ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ ކޮވިޑު އަދަދު ހަ މިލިއަނަށް

Sep 28, 2020

ނިއު ދިއްލީ (ސެޕްޓެމްބަރު 28) - ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އިގެ އާ 82،170 ޕޮޒިޓިވް ކޭހާއެކު، އިންޑިއާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ހަ މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

އެގޮތުން، ޖުމްލަ 6.1 މިލިއަން ކޭހާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ ފަހަތަށް ޖައްސާލައި، މުޅި ދުނިޔޭގައި އެންމެ ގިނައިން ކޮވިޑް-19 ޖެހުނު މީހުން ތިބި ގައުމަށް އިންޑިއާ ވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

ބަލި ޖެހޭ މީހުންގެ އިތުރުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހާހަކަށް ވުރެ ގިނަ މަރާއެކު، އެ ބަލީގައި މަރުވި މީހުންގެ އަދަދުވެސް މިހާރު 95،542 އަށް އަރައިފަ އެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި، މިދިއަ މަހުގެ ފަހު ކޮޅުން ފެށިގެން ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު އެވަރެޖު ގޮތެއްގައި 80،000 އާއި 90،000 އަށް އަރަ އެވެ.

ކޭސްތައް ހިފެހެއްޓުމެއްނެތި އިތުރުވަމުންދާއިރު، ބޭރަށް ނުކުންނައިރު، މާސްކު އެޅުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

"މި ފިޔަވަޅުތަކަކީ ކޮވިޑާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މައިގަނޑު ހަތިޔާރު. މިއީ ކޮންމެ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ހަތިޔާރެއް،" އިއްޔެ ދެއްވި ރޭޑިއޯ ހިތާބުގައި މޯދީ ވިދާޅުވި އެވެ.