ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިޔާއިން ކޮވިޑް-19 އަށް ބޭހެއް އުފައްދައިފި

ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ކުރުމަށް އެކަށީގެންވާ ބޭހެއް ރަޝިޔާއިން އުފައްދައި ކުރިޔަށް އޮތް މި ހަފުތާގައި ބޭނުން ކުރަން ފަށާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. މި ބޭހުގެ ސަބަބުން އާއްމުންގެ ސިއްހަތު ހަމަޔަކަށް އެޅި އާދައިގެ ދިރިއުޅުމެއް އުޅުމަށް މީހުންނަށް މަގުފަހި ވެގެން ދާނެ ކަމަށް މި ބޭހަށް ފަންޑުކުރާ ރަސްމީ އިދާރާއިން ވަނީ ބުނެފަ އެވެ.

އެވިފަވިއާ ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މި މި އެންޓިވައިރަލް ޑްރަގް ރަޝިޔާގެ ހޮސްޕިޓަލުތަކުގައި ތިބި ކޮވިޑް-19 ބަލި މީހުންނަށް ޖޫން 11 އިން ފެށިގެން ދޭނެ ކަމަށް އެފަރާތުން ބުނެ އެވެ.

މި ބޭސް އުފައްދާ ކުންފުނީގައި މަހަކު 60،000 މީހުންނަށް ފަރުވާ ކުރެވޭ ވަރަށް ބޭސް އުފެއްދުމުގެ ގާބިލްކަން ހުރި ކަމަށް ވެސް ރަޝިޔާއިން ބުނެފައި ވެއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރުކުރެވިފައި ނުވާއިރު ވަރަށް ގިނަ ފަރާތްތަކުން ދަނީ އެންޓި-ވައިރަލް ބޭސްތައް އުފައްދައި އިންސާނުންނަށް ދީގެން ޓެސްޓް ކުރަމުންނެވެ. ނަމަވެސް މީގެން އެއްވެސް ބޭހެއްގެ ނަތީޖާ އެއް އަދި އާއްމު ކޮށްފައެއް ނުވެ އެވެ.

ގީލެޑް އިން ތައްޔާރުކުރި އެންޓިވައިރަލް ބޭހެއް ކަމަށްވާ ރެމްޑެސިވިއާ ވެސް މިހާރު ބައެއް ގައުމުތަކުގައި ދަނީ އިމަޖެންސީ ހާލަތުތަކުގައި ބޭނުން ކުރަމުންނެވެ. އަދި މި ބޭހުން ވެސް ހާލު ދެރަ މީހުންނަށް އެކަށީގެންވާ ގޮތަކަށް ފަރުވާ ދެވޭ ކަމަށް ވެއެވެ.

އެވިފަވިއާ އަށް ޖެނެޓިކް ގޮތުން ކިޔަނީ ފެވިޕިރަވިއާ އެވެ. މި ބޭސް ފުރަތަމަ އުފެއްދީ 1990 ގެ ފަހުކޮޅުގެ އަހަރުތަކުގައި ޖަޕާނުގެ ކުންފުންޏަކުންނެވެ. ފަހުން ފޫޖީފިލްމް އިން ހެލްތުކެއާ ސިސްޓަމަށް ވަދެ މަސައްކަތް ފަށައި މި ބޭހުގެ ރައިޓްސް ގަނެފައި ވެއެވެ.

ރަޝިޔާގެ ސައިންސްވެރިން ވަނީ މި ބޭސް މޮޑިފައިކޮށްފަ އެވެ. އަދި މޮޑިފައިކުރުމަށް ގެނައި ބަދަލުތައް ކުރިޔަށް އޮތް ދެ ހަފުތާ ތެރޭގައި ދުނިޔެއާ ހިއްސާ ކުރާނެކަމަށް ރަޝިޔާ ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ޖަޕާނުން ވެސް ހަމަ މި ބޭސް މިހާރު އަޖުމަ ބަލަމުން އެބަގެންދެ އެވެ. އެ ގައުމުން މި ބޭސް ތައްޔާރުކުރަނީ އެވިގެންގެ ނަމުގަ އެވެ. ޖަޕާނުގެ ބޮޑުވަޒީރު ވަނީ މި ބޭސް އުފައްދާ ފަރާތްތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ. އަދި 128 މިލިއަން ޑޮލަރު ޖަޕާން ސަރުކާރުން މި ބޭސް އުފެއްދުމަށް ފަންޑުކޮށްފައި ވެއެވެ. ނަމަވެސް މި ބޭސް އަދި ބޭނުންކުރުމުގެ ހުއްދަ ނުލިބެ އެވެ.

ރަޝިޔާ ސަރުކާރުން ހުއްދަ ދީފައިވާ ބޭސްތަކުގެ ލިސްޓުގައި މިދިޔަ ހޮނިހިރު ދުވަހު އެވިފަވިއާ ވަނީ ހިމަނާފަ އެވެ.