ހަބަރު

ހިޔާ ފްލެޓްތައް ދިނުން ލަސްވެގެން ނިކަމެތި ކުރެވެނީ ރައްޔިތުން: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި އަޅާފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތައް ހަވާލު ކުރަން މިހާރުގެ ސަރުކާރުގައި ލަސްވެގެން ދާއިރު، އޭގެ ނިކަމެތިކަން ބަރުދާސް ކުރަން ޖެހިފައިވަނީ އާދައިގެ އާންމު ރައްޔިތުން ކަމަށް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިހާރުގެ ހައުސިން މިނިސްޓަރު ވިދާޅުވީ އަންނަ ޖުލައި މަސް ނިމެން ވާއިރަށް ފްލެޓްތައް ލިބޭނެ ފަރާތްތައް ކަނޑައެޅި ހަވާލު ކުރެވޭނެ ކަމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ފަހުން ބުނީ މިނިސްޓަރަށް އެހެން ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ.

މި ކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލެޓްތައް ދިނުން ލަސްވެގެން ދަނީ ސަރުކާރުގެ ނާގާބިލުކަން އިންތިހާއަށް އޮތުމުން ކަމަށެވެ. ހިޔާ ފްލެޓްތައް ހަވާލު ކުރުން ލަސްވާ ލަސްވުމުގެ ޒިންމާ ނަގާނީ ކާކުތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

"ބަރުހެލިކަމާއި ނާގާބިލު ކަމުގެ އިންތިހާއަށް ގޮސްފައިވުމުގެ ހިތްދަތިކަން ބަރުދާސްތު ކުރަން ޖެހެނީ ނިކަމެތި ރައްޔިތުން، ރައްޔިތުން މި ކަންކަމަށް ޖަވާބު ދޭނީ ހަމަ ގައިމު ވެސް އޮޅުމަކުންނެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޅި އެ ފްލެޓްތައް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު ކުރެވެ އެވެ. އެ ލިސްޓުގައި އޮތީ އޭރުގެ ސަރުކާރުގެ އިސް ބޭފުޅުންގެ ގާތް މީހުން ކަމަށް މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެ އެވެ. ފްލެޓް ހަވާލު ކުރުން ލަސްވެގެން އުޅެނީ އެ މައްސަލަ ބެލުން މި ސަރުކާރުގައި ލަސްވެގެނެވެ.

ފްލެޓް ހަވާލުކުރާ މީހުންގެ ލިސްޓު އެސެސްކުރުމަށް ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް ވެސް އުފެއްދި އެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތް ލަސްވާތީ އާއި ހައުސިން މިނިސްޓްރީގެ ފަރާތުން ވެސް އެކަށީގެންވާ މަސައްކަތްތެއް ނުފެންނާތީ އާންމުންގެ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ.

ހައުސިން މިނިސްޓްރީން މިހާރު ބުނަމުންދާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް މި އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރެވޭނެ އެވެ. އެޗްޑީސީން ވެސް ބުނެފައި ވަނީ ފްލެޓްތަކުގެ މަސައްކަތް ވެސް ނިމޭނީ ސެޕްޓެމްބަރު މަހަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޗައިނާގެ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އާ ހަވާލުކޮށްގެންނެވެ. މި ކަމަށް ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ ލޯނު ހޯދާފައިވާއިރު ލޯނު ނެގީ ސޮވެރިން ގެރެންޓީއާއެކު ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގަ އެވެ