ރިޕޯޓް

މަޖިލީހުން ހުރިހާ ކަމެއް ޑިކްޓޭޓް ކުރަނީތަ؟

ނޫ ގާނޫނު އަސާސީއަށް އަމަލު ކުރަމުން ދިޔައިރު އެންމެ ގަދަ އެއް އަޑަކީ ހުދުމުހުތާރު ވެރިކަމެއްގެ ވާހަކައިގެ އަޑެވެ. ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ޖަމާ ކޮށްފައި އޮންނަ އެތައް ވާހަކައަކާއި އެތައް އަޑެވެ. ގާނޫނު ހެދުމުގެ ބާރު، ރައްޔިތުންގެ މަޖިލީހާއި އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރާއި އެގްޒެކެޓިވް ބާރު ވަކި ނުވެ އެކެއްގެ އަތުގައި މަސްހުނި ކޮށްފައި އޮންނަ މައްސަލަ އެވެ.

އެ ހުރިހާ ކަމެއް ބަދަލުކޮށް ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފަށައި، ގާނޫނުތައް ބައްޓަން ކުރީ ތިން ބާރު ވަކިވެ، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާ ގޮތަށެވެ. އެކަމަކު އޭރު އިވެމުން ދިޔަ "ހުދުމުހުތާރު" ކަމާއި ބާރުގަދަ "ޑިކްޓޭޓަރެ"އްގެ ވާހަކައަށް ބަދަލެއް ނާދެ އެވެ. އަނެއްކާ ވެސް މިވަނީ އެ އަޑު ގަދަވާން ފަށާފަ އެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން މިއީ ތިން ވަނަ ސަރުކާރެވެ. ތިންވަނަ ރައްޔިތުންގެ މަޖިލީހެވެ. ސަރުކާރާއި މަޖިލިސް އިންތިހާބު ވުމަށް ފަހުގައި ސުޕްރީމް ކޯޓު ބަދަލުވެގެންދާ ކަން ވެސް އެއީ ފެންނަ ހަގީގަތެވެ. ގާނޫނުތަކާ ގުޅޭ ކަންކަމުގައި ސުޕްރީމް ކޯޓުން ހުކުމްތައް ނެރުނު މަންޒަރު ފެނުނެވެ. ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ މަގާމު ގެއްލުނު މަންޒަރު ވެސް ފެނިއްޖެ އެވެ. ވަކި ޕާޓީއެއް ދޫކޮށްލުމުން މަޖިލީހުގެ މެންބަރުކަމުގެ ގޮނޑި ގެއްލުނު މަންޒަރު ވެސް ފެނުނެވެ. މިއިން ކޮންމެ ފަހަރަކު އިވޭ އެއް އަޑަކީ އެއް ބާރުން އަނެއް ބާރުގެ އިމުގެ ތެރެއަށް ވަންނަ ކަމުގެ އަޑެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑް ކުރައްވާ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން މަޖިލިސް ހިންގަން ފެށި ފަހުން ރައީސް ނަޝީދާއި މަޖިލީހުން ހުރިހާ ކަމެއް "ޑިކްޓޭޓް" ކުރާ ކަމުގެ އަޑު މިހާރު ގަދަވެފައިވެ އެވެ. މަޖިލީހުން ވެރިކަން ހިންގުމުގެ ބާރުގެ ތެރެއަށް ވަންނަ ކަމުގެ އަޑު ގަދަ އެވެ. އެގްޒެކެޓިވް ބާރުތައް މަޖިލީހަށް ނަގަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް ނަޝީދު ހުރިހާ ބާރުތަކެއް ނަގަމުންދާ ކަމަށް ބުނެ ފާޑުކިޔާފައިވާ ޓްވީޓެއް

ކޮވިޑް-19 އިގެ ބަލާއާފާތް މެދުވެރިވުމާ ގުޅިގެން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވެ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ހާލަތު އިއުލާން ކޮށްފައިވާއިރު، އެ ކަމުގައި ސަރުކާރުން އަޅާ ބައެއް ފިޔަވަޅުތަކާ މެދު މަޖިލީހުގެ މެންބަރުން ނުރުހުނު މަންޒަރު ފެނުނެވެ. މިހާރު ވަނީ އެ ހާލަތު އިއުލާން ކުރުމުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީން މަޖިލީހަށް ވައްދާފަ އެވެ.

އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ ކުއްލި ހާލަތުގެ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރަށް ރުހުން ދިނުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. ގަރާރަށް މަޖިލީހުން ގެންނަން ބޭނުންވާ ބަދަލެއް ގެނެވޭނެ އެވެ. އަދި ގަރާރު ބާތިލް ކުރުމުގެ ބާރު ވެސް މަޖިލީހަށް އޮންނާނެ ކަމަށް ބިލުގައިވެ އެވެ.

