ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 114 އަށް

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 114 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ދެންމެ ބުނީ މިރޭ 6:52 ގައި މަރުވެފައިވަނީ އުމުރުން 62 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށެވެ. އެމީހާ މަރުވިއިރު އެއީ ކޮވިޑް ބަލި މީހެއްކަން އެނގިފައެއް ނުވެއެވެ. މަރުވި ފަހުން ލިބުނު ނަތީޖާ އިން ކޮވިޑް ޖެހިފައިވާކަން އެނގިފައިވާތީ އެއީ ކޮވިޑް މަރެއްގެ ގޮތުގަައި ކަނޑައެޅީއެވެ.

މިއީ މިއަދުގެ ދެވަނަ މަރެވެ. ރޭ މެންދަމު 2:00 ގައި މަރުވެފައި ވަނީ ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ އަކީ ނޭޕާލަށް ނިސްބަތްވާ މީހެކެވެ.

އިއްޔެއަކީ ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. ކޮވިޑް ބަލީގައި އިއްޔެ ހަތް މީހަކު މަރުވިއެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ލ. ކޮވިޑް ފެލިސިޓީގައި ފަރުވާ ހޯދަމުން އައި ދެ މީހެކެވެ. ދެން މަރުވީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ފަސް މީހެކެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގެ 105 ރަށެއްގައި 2969 މީހަކަށް މިހާރު ވެސް ބަލި ޖެހިފައި ވެއެވެ. 63 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށް ބަންދު ކޮށްފައެވެ. މިވަގުތު 272 މީހަކަށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 260 މީހަކަށް ފަރުވާ ދެނީ ވޯޑްގައެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ 14 މީހަކު ވެއެވެ. ނުވަ މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ރާއްޖެ ކޮވިޑް-19 އިގެ ބަލިމަޑުކަމުގައި 438 ދުވަސް ހޭދަވެފައިވާއިރު މިދިޔަ މުއްދަތުގެ ތެރޭގައި 48،601 މީހަކަށް އެ ބަލި ޖެހިފައި ވެއެވެ. މިވަގުތުވެސް 18،843 މީހަކު ބަލިން ފަސޭހަ ނުވެ އެބަތިއްބެވެ

މި މަހުގެ މިހާތަނަށް 41 މީހަކު ކޮވިޑް-19 ބަލީގައި މަރުވެފައިވާއިރު އޭގެ ތެރެއިން 64 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައިނުވާ މީހުން ކަމަށް ޓެގް ޓީމުން ބުނެއެވެ. ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވި ގޮތުގައި މި މަހު ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން މަރުވެފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 24 ޕަސެންޓް މީހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް ބަލަނީ ފުރަތަމަ ޑޯޒް ޖަހާތާ 14 ދުވަސް ވެފައި ވުމެވެ. މަރުވި މީހުންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 12 ޕަސެންޓް މީހުންނެވެ.

މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. 17 ޕަސެންޓް މީހުންނަކީ 60 އަހަރުން ދަށުގެ މީހުންނެވެ.