ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭގައި ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފި

Jan 21, 2022

އޭޑީކޭ ހޮސްޕިޓަލްގައި ބަލި މީހުންނަށް ޒިޔާރަތް ކުރުން މަނާކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިރޭ ބުނީ ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރި ކަމަށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މާދަމާއިން ފެށިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުނދާ މީހުން ކައިރިއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށްފައެވެ. އަދި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އެހީތެރިންގެ ގޮތުގައިވެސް ދެން މަޑުކުރެވޭނީ އެންމެ މީހަކަށެވެ.

އެއީވެސް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް މީހަކަށް ވާން ޖެހެއެވެ.

އޭޑީކޭއިން ވަނީ ކޮންމެހެން އަންނަންޖެހޭ ހާލަތެއްގައި ނޫނީ އެ ހޮސްޕިޓަލަށް ނުދިއުމަށާއި ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް އެކަނި އައުމަށް އެދިފައެވެ. ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނައިން ނުގެނައުމަށް އެދިފައެވެ. އަދި މާސްކު އެޅުމާއި ހޭންޑް ސެނެޓައިޒާ ބޭނުން ކުރުމަށްވެސް އެދިފައިވެއެވެ.