ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިއާގެ ބޮޑުވަޒީރު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

May 1, 2020

މޮސްކޯ (މެއި 1) - ރަޝިއާގެ ބޮޑުވަޒީރު މީކާއީލް މިޝުސްޓިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެމަނިކުފާނު އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ، 7،009 ކޭހާއެކު، އެއް ދުވަހުގެ ތެރޭގައި ރަޝިއާގައި އެ ބަލި ޖެހުނު މީހުންގެ ރެކޯޑެއް ރިޕޯޓު ކޮށްފައި ވަނިކޮށެވެ. އެއާއެކު، ރަޝިއާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 100،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

މިދިއަ ޖެނުއަރީ މަހު ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަނު ކުރެވުނު މިޝުސްޓިން ގެންދަވަނީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރައްވަމުންނެވެ.

މިޝުސްޓިން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ބައްޔަށް ޕޮޒިޓިވްވި ހަބަރު، ރަޝިއާގެ ރައީސް ވުލެޑެމީރު ޕޫޓިންއާ ހިއްސާ ކުރައްވައިފަ އެވެ. އަދި އެ ވީޑިއޯ ކޮންފަރަންސް ވަނީ ރަޝިއާގެ ޓީވީތަކުން ލައިވްވެސް ކޮށްފަ އެވެ.

"ކޮރޯނާވައިރަހަށް އަޅުގަނޑު ނެގި ޓެސްޓު ވަނީ ޕޮޒިޓިވްވެފައި،" މިޝުސްޓިން ޕޫޓިން އަރިހު ވިދާޅުވި އެވެ.

ކަރަންޓީނުގައި ހުންނަވާ ދުވަސްތަކުގައި، އެމަނިކުފާނުގެ މަސްއޫލިއްޔަތު ބޮޑުވަޒީރުގެ ނައިބާ ހަވާލު ކުރައްވާނެ ކަމަށްވެސް މިޝުސްޓިން އިތުރަށް ވިދާޅުވި އެވެ.

ޕޫޓިން ވަނީ މިޝުސްޓިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި، ޝުކުރު އަދާ ކުރައްވައިފަ އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވީނަމަވެސް، އޭގެ ތެރެއިން މިހާތަނަށް މަރުވި 1،073 އަކީ ރަޝިއާގެ އާބާދީއަށް ބަލާއިރު މަދު އަދަދެއް ކަމަށް ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.