ހުޅުމާލެއަށް ގޮސް އެންމެން އެއްވަނީ ބާބަކިއު އޭރިއާއަށެވެ. މުޅި އެ ސަރަހައްދު އެއްވަސް ކޮށްފަައި އޮންނާނީ ލޮނު މިރުސްގަނޑެއް އުނގުޅައި ގްރިލްތަަކުގައި އަތުރާލާ މަހާއި ކުކުޅު ފަދަ ބާވަތްތައް ފިހެވިގެން ކުޅުދިޔައި ކުރާ މީރު ވަހެވެ. އެއްބަޔަކު ގްރިލް ކައިރީ ތިބެ ބާބަކިއު ތައްޔާރު ކުރަމުންދާއިރު އަނެއް ބަޔަކު ބެންޗްތަކުގައި ހިތްފަހި ކަމާއެކު ސަމާސާކޮށްލައި ވާހަކަ ދައްކާލަން ތިބެ އެވެ. ހިނގާލާން ދެވެ އެވެ.
އެހެން ގިނަ ރަހުމަތްތެރީންނާ އެ ސަރަހައްދުން ބައްދަލުވެ އެވެ. ހާއްސަކޮށް ހަފުތާ ބަންދުގައި އެއީ ވަރަށް ގިނަ ބަޔަކު ސްޓްރެސް ދުއްވާލަން ދާތަނަކަށް ވެފައި އޮވެއެވެ. އަދި މުޅި އެ ސަރަހައްދަކީ ކޮންމެ ރެއެއްގައި ވެސް ވަރަށް ބޮޑު ސޯޝަލް އިވެންޓަކަށް ވެފައި ވެއެވެ. އެކަމަކު އެއީ މީގެ ދުވަސްތަކެއް ކުރިން ހުޅުމާލޭގެ ބާބަކިއު އޭރިއާ އޮތް ގޮތެވެ. މިހާރު ވަރަށް ތަފާތެވެ.
މިހާރު އެ ސަރަހައްދު ބަންދުކޮށް ބާބަކިޔުން ހެދުން ވަނީ ހުއްޓުވާފަ އެވެ. އޭގެ ފަހުން އައި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެ ސަރަހައްދު ވަނީ އެކަށް ބަންދު ކޮށްފަ އެވެ. އާއްމުން އެއްވެ އުޅުނު އެފަދަ ހުރިހާ ތަނެއްގައި ޓޭޕުފަށް ދަމާލި ގޮތަށެވެ. ހުޅުމާލޭގެ ދެވަނަ ފޭހާ ދިމާލަށް ދާން އޮންނަ އެ ސަރަހައްދު ވެސް މިހާރު އޮތީ ފަޅަށެވެ. ކުރިން އެންމެން އެކުގައި ކާން ތިބި ގޮނޑިތައް ވެސް ވަނީ ނަގާފަ އެވެ. ދުން އެރުވި ގްރިލްތަކެއް ވެސް ނެތެވެ.
ގޮނޑިތައް ބަހައްޓާފައި ހުރި ދިމާލުން މިހާރު ފެންނަނީ މުޅިން އެހެން މަންޒަރެެކެވެ. ގަސްތައް ފަޅާ ބޯވެ ބާބަކިއު އޭރިއާގެ ނިޝާންތައް ފޮހެވެން ފަށާފައި ވާއިރު ފެހި އެހެން ކަމެއް އެބަ ފެނެ އެވެ. ސަރަހައްދުގެ އެކި ދިމަ ދިމާލުގައި ކަރާ ވެޔޮތައް ހެދިފައިވާ ތަނެވެ. އެ ސަރަހައްދުގެ ތިން ދިމާލެއްގައި ތިން ކަރާ ވެޔޮ އެބަ އޮތެވެ. ދެ ވެޔޮގަނޑެއްގައި އޮތީ ރަނގަަޅަށް ކަރާ އަޅާފަ އެވެ. އަނެއް ވެޔޮގަނޑު އޮތީ މާ އަޅާ ކަރާ ޖަހާން ތައްޔާރުވާ ފޭހުގަ އެވެ.
މި ކަރާ ވެޔޮތައް ހެދިފައި ވަނީ ކޮންކްރީޓު ގޮނޑިތައް ހުރި ދިމާލުގަ އެވެ. އެ ސަރަަހައްދުން ގޮނޑިތައް ނަގާފައި ހުރިި ކަމުގައިވިޔަސް ބައެއް ތަންތަނުގައި ވީރާނާ ކޮންކްރީޓުގަނޑުތައް ހުއްޓެވެ. ބޮޑެތި ކޮންކްރީޓުތަކުގެ މަތިންނާއި އަރިމަތިން ކަރާ ވެޔޮތައް ވަރުގަދަކޮށްލާ އެ ސަރަހައްދަށް ފެތުރިގެންފައި ވެއެވެ.
ވެޔޮތައް ހެދިފަައި ހުރި ގޮތުން އެއީ މީހަކު ނޫނީ ބަޔަކު ގަސްތުގައި ކަރާ ދަނޑެއް ހައްދަން އޮށް އަަޅައިގެން ކޮށްފައިވާ ކަމެއް ހެން ހިޔެއް ނުވެ އެވެ. އެކި ދިމާލުގައި ހެދި ވެޔޮތައް ވެސް ހެދި ދުވަމުން ދާ ގޮތުން ހީވަނީ ކަރާ އޮށް އެޅިގެން ކަރާ ވެޔޮ ފަޅައި ހެދި ކަރާ ވެސް އަޅާފައި ވަނީ އެވެ.
ބައެއް ކަރާތައް ދޮންވެފައި ވެއެވެ. ތަންކޮޅެއް ޅަ ކަރާ ވެސް ގިނަ އެވެ. ވެޔޮތައް އަދި ޅަޔަސް ސަރަހައްދުގައި މިހާރު އޮތީ ކަރާ ވެލެވެ. ބައެއް ބޮޑެތި ކަރާތައް ކައިރީ ގާ އަތުރާއި މިލްކުވެރިކަން ސާބިތުކޮށްފައި ވެސް ހުއްޓެވެ.
ހުޅުމާލޭގެ އެ ސަރަަހައްދުގައި އެތައް ބަޔެއްގެ ހަނދާންތައް ވާނެ އެވެ. އެއިން އެއްފަހަރަކު ބަޔަކު ކަރާ ކައި އުކި ކަރާ އޮށްތަކުން މި ވަނީ އެ ސަރަހައްދުގައި ކަރާ ހެދި ކަރާ އަޅާފަަ އެވެ.