ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިއާގެ ކޮވިޑު ވެކްސިން އަންނަ ހަފުތާގައި ރަޖިސްޓްރީކޮށްދެނީ

Aug 8, 2020
1

މޮސްކައު (އޯގަސްޓް 8) - ރަޝިއާގެ ސައިންސްވެރިން އުފައްދާފައިވާ ކޮވިޑް-19 އިގެ ވެކްސިން އަންނަ ބުދަ ދުވަހު ރެޖިސްޓްރީކޮށްދެވޭވަރު ވާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރަޝިއާގެ ޑެޕިޔުޓީ ހެލްތު މިނިސްޓަރު އޮލެގް ގްރިޑްނިއެވް ވިދާޅުވީ، ވެރިރަށް މޮސްކައު ގައި ހުންނަ ގަމަލެޔާ އިންސްޓިޓިއުޓުން އުފެއްދި ވެކްސިން ރަޖިސްޓްރީ ކުރެވުމާއެކު، ވެކްސިން ދިނުމުގައި އެންމެ އިސްކަމެއްދޭނީ ސިއްހީ މުވައްޒަފުންނަށާއި އުމުރުން ދުވަސް މީހުނަށް ކަމަށެވެ.

އެގޮތުން، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ރަޝިއާ ސަރުކާރުގެ ހަރަދުގައި މުޅި ގައުމުގައި ވެކްސިން ދިނުމުގެ ގައުމީ ހަރަކާތެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

"މިހާރު ކުރިއަށްދަނީ ވެކްސިން ޓެސްޓުކުރުމުގެ ތިން ވަނަ އަދި އެންމެ ފަހު މަރުހަލާ. އެކަމަކު މި ޓެސްޓުތަކަކީ ވަރަށް ވެސް މުހިއްމު މަރުހަލާއެއް. މި ވެކްސިންގެ ރައްކާތެރިކަން ޔަގީންކުރެވެންޖެހޭ،" ގްރިޑްނިއޭވް އިއްޔެ ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެއާ ވިދިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކާއެކު ހުރިހާ ލިޔެކިޔުމެއް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

"ރެޖިސްޓްރީ ކޮށްދޭނީ އެ ދިރާސާގެ ނަތީޖާތައް އަންނަ ގޮތަކުން،" އެ ބަޔާނުގައިވެ އެވެ.

ކޮވިޑް-19 އިގެ ފުރަތަމަ ވެކްސިނަށް ހުއްދަ ދޭން ރަޝިއާއިން ތައްޔާރުވަމުން އައި ނަމަވެސް، އެ ވެކްސިނާމެދު ސިއްހީ މާހިރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

އެގޮތުން، ވެކްސިން އުފެއްދި ގޮތާއި، ޓެސްޓު ކުރި ގޮތުގެ މާގިނަ މައުލޫމާތެއް ހާމަކޮށްފައިނުވާތީ، އެ ވެކްސިންގެ ރައްކާތެރިކަމާއި ކާމިޔާބީއާމެދު އެހެން ސިއްހީ މާހިރުން ގެންދަވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ.

އަދި އެ ވެކްސިނަށް އަވަސް އަރުވާލައިގެން ހުއްދަ ދޭން މަސައްކަތްކުރަނީ، ރަޝިއާ ސަރުކާރުގެ ޕްރެޝަރާހެދިކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އިގެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާއިރު، އިނގިރޭސި ވިލާތުގެ އޮކްސްފޯޑާއި، އެމެރިކާ އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ ބޮޑެތި ކުރިއެރުންތައް ހޯދައިފަ އެވެ. ނަމަވެސް، އެ ކުންފުނިތައް އަދިވެސް އުޅެނީ ވެކްސިން ޓެސްޓުކުރުމުގެ ތިން ވަނަ މަރުހަލައިގަ އެވެ. އަދި މާކެޓާ ހަމައަށް ވެކްސިން ފޯރުކޮށްދޭން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ ފާޑުކިއުންތަކުގެ ރައްދުގައި ރަޝިއާ އިން ބުނީ، ވެކްސިން މިހާ އަވަހަށް އުފެއްދުނީ، އެހެން ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ ވެކްސިނެއް މޮޑިފައި ކުރުމުގެ ސަބަބުން ކަމަށެވެ.

އަދި ވެކްސިނާގުޅޭ ހުރިހާ މައުލޫމާތެއް އެހެން ސައިންސްވެރިންނާ މި މަހުގެ ތެރޭގައި ހިއްސާ ކުރާނެކަމަށްވެސް ވަނީ ބުނެފަ އެވެ.