ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިނުގެ ސުވާލުތަކަށް ރަޝިއާ ރައްދު ދީފި

Aug 12, 2020

މޮސްކޯ (އޯގަސްޓް 12) - ރަޝިއާއިން ކޮވިޑް ބައްޔަށް އުފެއްދި ވެކްސިނާމެދު ސުވާލު އުފައްދަމުން ދަނީ ވާދަވެރި ކުންފުނިތަކުން އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށް ވިދާޅުވެ އެ ގައުމުގެ ހެލްތު މިނިސްޓަރު މީހައިލް މުރަޝްކޯ ރައްދު ދެއްވައިފި އެވެ.

ރަޝިއާ އިން އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް ބޭނުން ކުރަން ފަށާފައި ކަމަށް ރައީސް ލަޑިމިއާ ޕޫޓިން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އެކަން އިއުލާން ކޮށް ދެއްވާ ޕޫޓިން ވިދާޅުވީ ރަސްމީ ކޮވިޑް ވެކްސިން ދޭން ފެށި މީހުންގެ ތެރެއިން އެކަކީ އެމަނިކުފާނުގެ ދަރިކަނބަލުން ކަމަށެވެ. އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޕުޓިން ވިދާޅުވީ ވެކްސިންގެ އަސަރު ރަނގަޅަށް ކުރާކަން ޓެސްޓްތަކުން ހާމަވެފައިވާ ކަމަށާއި. ކޮރޯނާވައިރަހުން ދިފާއުވުމުގެ ބާރު ވެސް ފުރަތަމަ ރަސްމީ ވެކްސިނުގައިވާ ކަމަށެވެ. އަދި ވެކްސިންގެ ޓެސްޓްތަކުގެ މަރުހަލާ ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އިއްޔެ ރަޖިސްޓްރީކޮށް ހުއްދަ ދިން ވެކްސިން ފުރަތަމަ ދޭނީ ފްރޮންޓްލައިންގެ ސިއްހީ މަސައްކަތްތެރިންނާއި ޓީޗަރުންނާއި ހައިރިސްކު މީހުނަށެވެ.

ނަމަވެސް، ވެކްސިން އިންސާނުންނަށް ދިނުން ރައްކާތެރިކާތޯ ކަށަވަރު ކުރުމުގެ ހުރިހާ މަރުހަލާއެއް ނިމުމުގެ ކުރިން އެ ވެކްސިން ރަޖިސްޓްރީކޮށްފައިވާތީ ސިއްހީ މާހިރުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން، އިންސާނުން ރައްކާތެރިވަނީ މި ފަދަ ވެކްސިންތަކުގެ އެންމެ 10 ޕަސެންޓު ކަމަށް ފާހަގަ ކުރަމުން، ކޮވިޑް-19 އިގެ ފުރަތަމަ ވެކްސިން އުފެއްދި ލަގަބު ހޯދަން، ރައްކާތެރިކަމަށް ފަރުވާކުޑަކޮށްފައިވާކަމަށް ސިއްހީ މާހިރުން ގެންދަނީ ވިދާޅުވަމުންނެވެ.

ރަޝިޔާގެ މި ވެކްސިން ފަރުމާކުރި ލެބޯޓްރީގެ ޗީފް އެލެކްސެންޑާ ޖިންޓްސްބާގް ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް މި ވެކްސިން މަސައްކަތް ކުރާނެ ގޮތް ކިޔައި ދެއްވާފާ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ވެކްސިން ޓެސްޓް ކޮށްފައި ވަނީ ވެކްސިން އުފެއްދުމުގައި އުޅުނު ސައިންސްވެރިން އެމީހުންގެ އަމިއްލަ ގަޔަށް ވެކްސިން ޖަހައިގެނެވެ. އަދި އެވެސް ހިއުމަން ޓްރަޔަލްސް ފެށުމުގެ ކުރިންނެވެ. މިއީ ވަރަށް ގިނަ ބައެއް ފާޑުކިޔުން މި ވެކްސިން އަށް އަމާޒުވި އެއް ސަބަބަކަށް ވެސް ވަނީ ވެފަ އެވެ.