މި ބިލާ ގުޅިގެން މަޖިލީހަށާއި އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ސިއްހީ ކަންކަމުގައި ގޮތް ނިންމަން ވާނީ އެ ދާއިރާގެ މާހިރުންނާއި ތަޖުރިބާކާރުން ކަމަށް ގިނަ މީހުން ދެކެ އެވެ. އަދި މަޖިލީހަށް އެގްޒެކެޓިވް ބާރުތައް ނުނުގޭނެ ކަމަށާއި ރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެއް ކަމަށް ބުނެ ގިނަ މީހުން އެ ބިލަށް ފާޑުކިޔާފައިވެ އެވެ.

ގާނޫނީ ވަކީލު، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި، ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރަކަށް ކުރުމަށް ހަވާލު ކުރައްވާ ކަންކަމަށް ކޮންމެ ފަހަރަކު ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އޮންނަނަމަ ސަރުކާރު ހިންގުމަށް ދަތިވާނެ އެވެ. ރިޔާސީ ނިޒާމަކަށް ވާތީ މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ނޯންނަ ފަހަރު ވެސް ދާނެ އެވެ. އެފަދަ ހަލާތެއްގައި ސަރުކާރަކުން ނަގަން ޖެހޭ ޑިޒިޝަންތައް ނުނެގި ދާނެ ކަމުގެ ބިރު ވެސް އޮންނާނެ އެވެ.

"މިފަދަ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނަމަ އެއިރެއްގެ އޮންނަ ސަރުކާރު ހިންގާ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ އޮންނަން ލާޒިމުވާނެ، އަޅުގަނޑު ދެކޭ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތި ވެސް ރިޔާސީ ނިޒާމެއްގައި ސަރުކާރު ހިންގެން ޖެހޭނެ، މިހާރު އެ އޮތީ ބަރުލާމާނީ ނިޒާމެއްގެ ސިފަ ޖެހޭ ގޮތަކަށް، އަލީ ހުސައިން ވިދާޅުވި އެވެ.

މި މައްސަލާގައި އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވާ ނުކުތާއަކީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށް ބަޔާން ކުރާ މާއްދާއަށެވެ. އެހެންކަމުން ގާނޫނެއްގެ ދަށުން ވަޒީރަކު އިއުލާން ކުރައްވާ އެފަދަ ގަރާރަކަށް ވެސް މަޖިލީހުގެ ރުހުން އޮންނަން ވާނެ އެވެ. ބައެއް ގާނޫނީ އެހެން ބޭފުޅުން ވެސް މި ކަން ފާހަގަ ކުރައްވަ އެވެ.

"ރިޔާސީ ނިޒާމެއްގެ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައިވާ ސީދާ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރުމަށް ގާނޫނު އަސާސީގައި އެބަ އޮވޭ،" މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ އެ ވާހަކަތަކަށް އަލީ ހުސައިން ވިދާޅުވާ ވާހަކައަކީ ބަލިމަޑުކަމާއި ސިއްހީ ކަންކަމަކީ ވަރަށް ސީރިއަސް ކަންކަން ކަމަށެވެ. އެހެންކަމުން ބަލިމަޑުކަމެއްގެ ހާލަތެއް މެދުވެރިވެއްޖެނަމަ ސިއްހީ މާހިރުންގެ ލަފައާއެކު ސަރުކާރަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނަން ވާނެ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ވެސް އިއުލާން ކުރެވެން ވާނެ އެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ޕަބްލިކް ހެލްތަށް ޑިޒިޝަންތަކެއް ނެގެން އޮންނަނީ ވެސް އެ ސަބަބަށްޓަކަ އެވެ. އެ ގޮތަށް އޮންނަން ވާނެ ކަމަށެވެ.

"ސިއްހީ ބަލިމަޑުކަމެއް ހަމަ ކުއްލިއަކަށް ވެސް ދިމާވެދާނެ، މިހާރު ދިމާވެގެން އުޅޭ [ކޮވިޑް-19 ގެ] ކަންކަމަކީ ހަމަ ވަރަށް ކުއްލިއަކަށް ދިމާވި ކަންކަން، އަލަށް މުޅި ދުނިޔެއަށް ދިމާވެގެން އުޅޭ ކަމެއް، މިފަދަ ބަލިމަޑުކަމަކުން ރައްކާތެރިވާން ސަރުކާރަށް، ސިއްހީ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅެން ވާނެ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނެތިގެން މަޖިލީހުގެ ރުހުން ނުލިބިގެން ކުއްލި ހާލަތު އިއުލާން ނުކުރެވިގެން ދޭންވާ ހިދުމަތެއް ވެސް ނުދެވިދާނެ،" އަލީ ވިދާޅުވި އެވެ.

މަޖިލީހުގެ ރުހުން ހޯދުމާ ގުޅޭ ގޮތުން މެންބަރު އަލީ ހުސައިން އާއި މެންބަރު ވައްޑެ ކުރެއްވި ޓްވީޓެއް

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ފާހަގަ ކުރައްވާ ގޮތުގައި ރައީސް އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހަޅައި ފާސްކުރަން އޮންނަނީ އެއްވެސް އިމެެއް ނެތި އެ ބާރުގެ ބޭނުން ކޮށްފައިނެތީ އެވެ. ގާނޫނަކުން އެއަށްވުރެ ބޮޑު ބާރެއް ވަޒީރަކަށް ދެވިގެން ނުވާނެ އެވެ. އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގައި މަޖިލީހުގެ ބަހެއް އޮންނަން ވާނެ އެވެ.

"ގާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ވެސް މަޖިލީހަށް ހުށައަޅައި ފާސްކުރަން ޖެހޭ. އެއްވެސް އިމެއް، މިނެއް ނެތި، އެއަށް ވުރެ ބޮޑު ބާރެއް ވަޒީރަކަށް ދެވިގެން ނުވާނެ، ރައްޔިތުންގެ އެތައް ހައްގެއް ހިފެހެއްޓުން އޯކޭތޯ އެ ވިދާޅުވަނީ،" އަލީ ހުސައިންގެ ނުކުތާއަށް ރައްދު ދެއްވަމުން ވައްޑެ ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ދެކެވަޑައިގަންނަވަނީ ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް ބަދަލު ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. ނަމަވެސް އެ ކަންކަން ނިންމުމުގައި މިހާރަށް ވުރެ ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮންނަ ގޮތަށް ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

ސިއްހީ ކުއްލި ހާލަތަށް މަޖިލީހުގެ ރުހުން ހޯދުމާ ގުޅޭ ގޮތުން މެންބަރު އުޝާމް ކުރެއްވި ޓްވީޓެއް

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މި މައްސަލާގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ މިފަހަރު ދިމާވި ބަލިމަޑުކަމުގެ ހާލަތުގައި ވެސް ސަރުކާރުން ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަންކަން ކުރިއަށް ގެންގޮސްފައިވާތީ އެވެ. އެހެންކަމުން މި ކަމުގައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް އޮތުމަކީ މައްސަލައެއް ކަމަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.

"ހަގީގަތަކީ ރާއްޖެ ކަހަލަ ތަނެއްގައި ސިއްހީ ކަމަކާ ގުޅިގެން ކަމެއް ވިޔަސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ކަމަށް ވެއްޖެއާ ވިސްނާލަން ޖެހޭ ކަންކަން އެބަހުރި. މި ފަހަރު ގަބޫލު ކުރަނީ ސަރުކާރުން ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށް. އާންމު ސިއްހަތުގެ ގާނޫނުގައި އިއުލާން ކުރެވޭނޭ އޮތް ކަމުގައި ވިޔަސް ރާއްޖެ ކަހަލަ ތަނެއްގައި ގެނެވޭ ހާލަތެއް ގެންނަ އިރު އެއިން ކުރާނެ އަސަރު ވަރަށް ބޮޑަށް ސަރުކާރަށް އެނގެން ޖެހޭ،" ޝަރީފު ވިދާޅުވި އެވެ.

މެންބަރު އުޝާމްގެ އެއް ނުކުތާއަކަށް އާދަމް ޝަރީފު ވެސް ތާއީދު ކުރެއްވި އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު އެ ކަމުގައި ބޮޑު ކުރުމަށެވެ. ސިއްހީ ކުއްލި ހާލަތުގައި ވެސް ގާނޫނު އަސާސީގައި ބަޔާން ކުރާ ހައްގުތަކެއް ހިފެހެއްޓޭތީ، ރައީސުލްޖުމްހޫރިއްޔާ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި އެ ގޮތަށް ވެސް ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ބައެއް ބާރުތަކުގެ ތެރެއަށް ވަންނަ ކަމަށް އާދަމް ޝަފީރު ވެސް ދެކެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޖަވާބުދާރީވުމުގެ ބަދަލުގައި އޭނާއަށް ފެންނަ މަންޒަރަކީ މަޖިލީހުގެ މެންބަރުން ސީދާ ކަން ކުރަން ވާނެ ގޮތުގެ އިރުޝާދު ވަޒީރުންނަށް ދެއްވާ މަންޒަރެވެ. މި ގޮތުން ވަޒީރުންގެ ޖަވާބުތަކަށް ނަޝީދު ދެއްވަމުން ގެންދަވާ ރިޕޯޓު ފޮތުގެ މާކްސްތައް އޭނާ ފާހަގަ ކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވެސް ގާނޫނު އަސާސީގައި އިންތަކެއް ކަނޑައަޅާފައިވެ އެވެ. އެ އިމުގެ ބޭރުން ގޮސްގެން ނުވާނެ އެވެ. މިއަދު ސަރުކާރަށް މެޖޯރިޓީ އޮތަކަސް މެޖޯރިޓީ ނޯންނާނެ ހަލާތެއް ވެސް އަތުވެދާނެ އެވެ. ގާނޫނެއް ފާސްކުރާއިރު މި ކަމަށް ވެސް މެންބަރުން ވިސްނަވަން ވާނެ އެވެ. މަޖިލީހުގެ މެޖޯރިޓީ ނެތުމުން ވާނެ ދަތިތައް އެންމެ ރަނގަޅަށް އެނގޭނެ އެއް ބޭފުޅަކީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރު ހިންގެވި ރައީސް މުހައްމަދު ނަޝީދެވެ.