ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި 60 މިލިއަން މީހުނަށް ކޮވިޑު ޖެހިފައި ހުރެދާނެ: ދިރާސާ

Sep 30, 2020

ނިއު ދިއްލީ (ސެޕްޓެމްބަރު 30) - އިންޑިއާގައި 60 މިލިއަނަށް ވުރެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައި ހުރެދާނެކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެންޓިބޮޑީ ނުވަތަ ލޭގައި ކޮވިޑުގެ އަސަރު ހުރިތޯ ބެލުމަށް ޓެސްޓު ކުރުމަށްފަހު، އިންޑިއާ ކައުންސިލް ފޮ މެޑިކަލް ރިސާޗުން ބުނީ ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދަށް ވުރެ ދިހަ ގުނަ މީހުނަށް އެ ބަލިޖެހިފައި ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިންޑިއާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 6.1 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް އެއް ލައްކަ މީހުން ވަނީ މަރުވެފަ އެވެ.

އެ އިދާރާއިން ކުރިއަށް ގެންދިއަ ދިރާސާގައި އިންޑިއާގެ 21 ސްޓޭޓަކުން 29،000 އެއްހާ މީހުންގެ ވަނީ އެންޓިބޮޑީ ޓެސްޓު ހަދައިފަ އެވެ.

އެގޮތުން، ކޮންމެ 15 މީހަކުން އެކެއްކެ ލޭގައި އެ ވައިރަހުގެ އެންޓިބޮޑީ ފެނިފައިވާކަމަށް ވަނީ ބުނެފަ އެވެ. އެހެން ކަމުން، ބަލީގެ އަލާމާތެއް ނުފެނި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު ރަސްމީ ނަމްބަރަށްވުރެ އެތައް ގުނައެއް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.

ނަމަވެސް، އެންޓިބޮޑީ ޓެސްޓުން އެހެން ބާވަތްތަކުގެ ކޮރޯނާ ވައިރަހުގެ އަސަރު ވެސް ފެންނާނެތީ، އެއީ ސީދާ ކޮވިޑް-19 ކަމަށް ކަނޑައެޅުމަކީ ދަތިކަމެއް ކަމަށް ބައެއް ސައިންސްވެރިން ދަނީ ބުނަމުންނެވެ.