ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ: ސެނިޓައިޒާ ބޮއެގެން 10 މީހުން މަރު

Aug 1, 2020

ނިއު ދިއްލީ (އޯގަސްޓް 1) - އިންޑިއާގެ އާންދްރަ ޕްރަދޭޝްގެ ވިލެޖެއްގައި، ކޮވިޑް-19 ފެތުރުން އިތުރުވެ ލޮކްޑައުންކޮށް ރާ ވިއްކާ ފިހާރަތައް ބަންދު ކުރުމާ ގުޅިގެން ސެނިޓައިޒާ ބުއިމުގެ ސަބަބުން މިހާތަނަށް 10 މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ފުލުހުން ބުނެފި އެވެ.

އެ ސަރަހައްދުގެ ފުލުހުންގެ އެންމެ އިސް އޮފިޝަލު ސިދާތު ކޯޝަލް މީޑިއާއަށް ވިދާޅުވީ، މަރުވި މީހުން ވަނީ ސެނިޓައިޒާ އާއި ފެނުގެ އިތުރުން ސޮފްޓް ޑްރިންކް އެއްކޮށްގެން ބޮއެފައިވާ ކަމަށެވެ.

އަދި އެ މީހުން މަރުވެފައިވަނީ، އެކަން ކުރާތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށްވެސް ކޯޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ސެނިޓައިޒާގައި ވިހަ މާއްދާއެއް އެކުލެވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ފެތުރުމާ ގުޅިގެން މުޅި ގައުމު ލޮކްޑައުން ކުރުމަށްފަހު، އިގުތިސޯދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންޑިއާ ފެޑެރަލް ސަރުކާރުން ވަނީ ގިނަ ވިޔަފާރިތައް އަލުން ހުޅުވުމުގެ ހުއްދަ ދީފަ އެވެ.

ނަމަވެސް، ބަލި އަދިވެސް ހިފެހެއްޓުމެއްނެތި ފެތުރެމުންދާއިރު، ބައެއް ސްޓޭޓުތަކުން ދަނީ ބައެއް ސަރަހައްދުތައް އަނެއްކާވެސް ލޮކްޑައުން ކުރަމުންނެވެ.

އެގޮތުން، އިންޑިއާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 55،000 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ. އަދި އެ ބަލީގައި އިންޑިއާގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.