ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސެޕްޓެމްބަރު މަހާ ހަމައަށް އަފްޣާނުގެ ސްކޫލުތައް ބަންދު

Jun 9, 2020

ކާބުލް (ޖޫން 9) - ކޮވިޑް-19 އިގެ ކޭސްތައް އަދިވެސް އިތުރުވަމުން ދާތީ، ކުރިއަށް އޮތް ތިން މަހަށް އަފްޣާނިސްތާނުގައި ސްކޫލުތަކާއި ކޮލެޖުތައް ނުހުޅުވައި ބަހައްޓަން ނިންމައިފި އެވެ.

އަދި އެ މުއްދަތުގެ ތެރޭގައި، މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ކިޔެވުން އޮންލައިންކޮށް އަދި ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް އެ ގައުމުގެ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަފްޣާނިސްތާނުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 20،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ގައުމުން 357 މަރު ވަނީ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެ ބަލީގެ ކޭސްތައް ފެންނަމުންދާ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން މިދިއަ އާދީއްތަ ދުވަހުގެ ކުރީގެ 24 ގަޑިއިރުގެ ތެރޭގައި 800 އާ ކޭސް ފެނިފައި ވާއިރު، އެ ވަގުތުގެ ތެރޭގައި 30 އިތުރު މަރު ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެތައް އަހަރެއްގެ ހަނގުރާމައަށް ފަހު، އަފްޣާނިސްތާނުގެ ސިއްހީ ފަރުވާގެ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައި ވާއިރު، ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ގާބިލުކަން ނެތި، މި ބަލިމަޑުކަމުގެ ހަގީގީ އަދަދު ދެނެގަންނަން ދަތިވެފައިވާ ކަމަށް ސިއްހީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތުން، މިދިއަ ފެބްރުއަރީ މަހު ފުރަތަމަ ކޭސް ފެނުނު ފަހުން، އަފްޣާނިސްތާނުގައި މިހާތަނަށް ޓެސްޓު ކޮށްފައި ވަނީ 47،000 މީހުނެވެ.

އޭގެ އިތުރުން، އެކަށީގެންވާ މިންވަރަށް ރައްކާތެރިކަމުގެ އާލާތްތައް ނެތުމުގެ ސަބަބުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ.

މި ބަލިމަޑުކަމުގެ ސަބަބުން އަފްޣާނިސްތާނުގެ އެތައް މިލިއަން ކުދީންގެ ކިޔެވުން ހުއްޓިފައިވާ ކަމަށް ޔުނިސެފުން ވަނީ ބުނެފަ އެވެ.