ކޮވިޑް-19ގެ ޓެސްޓަށް 675 ރުފިޔާ ހަރަދުވާ ގޮތް އޭޑީކޭ ހޮސްޕިޓަލުން ބުނެދީފި އެވެ.
ކޮވިޑް-19ގެ ޓެސްޓެއް އޭޑީކޭ ހޮސްޕިޓަލްގައި ހަދައިދެނީ 675 ރުފިޔާއަށް ކަމަށް އެންއީއޯސީން ހާމަކުރުމާއެކު އެ ހޮސްޕިޓަލަށް ދަނީ ފާޑުކިިޔުން އަމާޒުވަމުންނެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން އޭޑީކޭގައި ދަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ. އެ ހޮސްޕިޓަލުން ވަނީ ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށް ބުނެފަ އެވެ.
އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އެއް ޕީސީއާރް ޓެސްޓު ހެދުމަށް އެވްރެޖް ގޮތެއްގައި ދާ ހަރަދުގެ ތަފްސީލް ހާމަކޮށްފަ އެވެ. އަދި މިއީ ކޮންމެ ހޮސްޕިޓަލަކުންވެސް ކުރާނެ ހަރަދު ކަމަށާއި، އޮޓޮމެޓިކް އެކްސްޓްރެކްޝަން ހަރަދު މިއަށް ވުރެ ބޮޑު ވާނެ ކަމަށެވެ. އަދި މި ގޮތަށް ޓެސްޓުތައް ހެދުމުން ވަގުތު ސަލާމަތްވެ ލޯޑު ކުޑަވާނެ ކަމަށްވެސް އޭޑީކޭ އިން ކުރި ޓްވީޓުގައި ބުނެ އެވެ.
- ޓެސްޓު ކުރަން ގެންގުޅޭ ކަފަބުރު - 120.00 ރުފިޔާ
- ޕީޕީއީ - 13.00 ރުފިޔާ
- އެން95 ފޭސް މާސްކު - 2.00 ރުފިޔާ
- ފޭސް ޝީލްޑު / ގޮގްލްސް - 1.60 ރުފިޔާ
- ސާމްޕަލް ޓެސްޓިން އަށް ބޭނުންވާ ޕްލާސްޓިކް ވެޔަ - 100.00 ރުފިޔާ
- ޓެސްްޓު ކުރުން - 300.00 ރުފިޔާ
- ޓްރާންސްޕޯޓް - 150.00 ރުފިޔާ
އޭޑީކޭ އިން ބުނި އަދަދުތަކުން ޓެސްޓަކަށް 686.6 ރުފިޔާ ޖެހެ އެވެ.
ނަމަވެސް ރޭ އެންއީއޯސީން ބުނެފައިވަނީ އޭޑީކޭއިން ޓެސްޓް ކުރަނީ އެ ސެންޓަރުގެ ސިއްހީ އެހީތެރިން ނަގަމުންދާ ސާމްޕަލްތައް ކަމަށެވެ.
ކޮވިޑާއި ގުޅިގެން މިއަދާ ހަމައަށް 892.3 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކުރި 5.2 މިލިއަން ރުފިޔާ ހިމެނެ އެވެ.
ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރަނީ އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބުގަ އެވެ. އައިޖީއެމް ހޮސްޕިޓަލްގައި ދުވާލަކު 600 ސާމްޕަލް ކުރެވެއެވެ. އޭޑީކޭއިން 500 ސާމްޕަލް ޓެސްޓް ކުރެވޭއިރު ޕޮލިސް ލެބުން ދުވާލަކު ކުރެވެނީ 145 ޓެސްޓެވެ.