ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަންނަ މަހު ހުއްދަ ދޭ ރަޝިއާގެ ކޮވިޑު ވެކްސިނާމެދު ސުވާލު އުފައްދައިފި

Jul 29, 2020
1

މޮސްކައު (ޖުލައި 29) - އަންނަ މަހުގެ ތެރޭގައި ރަޝިއާއިން އުފައްދާފައިވާ ކޮވިޑް-19 އިގެ ވެކްސިނަށް ހުއްދަ ދޭން ތައްޔާރުވަމުން އަންނަކަމަށް އެ ގައުމުން ބުނެފައިވީ ނަމަވެސް، އެ ވެކްސިނާމެދު ސިއްހީ މާހިރުން ސުވާލު އުފައްދައިފި އެވެ.

ވެރިރަށް މޮސްކައު ގައި ހުންނަ ގަމަލެޔާ އިންސްޓިޓިއުޓުން އުފެއްދި ވެކްސިނަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުއްދަ ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ކަމާބެހޭ އޮފިޝަލުން ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ.

އެ ވެކްސިނަށް ހުއްދަ ދިނުމާއެކު، އެ އެންމެ ފުރަތަމަ ދޭނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ މީހުނަށްކަމަށްވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ވެކްސިން އުފެއްދި ގޮތާއި، ޓެސްޓު ކުރި ގޮތުގެ މާގިނަ މައުލޫމާތެއް ހާމަކޮށްފައިނުވާތީ، އެ ވެކްސިންގެ ރައްކާތެރިކަމާއި ކާމިޔާބީއާމެދު އެހެން ސިއްހީ މާހިރުން ގެންދަވަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ.

އަދި އެ ވެކްސިނަށް އަވަސް އަރުވާލައިގެން ހުއްދަ ދޭން މަސައްކަތްކުރަނީ، ރަޝިއާ ސަރުކާރުގެ ޕްރެޝަރާހެދިކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 އިގެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާއިރު، އިނގިރޭސި ވިލާތުގެ އޮކްސްފޯޑާއި، އެމެރިކާ އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ ބޮޑެތި ކުރިއެރުންތައް ހޯދައިފަ އެވެ. ނަމަވެސް، އެ ކުންފުނިތައް އަދިވެސް އުޅެނީ ވެކްސިން ޓެސްޓުކުރުމުގެ ތިން ވަނަ މަރުހަލައިގަ އެވެ. އަދި މާކެޓާ ހަމައަށް ވެކްސިން ފޯރުކޮށްދޭން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ ފާޑުކިއުންތަކުގެ ރައްދުގައި ރަޝިއާ އިން ބުނީ، ވެކްސިން މިހާ އަވަހަށް އުފެއްދުނީ، އެހެން ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރާ ވެކްސިނެއް މޮޑިފައި ކުރުމުގެ ސަބަބުން ކަމަށެވެ.

އަދި ވެކްސިނާގުޅޭ ހުރިހާ މައުލޫމާތެއް އެހެން ސައިންސްވެރިންނާ އަންނަ މަހު ހިއްސާ ކުރާނެކަމަށްވެސް ވަނީ ބުނެފަ އެވެ.