ހަބަރު

ވަރަށް ގިނަ ދިވެހިންނަށް ވަހީދު ފެނުމުން ބާޣީއަށް ގޮވޭނެ: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް ކަން ކުރެއްވި އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ފެނުމުން ވަރަށް ގިނަ ދިވެހިންނަށް "ބާޣީ" އަށް ގޮވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓެއް ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ އުސްފަސްގަނޑު ސަރަހައްދަށް ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އޭނާއަށް ފުރައްސާރަ ކުރުމުން އެ ކަން ޓްވީޓަކުން ހާމަކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި އެމަނިކުފާނު ލިއުއްވާފައި ވަނީ އެމަނިކުފާނުގެ އޭރުގެ ނައިބު ރައީސް 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު "ބަޣާވާތަކުން" ބަދަލު ކުރައްވައި އިންތިހާބުނުވެ ރައީސްކަން ކުރެއްވި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.

"އެހެންކަމުން ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން ބާޣީއަަށް ގޮވޭ،" ނަޝީދުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ރައީސް ވަހީދު ވިދާޅުވެފައިވާ ގޮތުގައި އޭނާއަށް ފުރައްސާރަކޮށް ދިމާކޮށްލީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ޖެރޯ އެވެ. ރައީސް ވަހީދުގެ އެ ޓްވީޓާ ގުޅިގެން ޖެރޯގެ ދިފާއުގައި އެމްޑީޕީގެ ގިނަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ޓްވީޓު ކުރެއްވި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވެސް ވަނީ ރައީސް ވަހީދު ދެއްކެވީ ދޮގު ވާހަކައެއް ކަމަށް ބުނެ އެ ކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެމްޑީޕީން ބުނީ ރައީސް ވަހީދަށް އެ ޕާޓީގެ އެކްޓިވިސްޓަކު ހަމައެކަނި "ބާޣީ" އަށް ގޮވުމުން "ޖިސްމާނީ ހަމަލާއެއް" ދީފި ކަމަށް ދޭހަވާ ގޮތަށް ރައީސް ވަހީދު ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ރައީސް ވަހީދާ މަގުމަތިން ދިމާކޮށްލި ވަގުތު އެމަނިކުފާނުގެ އަރިހުގައި ތިބި ސެކިއުރިޓީން ވަނީ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ. ފުލުހުން ބުނެފައިވަނީ އެ ކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ކުރީގެ ރައީސުންނަށް ލިބިދޭ އިނާތްތަކުގެ ދަށުން އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް ލިބެ އެވެ.

ރައީސް ވަހީދުގެ އެ ޓުވީޓާ ގުޅިގެން ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ފުރައްސާރަ ކުރުން ކުށްވެރި ވެސް ކުރަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ރައީސް ވަހީދަށް ގުޅުއްވައި އެމަނިކުފާނާއި އެމަނިކުފާނުގެ ހާލު ބައްލަވައިފަ އެވެ.

ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސެވެ. އަދި ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. އޭގެ ފަހުން އެމްޑީޕީގެ އެކްޓީވިސްޓުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާ ބޭފުޅަކީ ރައީސް ވަހީދެވެ.