިލާފު ގަދަ ފެހިކުލައެއްގައި ބިހުގެ ގޮބޮޅިތައް ހުއްޓަ އެވެ.

އިންޑިޔާގެ ނޫހަކުން ބުނި ގޮތުގައި މި ފޮޓޯތައް އޮންލައިންގައި ދައުރުވުމުން އިންޑިއާގެ އެކި ކަންކޮޅުތަކުގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވެސް ޝިހާބުއްދީނާ އެކި ގޮތްގޮތުން ގުޅައިގެން މި ބިސްތަކުގެ މައުލޫމާތު ދަނީ ސާފު ކުރަމުންނެވެ.

އަދި ކެރެލާ ވެޓެރިނަރީ އެންޑް އެނިމަލް ސައިންސަސް ޔުނިވަސިޓީ (ކޭވީއޭއެސްޔޫ)ގެ ސައިންސްވެރިން ވެސް މި ބިސްތަކުގެ ދިރާސާއެއްގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ސަބަބަކީ ބިސްތަކުގެ ގޮބޮޅިއަށް ފެހިކުލަ އަރާނެ އެއްވެސް ގޮތެއް އެމީހުންނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ނުވިސްނޭތީ އެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޝަހާބުއްދީން ގެންގުޅޭ ކުކުޅުތަކުގެ ތެރެއިން އެއް ކުކުޅު ފުރަތަމަ ފަހަރަށް ފެހި ގޮބޮޅި ބިހެއް އެޅީ މީގެ ނުވަ މަސް ދުވަސް ކުރިންނެވެ. އެ ފަހަރު އޭނާ ވެސް އަދި އާއިލާގެ އެއްވެސް މީހަކު ވެސް އެ ބިހެއް ނުކައެވެ. ސަބަބަކީ އެއީ ކިހިނެއް ވެފައި އޮތް އެއްޗެއް ކަމެއް އެމީހުންނަށް ޔަގީން ނުވާތީ އެވެ.

އެ ފަހަރު ކުކުޅު އެޅި ބިސްތަކުން ބައެއް ބިސް ފީވެ ފިޔޮއްތަކެއް އުފަންވި އެވެ. އަދި މި ފިޔޮއްތައް ބޮޑުވެގެން ބިސް އަޅަން ފެށިއިރު އަނެއްކާވެސް ފެހިގޮބޮޅި ބިސް އަޅަން ފެށީ އެވެ.